މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ރައްޔިތުންނަށް ދެމުންގެންދާ ހިދުމަތްތައް ފަހި ކުރުމުގެ ގޮތުން ޏ. ފުވައްމުލަކުގައި އެ އޮތޯރިޓީގެ ބްރާންޗެއް ހުޅުވައިފި އެވެ.

މީރާގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ ފުވައްމުލަކުގައި ހުޅުވި މީރާގެ ސެންޓަރުގެ ކައުންޓަރު ހުންނާނީ ފުވައްމުލަކުގައި ހުންނަ އިމިގްރޭޝަން އޮފީހުގައި ކަމަށެވެ.

އެ ސެންޓަރުން ވެސް މާލޭގައި ހުންނަ މީރާގެ އިދާރާއިން ލިބޭ ހުރިހާ ހިދުމަތްތަކެއް ވެސް ލިބޭނެކަމަށް އޮފިޝަލް ވިދާޅުވި އެވެ.

މިރާގެ ފުވައްމުލަކު ބްރާންޗުން ލިބެން ހުރި ބައެއް ހިދުމަތްތަކުގެ ތެރޭގައި ވިޔަފާރިތައް ޓެކްސް ތަކަށް ރަޖިސްޓްރީ ކުރުމާއި ޖީއެސްޓީ އަދި ބީޕީޓީ ބަޔާން ބަލައިގަތުމާއި ޓެކްސްގެ ފައިސާ އާއި އަދި ދައުލަތަށް ދައްކަން ޖެހޭ އިތުރު ފީތައް ބަލައިގަތުމުގެ އިތުރުން ޓެކުހާއި ގުޅުންހުރި މައުލޫމާތު ބޭނުންފުޅުވާ ފަރާތްތަކަށް އެކމައުލޫމާތުތައް ފޯރުކޮށްދިނުން ހިމެނެ އެވެ.

ފުވައްމުލަކުގައި މީރާގެ އިދާރާއެއް ހުޅުވި އިރު މީރާގެ އިތުރު ބްރާންޗެއް ހދ. ކުޅުދުއްފުށީގައި ވެސް ހުޅުވައި ހިދުމަތްދެމުން އާދެ އެވެ.