ޗައިނާގެ ކުންފުނިތަކާ މެދު ބޭއިންސާފުން، ތަފާތު ގޮތަކަށް އަމަލު ނުކުރުމަށް އެގައުމުން ސްރީލަންކާ އަށް ގޮވާލައިފި އެވެ.

ޗައިނާގެ ކުންފުންޏަކުން ސްރީލަންކާގައި ފަށާފައިވާ ވަރަށް ބޮޑު މަޝްރޫއެއް ހުއްޓުވުމާ ގުޅިގެން ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ހުއާ ޗުންޔިން ވިދާޅުވެފައި ވަނީ ލަންކާގެ ތަރައްގީއަށް ހުރަސް ނޭޅޭ ގޮތަށް އަދި ޗައިނާގެ ކުންފުނިތަކުގެ އިތުބާރު ނުގެއްލޭ ގޮތަށް އެ މައްސަލަ ހައްލުކުރަން ޖެހޭނެ ކަމަށެވެ.

ޗައިނާ ކޮމިއުނިކޭޝަންސް ކޮންސްޓްރަކްޝަން ކުންފުނިން 1.34 ބިލިޔަން ޑޮލަރު ހަރަދުކޮށްގެން ހަދަން ފަށާފައިވާ ޕޯޓް ސިޓީގެ މަޝްރޫއު ވަގުތީ ގޮތުން ހުއްޓުވިކަން ލަންކާ އިން އިއުލާން ކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ހުއާ ވިދާޅުވެފައި ވަނީ އެކަމާ ބެހޭ މައުލޫމާތު ލަންކާ ސަރުކާރުން ދީފައިވާ ކަމަށެވެ.

"ނިންމުމާ ބެހޭ މައުލޫމާތު ސްރީލަންކާ ސަރުކާރުން އަޅުގަނޑުމެންނަށް ދީފައި ވަނީ. އެގޮތުން ވަރަށް ބޮޑަށް ފާހަގަކޮށްފައި ވަނީ މަޝްރޫއު ހުއްޓުވީ ވަގުތީ ގޮތުން ކަމަށް. ކެންސަލް ކުރީ ނޫން ކަމަށް،" އޭނާ ވިދާޅުވި ކަމަށް ދަ ހިންދޫ ނޫހުން ބުންޏެވެ.

ޕޯޓް ސިޓީގެ މަސައްކަތް ސްރީލަންކާ ސަރުކާރުން ހުއްޓުވާފައި މިވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ އެގައުމަށް ވަޑައިގަންނަވަން އުޅުއްވާ ވަގުތެއްގަ އެވެ. ނަމަވެސް މޯދީގެ ދަތުރުފުޅު ނިމުމުން ސްރީލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާ ޗައިނާ އަށް ވަޑައިގެންނެވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. ޕޯޓް ސިޓީ މަޝްރޫއުގެ މައްސަލަ އެހާ ތަނަސް ހައްލު ކުރާނެ ކަމަށް ވަނީ ބެލެވިފަ އެވެ.