17 Feb 2011, 09:27
ޓީވީ ޕްރެޒެންޓަރެއްގެ ގޮތުގައި ނުވަތަ އެނަލިސްޓެއްގެ ގޮތުގައި ވެސް ޕާކިސްތާނުގެ ކުރީގެ ކެޕްޓަން ސަލްމާން ބަޓް މަސައްކަތް ކުރުމަށް އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ)ން ދެކޮޅު ހަދައިފި އެވެ.
ސަލްމާން ބަޓް އަކީ ނޯބޯލްސް ހަދައިގެން ރިޝްވަތު ހިފި ކަމުގެ ތުހުމަތު ސާބިތުވުމުން، ކްރިކެޓްގެ އެއްވެސް ހަރަކާތެއްގައި ބައިވެރި ނުވެވޭގޮތަށް އައިސީސީން 10 އަހަރަށް ހުސްވި މަހު ސަސްޕެންޑް ކޮށްފައިވާ ކުޅުންތެރިއެކެވެ.
ކްރިކެޓް ކޮމަންޓޭޓަރަކަށް ނުވަތަ އެނަލިސްޓަކަށް އަދި ޓީވީ ޕްރެޒެންޓަރެއްގެ ގޮތުގައި 26 އަހަރުގެ ކުޅުންތެރިޔާ މަސައްކަތް ކުރުމަކީ ގަބޫލުކުރާނެ ކަމެއް ނޫން ކަމަށް އައިސީސީން ބުނީ އަންނަ ހޮނިހިރު ދުވަހު ފަށާ ކްރިކެޓް ވޯލްޑް ކަޕުގައި ޕާކިސްތާނުގެ ޗެނަލް 5ގެ ސްޓޫޑިއޯ އެނަލިސްޓަކަށް ބަޓް ހަމަޖައްސާފައިވަނިކޮށެވެ.
"މިއީ ގަބޫލު ކުރެވޭނެ ކަމެއް ނޫން. އަދި މިއީ އަހަރުމެން ހިތްހަމަ ޖެހޭ ކަމެއް ވެސް ނޫން. ބޯޑުގެ ހުރިހާ މެމްބަރުން ވެސް ތިބީ މިކަމާމެދު ވަރަށް ބޮޑަށް ދެރަވެފައި،" އައިސީސީގެ ހިންގާ ކޮމިޓީގެ މެމްބަރު ހާރޫން ލޯގަތް ބުންޏެވެ.
މި މައްސަލާގައި ބަޓް އަށް ސަސްޕެންޝަނުގެ މުއްދަތުގައި ކްރިކެޓްގެ އެއްވެސް ހަރަކާތެއްގައި ބައިވެރިވެވިދާނެތޯ ސާފު ކުރުމަށް އައިސީސީން މިހާރު ވަނީ އެ ޖަމާއަތުގެ ޓްރައިބިއުނަލް ކޮމިޓީގެ ޗެއާމަނަށް މި މައްސަލަ ލިޔުމުން ފޮނުވާފަ އެވެ.
ސަލްމާން ބަޓް އާއެކު ޕާކިސްތާނުގެ މުހައްމަދު އާމިރާއި މުހައްމަދު އާސިފް ވެސް ވަނީ ރިޝްވަރުގެ މައްސަލާގައި ސަސްޕެންޑް ކޮށްފަ އެވެ. އަދި މި ތިން ކުޅުންތެރިންނަށް ވެސް މި މައްސަލަ އިސްތިއުނާފު ކުރުމުގެ ފުރުސަތު ލިބިދީފައިވެ އެވެ.