08 Mar 2015, 13:42
ޓުވީޓްތަކަކާ ގުޅިގެން އެކަހެރި ކުރި، އެމްބީސީގެ ސީނިއާ ޖާނަލިސްޓް އަލީ ޝާމިން ވަޒީފާ އިން ވަކިކޮށްފި އެވެ.
އަލީ ޝާމިން ވަޒީފާ އިން ވަކި ކުރި ކަމުގެ ލިޔުމުގައި ވަނީ ވަޒީފާ އާ ބެހޭ ގާނޫނުގެ 23 ވަނަ މާއްދާ އަށް ބިނާކޮށް "ވަޒިފާގައި އިތުރަށް ބެހެއްޓުމުން ވަޒީފާދޭ ފަރާތަށް ނުވަތަ ވަޒީފާ އަދާކުރާ ތަނަށް ގެއްލުންތަކެއް ލިބިދާނެތީ ވަޒީފާ އިން ވަކިކުރެވިފައި"ވާ ކަމަށެވެ.
އެކަމާ ގުޅިގެން އަލީ ޝާމިން ބުނީ "މިއީ އެމްބީސީ އިން ވަރަށް ނާއިިންސާފުން ނިންމާފައިވާ ނިންމުމެއް" ކަމަށާއި "މި މައްސަލަ ވަޒީފާ އާ ބެހޭ ޓްރައިބިއުނަލް އަށް ހުށަހަޅާނަން" ކަމަށެވެ.
އެމްބީސީގެ ސްޕޯކްސްޕާސަން އަބްދުﷲ ރަމީޒު މިއަދު "ސަން" އަށް ވިދާޅުވީ ޝާމިން ވަޒީފާ އިން ވަކިކުރީ އެމްބީސީގެ ގަވާއިދާ ހިލާފަށް "ތަނުގެ އަގުވައްޓާލަން ތަކުރާރުކޮށް މަސައްކަތްކޮށްފައިވާތީ" ކަމަށެވެ. އަދި ވިދާޅުވީ އެމްބީސީ ހިންގަނީ ގަވާއިދެއްގެ ދަށުން ކަމަށާއި ތަނުގެ މުވަޒަފުން އަމަލު ކުރަން ޖެހޭނީ އެ ގަވާއިދާ އެއްގޮތަށް ކަމަށެވެ.
ފެބްރުއަރީ 24 ގައި އަލީ ޝާމިން ވަނީ މުއްދަތެއް ނެތް ގޮތަށް ވަޒީފާ އިން އެކަހެރިކޮށްފަ އެވެ. އަދި އެއީ އޭނާ ކުރި ޓުވީޓްތަކަކާ ގުޅިގެންނެވެ. އޭނާ ކުރި ބައެއް ޓުވީޓްތަކުގައި ބުނީ އެމްބީސީ ހިންގަމުން އަންނަނީ އެ މުވައްސަސާގެ ގާނޫނުގެ 38 ވަނަ މާއްދާ އާއި 39 ވަނަ މާއްދާއާ ހިލާފަށް ކަމަށެވެ. އަދި ބުނީ މިހާރު ޓީވީއެމް އިން ބްރޭކިން ނިއުސް އަށް މީހުން އިންތިޒާރު ނުކުރާ ކަމަށާއި އެއީ ޓީވީއެމް އިން އެހެން މީޑިއާތަކަށް ވުރެ އަވަހަށް ހަބަރު ނުގެނެސްދޭތީ ކަމަށެވެ.
އަލީ ޝާމިނަކީ މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ އިން ބެޗްލާ އޮފް އާޓްސް އިން ޖާނަލިޒަމް ހާސިލްކޮށްފައިވާ ނޫސްވެރިއެކެވެ.