08 Mar 2015, 12:39
ދަރުބާރުގެ ކުރިމަތިން އޮންނަ އިރުދޭމާ ހިނގުމުގައި ހިންގި މަރާމާރީއެއްގައި ތޫނުއެއްޗަކުން ހަމަލަދީ މަރާލި، ޖައިލަމްގެ މަރާ ގުޅިގެން މީހަކު ހޯދަން އިއުލާން ކޮށްފި އެވެ.
ޖައިލަމްގެ މަރާ ގުޅިގެން ހޯދުމަށް ފުލުހުން އިއުލާން ކޮށްފައި ވަނީ ގއ. ވިލިނގިލި، ފިޔަޖަހާގެ، މުހައްމަދު ހުމައިދު 18، އެވެ. އޭނަ ހޯދަން އިއުލާން ކޮށްފައި ވަނީ އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ހޯދައި ނުފެނިގެން ކަމަށް ފުލުހުން ބުނެ އެވެ.
ހ. ހަންޑްރެޑްފްލާވާ، ޖައިލަމް އަޙްމަދު ޝާކިރު، 23، އަށް މިދިޔަ މަހުގެ 21 ވަނަ ދުވަހުގެ ރޭ ތޫނުއެއްޗަކުން ހަމަލަދީ މަރާލި މައްސަލައާ ގުޅިގެން މިހާތަނަށް ވަނީ ދެމީހަކު ހައްޔަރު ކޮށްފަ އެވެ.
ކޯޓު އަމުރެއްގެ ދަށުން މި މަހުގެ ތިން ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ހައްޔަރުކޮށްފައި ވަނީ 22 އަހަރުގެ ފިރިހެނަކާއި 19 އަހަރުގެ ފިރިހެނެކެވެ.
ޖައިލަމްގެ މަރުގެ މައްސަލަ ތަހުގީގު ކުރަމުން ދަނީ އެފަދަ މައްސަލަތަކުގެ ތަހުގީގު އަވަސް ކުރުމުގެ ގޮތުން ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގައި އެކުލަވާލާފައިވާ ޚާއްޞަ ތަހުގީގު ޓީމަކުން ކަމަށް ފުލުހުން ބުންޏެވެ.
ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ އެ ޒުވާނާގެ ހަށިގަނޑުން އެންމެ ބޮޑަށް ޒަހަމްވެފައި ވަނީ އޭނާގެ ކަރެވެ. އޭނާގެ ކަރަށް ވަޅިން ދިން ހަމަލާގައި ސިކުނޑިއަށް ލޭ ފޮނުވައިދޭ ނާރުތައް ވަނީ ބުރިވެފަ އެވެ.