އިދިކޮޅު އެމްޑީޕީ-ޖޭޕީ އިސްނަގައިގެން މިހާރު ކުރަމުންދާ ސިލްސިލާ މުޒާހަރަތަކުގެ ތެރެއިން ރޭ ކުރިއަށް ގެންދިޔަ މުޒާހަރާގައި ހަ މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން" އަށް ވިދާޅުވީ ރޭ ހައްޔަކުރި ހަ މީހުންގެ ތެރޭގައި 18 އަހަރު ނުފުރޭ ކުޑަކުއްޖެއް ވެސް ހިމެނުނު ކަމަށެވެ. އޮފިޝަލް ވިދާޅުވީ އެ ކުއްޖާ އަށް ނަސޭހަތް ދިނުމަށް ފަހު ދޫކޮށްލާފައިވާ ކަމަށެވެ.

އަދި އަނެއް ފަސް މީހުން ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ރޭގެ މުޒާހަރާ ފެށިފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކޯޓަށް ހާޒިރު ކުރި ވަގުތު އެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން ފުރަތަމަ އެއްވީ އޯކިޑުމަގު ފެންޓަސީ ކައިރި އަށެވެ. އަދި ރައީސް ނަޝީދުގެ ޝަރީއަތް ނިމުމާ އެކު މުޒާހަރާގެ ބައިވެރިން ވަނީ އޯކިޑުމަގު ސީގަލް ކަންމަށްޗާ ހަމައަށް ގޮސްފަ އެވެ.

އެހިސާބުން އޯކިޑު މަގުގެ ވަކި ހިސާބެއް ބަންދުވި އެވެ. އަދި އެވަގުތު އެ މަގުންލާފައި ދިއުމަށް ބޭނުންވާ ވެހިކަލްތައް އައުމުން އިދިކޮޅު ފަރާތްތައް އެކަމާ ދެކޮޅު ހެދި އެވެ. އަދި އެހިސާބުން ފުލުހުންނާ އާންމުންނާ ދެމެދު ހަމަނުޖެހުމެއް ހިނގާ ބައެއް ފަރާތްތައް ހައްޔަރު ކުރަން ފެށި އެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ވެސް އެމްޑީޕީ އިން ވަނީ މުޒާހަރާއެއް ކޮށްފަ އެވެ. އެ މުޒާހަރާގައި އެމްޑީޕީގެ ލީޑާޝިޕްގެ ބައެއް ފަރާތްތައް ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އަދި ބައެއް ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވާ އިރު އަނެއްބައި މީހުން ދެ މަސް ދުވަހަށް މުޒާހަރާތަކަށް ނާންނަ ގޮތަށް ޝަރުތުކޮށް ވަނީ ދޫކޮށްލައިފަ އެވެ.