އެޗްޑީސީ އާއި ހުޅުމާލެ ޕޮލިސް ގުޅިގެން ކުރިއަށް ގެންދާ ޔޫތު ސިޓީ ޕޮލިސް ވޮލީބޯލް ޗެލެންޖުގައި، އިއްޔެގެ މެޗުތައް ކާމިޔާބުކޮށް، މުބާރާތުގެ ގްރޫޕް 'އޭ' އިން ޓީމް އެމްޓީސީސީ އާއި ހުޅުމާލެ ޕާކް ބޯއިސް ސެމީ ފައިނަލްގެ ޖާގަ ކަށަވަރު ކޮށްފި އެވެ.

އެ މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ބައްދަލުކުރީ އެމްޓީސީސީ އާއި ސަންސެޓް ޔޫތު އެވެ. އެ މެޗު އެމްޓީސީސީ ކާމިޔާބުކުރީ ސީދާ ތިން ސެޓުން ނެވެ. މެޗުގެ ސެޓުތައް އެމްޓީސީސީ ގެންދިޔައީ ފަސޭހަކަމާ އެކު 10-25، 16-25 އަދި 12-25 ގެ ނަތީޖާއަކުން ނެވެ. އަދި އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެމްޓީސީސީގެ ހުޒާމް (ހުޒާންޓޭ) އެވެ.

ހުޅުމާލެ ޕާކް ބޯއިސްވެސް މިހާރު މުބާރާތުގެ ސެމީން ޖާގަ ކަށަވަރު ކޮށްފައިވާ އިރު، އެ ޓީމް އިއްޔެ ރޭ ކުޅުނު މެޗުގައި ބައްދަލުކުރީ ކްލަބް އެޗްޑީސީ އާ އެވެ. އެ މެޗު ޕާކް ބޯއިސް ކާމިޔާބު ކުރީ 3-1 ސެޓުންނެވެ. ވާދަވެރި ކުޅުމަކަށް ފަހު މެޗުގެ ފުރަތަމަ ދެ ސެޓު 22-25 އަދި 23-25 ގެ ނަތީޖާއަކުން ކާމިޔާބު ކުރީ ޕާކް ބޯއިސް އެވެ.

މެޗުގެ ތިން ވަނަ ސެޓުގައި ކުޅުން ރަނގަޅުކޮށް، ކްލަބް އެޗްޑިސީ ވަނީ އެ ސެޓު 17-25 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފަ އެވެ. ނަމަވެސް މެޗުގެ ތިންވަނަ ސެޓު ފަސޭހަ ކަމާ އެކު 10-25 ގެ ނަތީޖާއަކުން ހޯދީ ޕާކް ބޯއިސް އެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހުޅުމާލެ ޕާކް ބޯއިސްގެ ޝާހު އިސްމާއިލް އެވެ.

ގްރޫޕް 'އޭ'ގައި ކޮންމެ ޓީމެއްވެސް ތިން މެޗު ކުޅެން ހަމަޖެހިފައިވާ އިރު، އެމްޓީސީސީ އާއި ޕާކް ބޯއިސް ކޮންމެ ޓީމެއް ވެސް ވަނީ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި މިހާތަނަށް ކުޅުނު ދެ މެޗުވެސް ކާމިޔާބު ކޮށްފަ އެވެ. މުބާރާތުގެ ގްރޫޕް 'އޭ'ގެ ގްރޫޕް ސްޓޭޖުގެ އެންމެ ފަހު މެޗުގައި ބައްދަލުކުރަން ހަމަޖެހިފައި ވަނީ އެ ދެ ޓީމެވެ.

މުބާރާތުގެ ގްރޫޕް 'ބީ'ގެ ގްރޫޕް ސްޓޭޖުގެ މެޗުތައް މިހާރު ނިމިފައިވާ އިރު، އެ ގްރޫޕުގެ އެއްވަނަ ޓީމެއްގެ ގޮތުގައި ސެމީއަށް ދަތުރުކޮށްފައި ވަނީ ހުޅުމާލެ ޕޮލިސް އެވެ. ގްރޫޕް ސްޓޭޖުގައި ގްރޫޕް 'ބީ'ގައި ކޮންމެ ޓީމެއް ދެ މެޗު ކުޅެން ހަމަޖެހިފައިވާ އިރު، އެ ޓީމް ވަނީ ކުޅުނު ދެ މެޗުވެސް ކާމިޔާބު ކޮށްފަ އެވެ.

މުބާރާތުގެ ގްރޫޕް 'ބީ'އިން ސްޓެލްކޯ ރެކްރިއޭޝަން ސެމީއަށް ދަތުރުކުރީ ކުޅުނު ދެ މެޗުގެ ތެރެއިން އެ މެޗު ކާމިޔާބު ކޮށްގެނެވެ. އަދި އެ ގްރޫޕްގައި ހިމެނޭ ތިން ވަނަ ޓީމް، ޓީއެމްއޭ، މުބާރާތުން ކަޓާފައި ވަނީ ކުޅުނު ދެ މެޗުންވެސް ބަލިވެގެންނެވެ.