08 Mar 2015, 12:25
ގައުމުގެ އެހެނިހެން ކަންކަމުގައި ފެންނަ ކުރިއެރުން އަންހެނުންގެ ހައްގު ކަށަވަރުކޮށްދިނުމުގައި ފެނިގެން ނުދާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން( އެޗުއާރުސީއެމް) އިން ބުނެފި އެވެ.
ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހާ ގުޅިގެން އެ ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސާސްކަފުގެ ލަނޑުދަނޑިތަކުގެ ތެރެއިން ވެސް ހާސިލް ނުކުރެވި ނުވަތަ އެދެވޭ ކުރިއެރުމެއް ލިބިފައިނުވާ ދާއިރާ އަކީ އަންހެނުންގެ ހައްގުތައް ފިރިހެނުންނަކޭ އެއްހަމައެއްގައި ހޯދައިދިނުން ކަމަށެވެ.
"ގެވެށި އަނިޔާގެ މައްސަލަ ރިޕޯޓް ކުރެވުނު ކަމުގައި ވިޔަސް އެފަދަ މައްސަލަތަކުގައި އަމަލުކުރުމަށް ދައުލަތުގެ ކަމާ ގުޅުން ހުރި ފަރާތްތަކަށް ލާޒިމްކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް އަމަލު ކުރެވެމުންނުދާ ކަން ފާހަގަކުރަމެވެ." ކޮމިޝަނުގެ ބަޔާނުގައިވެ އެވެ.
އަންހެނުންގެ ހައްގުތައް ކަށަވަރުކޮށް ދިނުމުގެ މަގުސަދުގައި މުހިއްމު ގާނޫނުތަކެއް އައިސްފާވާ ކަމަށާއި އެހެންނަމަވެސް މިފަދަ މުހިއްމު ގާނޫނުތަކަކުން ލިބެން ޖެހޭ ރައްކާތެރިކަން އަންހެނުންނަށް ލިބެމުން ނުދާ ކަމަށް މި ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.
އަދި އަންހެނުންގެ ހައްގުތައް ރައްކާތެރިކޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރަން ގާނޫނުން މަތިކޮށްފައިވާ ހުރިހާ ފަރާތްތަކަށް އެކަން ކުރުމަށް ބޭނުންވާ ބަޖެޓްދީ އަތޮޅުތެރޭގައި ގާއިމުކޮށްފައިވާ އަމާން ހިޔާތަކުގައި ފެންވަރު ރަނގަޅުކޮށް އެތަންތަނަށް ބޭނުންވާ ފަންނީ މީހުން ތަމްރީނު ކުރުމަށް ވެސް އެ ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފަ އެވެ.
މި އަހަރުގެ އަންހެނުންގެ ދުވަހުގެ ޝިއާރަކަށް އދ. އިން ކަނޑައަޅާފައިވާ ޝިއާރަކީ "އެމްޕަވަރިން ވިމެން، އެމްޕަވަރިން ހިއުމޭނިޓީ: ޕިކްޗާ އިޓް" އެވެ.