މާލޭގެ ގެއެއްގައި ބަނގުރާ ކައްކަމުން ދިޔަ ބިދޭސީއަކު 20 ލިޓަރުގެ 19 ހަަން ބަނގުރަލާ އެކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ސަން އަށް ވިދާޅުވީ މ. ސަންމާމުއާގެ އިން ގިނަ އަދަދެއްގެ ބަނގުރަލާ އެކު އުމުރުން 22 އަހަރުގެ ބަނގުލަދޭޝް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެގެ ބަލައި ފާސް ކުރި އިރު، އެގޭގެ ތެރެއިން އަމިއްލަ އަށް އުފައްދާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ފެނިފައިވާ ކަމަށެވެ.

މާލޭގައި ބަނގުރާ ކައްކަމުން ދިޔަ ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހާ --

އެގޮތުން ބަނގުރާ އަޅާފައި ހުރި 20 ލީޓަރުގެ 19 ހަމާއި ބަނގުރާ އަޅާފައި ހުރި ފަސް ލީޓަރުގެ ހަތަރު ފުޅީގެ އިތުރުން 1.5 ލީޓަރުގެ ކުޑަ ދެ ފުޅިއަށް އަޅާފައި ހުރި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.

ފުލުހުން ބުނީ ބަނގުރާ އަޅާފައި ހުރި އެއްޗެހީގެ އިތުރުން ބަނގުރާ ކެއްކުމަށް ބޭނުންކުރާ ޒާތުގެ އާލާތްތައް ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.