08 Mar 2015, 11:03
ޖަރުމަނުގެ ބާލިންގައި ކުރިއަށްދާ، ދުނިޔޭގެ އެންމެ ބޮޑު ޓޫރިޒަމް ފެއާގައި ރާއްޖޭގެ ސްޓޭންޑަށް ތިން ވަނަ ލިބިއްޖެ އެވެ.
ރާއްޖެ އަށް ތިން ވަނަ ލިބިފައި ވަނީ އޭޝިޔާ އޮސްޓްރޭލިއާ އަދި އޯޝޭނިއާ ހިމެނޭ ކެޓަގަރީންނެވެ.
އެ ކެޓަގަރީ އިން އެއް ވަނަ އަށް ހޮވުނީ ކޮރެއާ އަދި ދެ ވަނަ އަށް ހޮވުނީ އިންޑިއާ އެވެ.
ރާއްޖެ އަށް ލިބުނު އެވޯޑާ ހަވާލުވެވަޑައިގަތީ މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަނެގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު އަދި އެ ކޯޕަރޭޝންގެ މާކެޓިން ޑިރެކްޓާ ފާތުމަތު އަފްރާ އެވެ.
"މި ފަހަރު ރާއްޖޭގެ ސްޓޭންޑަށް ވަނީ ބަދަލުތަކެއް ގެނެސްފައި. މި ސްޓޭންޑަށް ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔަ ފެއާ އަށް ޒިޔާރަތްކުރި ފަރާތްތަކުން،" އެމްއެމްޕީއާރުސީގެ ޑެޕިއުޓީ ޑިރެކްޓާ އިބްރާހިމް އާސިމް ވިދާޅުވި އެވެ.
ސްޕެއިން ކުންފުންޏަކުން ތައްޔާރުކޮށްފައިވާ މި ފަހަރުގެ ސްޓޭންޑް ފަރުމާކޮށްފައި ވަނީ ޒަމާނީ ގޮތަކަށް ރާއްޖޭގެ ސަގާފަތް ދައްކުވައި ދިނުމަށް ކަމަށް އެމްއެމްއާރުޕީސީ އިން ބުންޏެވެ.

މި ސްޓޭންޑްގައި ރާއްޖޭގެ ސަގާފީ ހަރަކާތްތައް ދައްކުވައިދިނުމުގެ އިތުރުން ރާއްޖޭގެ އަތްތެރި މަސައްކަތްތައް ދަނީ ދައްކަމުންނެވެ. އަދި ރާއްޖޭގެ ކެއްކުންތެރިކަމާއި ދިވެހި ހެދިކާގެ ރަހަ ތަޖުރިބާކޮށްލުމުގެ ފުރުސަތު ވެސް ސްޓޭންޑަށް ޒިޔާރަތްކުރި ފަރާތްތަކަށް ވަނީ ހުޅުވާލެވިފަ އެވެ.
އަންނަ އަހަރަކީ ރާއްޖޭ އަށް ޒިޔާރަތް ކުރާ އަހަރު ކަމުގައި ފަތުރުވެރިކަމުގެ ވުޒާރާ އިން ވަނީ ހަމަޖައްސައިފަ އެވެ. އަދި އަންނަ އަހަރުގެ ބާލިން ފެއާގެ މެއިން ޕާޓްނަރަކީ ވެސް ރާއްޖެ އެވެ. މިހާރަށް ސުރެ އަންނަ އަހަރަށް ތައްޔާރުވުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށް އެމްއެމްޕީއާރުސީން ބުނެ އެވެ.
ޖަރުމަނުގެ ވެރިރަށް ބާލިންގައި ކުރިޔަށްދާ މި ފެއާގައި ދުނިޔޭގެ 198 ގައުމަކުން 10،096 ފަރާތުން ވަނީ ބައިވެރިވެފަ އެވެ.