08 Mar 2015, 12:29
ރަށު ކައުންސިލްތަކާއި ރަށު ތަރައްގީ އަށް ހަދާފައި ހުންނަ، އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީތަކާ އޮންނަން ޖެހޭ ގުޅުން ކުޑަވުމަކީ އަންހެނުންގެ ކޮމެޓީތަކަށް ހުރި ގޮންޖެހުމެއް ކަމަށް ޓްރާސްޕޭރަންސީ މޯލްޑިވްސް އިން ބުނެފި އެވެ.
ރާއްޖޭގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތައް ހިނގާ ގޮތް ބެލުމަށް ފަހު ޓްރާސްޕޭރަންސީ މޯލްޑިވްސް އިން މިއަދު ނެރުނު ދިރާސާ ރިޕޯޓެއްގައި ބުނެފައި ވަނީ، އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީތަކަކީ ކުރީ ޒަމާނުއްސުރެއް ވެސް އަންހެނުން ސިޔާސީ މައިދާނަށް ނެރުމަށާއި ރަށުގެ ތަރައްގީ އަށް ނިންމަން ޖެހޭ މުހިއްމު ނިންމުންތަކުގައި މުހިއްމު ބިންގަލެއް ކަމަށެވެ.
ނަމަވެސް ލާމަރުކަޒީ ގާނޫނުގެ ދަށުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތައް ނުހިންގޭ ކަން ފާހަގަކޮށް އެ ރިޕޯޓުގައި ބުނެފައި ވަނީ، އެފަދަ ކޮމެޓީތައް ދެމިއޮތުމާއި އެފަދަ ކޮމެޓީތަކަށް ބާރުދޭ ނިޒާމެއް ތަރައްގީ ކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ.
"މާލީ އެހީތެރިކަމާއި ތަކެތީގެ އެހީތެރިކަން ނެތުމާއި ރަށު ކައުންސިލްތަކާއި އޮންނަ ގުޅުން ކުޑަވުމުގެ އިތުރުން އާންމު ދިރިއުޅުމުގައި އަންހެނުން މަސައްކަތްކުރުމުގައި މުޖުތަމައު ދެކޭ ނުރަނގަޅު ގޮތަކީ އަތޮޅުތަކުގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީތަކަށް އޮތް މައިގަނޑު ގޮންޖެހުންތައް،" ދުނިޔޭގައި މިއަދު ފާހަގަކުރާ އަންހެނުންގެ ދުވަހާ ގުޅުވައިގެން ޓްރާސްޕޭރަންސީ މޯލްޑިވްސް އިން ނެރުނު ރިޕޯޓުގައި ބުނެފައިވެ އެވެ.
އެ ދިރާސާގެ އަލީގައި އަންހެނުންގެ ކޮމެޓީތައް މިހާރަށް ވުރެ ހަރުދަނާކޮށް ހިންގުމަށް އިސްލާހުކުރަން ޖެހޭ ކަންތައްތަކެއް ވެސް ޓްރާސްޕޭރަންސީ އިން ވަނީ ރިޕޯޓުގައި ފާހަގަކޮށްފަ އެވެ.
އެގޮތުން، ލާމަރުކަޒީ ގާނޫނުގައިވާ ގޮތުގެ މަތިން އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީތަކާއި ކައުންސިލްތަކުން މަޝްވަރާކުރުމަށާއި ރަށު ކައުންސިލުތަކުން ކޮމެޓީތަކަށް ބޭނުންވާ މައުލޫމާތު ބަދަލުކުރުމުގެ ނިޒާމެއް އެކުލަވާލުމުގެ އިތުރުން އެފަދަ ކޮމެޓީތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި މާލީ އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކެއް ހަމަޖެއްސުމަށް ފާހަގަކޮށްފައިވެ އެވެ.
މީގެ އިތުރުން، ތަންފީޒީ އިދާރާތަކުގެ ދައުރު އަންހެނުން ކޮމެޓީތަކަށް އޮޅުންފިލުވައިދީ އެކަމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށާއި އަންހެނުންގެ ކޮމެޓީގެ ގާބިލްކަން އިތުރުކުރުމަށް ޓަކާއި ބޭނުންވާ ތަމްރީނާއި ހުނަރު ފަހިކޮށްދިނުމުގެ އިތުރުން، ފިރިހެނުންނަށް ވެސް އަންހެނުން ކޮމެޓީތަކުގެ އިންތިހާބުގައި ވާދަކޮށް ކޮމެޓީގެ މެންބަރަކަށް ވުމުގެ ފުރުސަތު ހުޅުވާލުމަށް ހިމަނާފައިވެ އެވެ.