08 Mar 2015, 12:50
ޕީޕީއެމް އިން އިސްނަގައިގެން އިއްޔެ މާލޭގައި ކުރިއަށް ގެންދިޔަ ސައިކަލު ބުރު ނިންމާލުމަށް ފަހު ވާހަކަ ދަކައްވަމުން، ސަރުކާރު ހިންގާ ޕީޕީއެމްގެ ނާއިބު ލީޑަރު އަދި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ދެއްކެވި ވާހަކަފުޅުގައި ހަމަނުޖެހުން އުފެދޭ ގޮތަށް ވާހަކަ ދައްކަވާފައިވާ ކަމަށް ބުނެ، އިދިކޮޅު އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެމްޑީޕީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ހައްޔަރު ކުރުމަށާއި އެމަނިކުފާނުގެ ޝަރީއަތް އަވަސް ކުރުމަށް ގޮވާލާ ބޭއްވި ސައިކަލު ބުރުގައި އިސްކޮށް ތިއްބެވީ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބުއާ އަދި ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލް ކަމަށެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ އިއްޔެ ބޭއްވި ސައިކަލު ބުރުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި މިނިސްޓްރީތަކުގެ ޑެޕިއުޓީ މިނިސްޓަރުންނާއި މިނިސްޓްރީތަކުގެ ކޯޑިނޭޓަރުންގެ އިތުރުން "މަޝްހޫރު" ގޭންގު ގުރޫޕުތައް ވެސް ބައިވެރިވެފައިވާ ކަމަށެވެ.
"މިދިޔަ މަހުގެ 27 ވަނަ ދުވަހު ބޭއްވި މުޒާހަރާ ސުލްހަވެރިކޮށް ކުރިއަށް ދަނިކޮށް ގޭންގު ގުރޫޕު އަކުން ވަޅިއާ ލަކުޑި ބުރި ހިފައިގެން އައިސް ވަނީ އެ މުޒާހަރާއަށް ހަމަލާ ދީފައި." އެމްޑީޕީ އިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
ޕީޕީއެމް އިން އިސްނަގައިގެން އިއްޔެ މާލޭގައި ކުރިއަށް ގެންދިޔަ ސައިކަލު ބުރު ނިންމާލެއްވުމަށް ފަހު ވާހަކަ ދައްކަވަމުން މިނިސްޓަރު އަދީބު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މަގުތަކަށް އެއްވެ މުޒާހަރާ ކުރާ ނަމަ ސަރުކާރަށް ތާއިދު ކުރާ ޒުވާނުން ވެސް މަގުތަކަށް ނުކުންނާނެ ކަމަށާއި ޒުވާނުން ރުޅިއައިސްފި ނަމަ "ސަކަރާތް" ވެދާނެ ކަމަށެވެ.
އަދީބު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ގެއަށް ވަނުމަށް އިލްތިމާސް ކުރައްވާ ކަމަށާއި އޭރުން ސަރުކާރަށް ތާއިދު ކުރާ ޒުވާނުން ވެސް "މަޑުމަޑުން ގޭގައި ތިބޭނެ" ކަމަށެވެ.