ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހާ ގުޅުވައިގެން ގައުމީ ތަރައްގީއަށް ލާބަޔާއި މަންފާ ލިބޭފަދަ އަގުހުރި ޚިދުމަތްތަކެއް ކޮށްދީފައިވާ އަންހެނުންނަށް ސަރުކާރުންދޭ "ރެހެންދި" އެވޯޑް ތިން ބޭފުޅަކަށް ދެއްވައިފި އެވެ.

މިއަހަރުގެ ރެހެންދި އެވޯޑް ހާސިލްކުރައްވާފައިވާ ތިން އަންހެން ކަނބަލުންނަކީ އއ. ތޮއްޑޫ ދޫރެސް، ގަމީރާ އާދަމް އާއި މ. މުލި މާކޯނި، ނަސީމާ މުހައްމަދު ކަލޭފާނު އާއި މަޝްހޫރު ވާހަކަލިޔުންތެރިޔާ މއ. ކަބީލާގެ ފާތިމަތު ނަހުލާ އެވެ.

އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު އިސްލާމީ މަރުކަޒުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ރެހެންދި އެވޯޑް އެ ދެބޭފުޅުންނާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުއްﷲ ޔާމީން އެވެ. އެ އެވޯޑާއެކު ދޭ ފައިސާގެ އިނާމާއި ގޮފިކޮޅު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް އެވެ.

ގަމީރާ އަށް ރެހެންދި އެވޯޑް ދެއްވާފައި ވަނީ ދަނޑުވެރިކަމުގެ ދާއިރާއިން ފާހަގަކުރެވޭ ވަރުގެ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި މިހާރުވެސް ކުރައްވަމުން އަންނަ ބޭކަނބަލަކަށް ވާތީ އެވެ. އެގޮތުން އޭނާ މިހާރުވެސް ފަޅު ރަށެއްގައި ދަނޑުވެރިކަމުގެ ގިނަ ބާވަތްތަކެއް ހައްދަމުން އަންނަ އިރު ރިސޯޓްތަކަށް ސަޕްލައި ކުރުމުގެ މަސައްކަތް ކުރެއެވެ. އުފަން ރަށް، އއ. ތޮއްޑޫގައި ދަނޑުވެރިކަން ފަށައިގެން ކުރިއަށް ދިޔަ ގަމީރާ މިހާރު ވަނީ އެ މަސައްކަތް ފުޅާކޮށް ދަނޑުވެރިކަމާ ގުޅޭ ފޮތެއް ލިޔުއްވުމުގެ މަސައްކަތް ފައްޓަވާފަ އެވެ.

ނަހުލާ އަށް ރެހެންދި އެވޯޑް ދެއްވީ އޭނާ އަކީ ފިލްމާއި ވާހަކަ ފޮތްތައް މެދުވެރިކޮށް މުޖުތަމައުއަށް ގިނަ އަގުހުރު ފިލާވަޅުތަކެއް ލިއްބައިދީފައިވާ ކަނބަލަކަށް ވާތީ އެވެ. އެގޮތުން ފިލްމް ޑައިރެކްޓް ކުރުމުގެ ދާއިރާގައި ނަހުލާއަކީ އަރާ ހުންނެވި ތަރިއެކެވެ. ބޭރުގެ އެކި ސިނަމާތަކުގައި ވެސް ނަހުލާގެ "ޔޫސުފް" ފަދަ ފިލްމުތައް ވަނީ ފިޔަޖަހާލާފަ އެވެ.

ނަސީމާ އަށް ރެހެންދި އެވޯޑް ދެއްވީ އޭނާ އަކީ މ. މުލީގައި އަންހެނުންގެ ކޮމިޓީ އެއ އުފައްދައިގެން އެރަށުގެ އަންހެނުންގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ މީހަކަށް ވާތީ އެވެ. އެގޮތުން ކޮމިޓީގެ ދަށުން ބަޖެޓް އެއްކޮށް ޕްރީ ސްްކޫލެއް ހުޅުވައިފައި ވެއެވެ. އަދި އަތޮޅުގެ ޒިންމާދާރު ވެރިޔާގެ މަގާމުގެ އިތުރުން އަތޮޅުވެރިޔާގެ އެހީތެރިޔާގެ މަގާމުވެސް އޭނާ ވަނީ ފުރުއްވާފަ އެވެ. މީގެ އިތުރުން ވެސް އޭނާ ވަނީ ހިލޭ ސާބަހަށް ފޫޅުމާކަން ވެސް ކޮށްދެއްވާފަ އެވެ.

މިއަހަރުގެ ރެހެންދި އެވޯޑަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި އެ އެވޯޑަށް ޖުމްލަ 26 ފަރާތަކުން ވަނީ ކުރިމަތިލާފަ އެވެ.