08 Mar 2015, 10:04
ލަންޑަން (މާޗް 8): އީރާނުގެ ނިއުކްލިއަ މައްސަލަ ހައްލުކުރުމަށްޓަކައި ހުޅަނގުގެ ބާރުތަކާ އީރާނާ ދެމެދު ކުރިޔަށްދާ ވާހަކަތައް ނާކާމިޔާބު ވެއްޖެނަމަ ނިއުކްލިއަ ހަތިޔާރު ފެތުރުން މަނާކުރާ މުއާހަދާއިން އީރާން ވަކިވުން ވަރަށް ގާތްކަމަށް އީރާނުގެ ނިއުކްލިއަ ކަންތައްތަކާބެހޭ ކުރީގެ ތަރްޖަމާން ސައްޔިދު ޙުސައިން މޫސަވިޔާން ވިދާޅުވެއްޖެ އެވެ.
މޫސަވިޔާން ވިދާޅުވީ، އީރާނާއެކު ސުލްހައިގެ ވާހަކަތަކަށް އެމެރިކާ ދިޔައީ، އަސްކަރީ ބާރުބޭނުންކޮށްގެން އީރާނުގެ ނިއުކްލިއަ މައްސަލަ ހައްލު ނުކުރެވޭނެކަން ކަށަވަރުވުމުން ކަމުގައެވެ. އަދި ވާހަކަ ދައްކައިގެން ސުލްހަވެރިގޮތުގައިނޫނީ މިކަން ހައްލުނުވާނެތީ މިވާހަކަތައް ކާމިޔާބުވެ އެއްބަސްވުމަކާ ހަމައަށްދިޔުމުގެ ފުރްސަތު ވަރަށް ބޮޑުކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ލަންޑަންގައި ނުކުންނަ ޑެއިލީ ޓެލެގްރާފް ނޫހުގައި ލިޔެފައިވާ މަޒްމޫނެއްގައި މޫސަވިޔާން ވިދާޅުވެފައިވަނީ ހުޅަނގާއި އީރާނާ ދެމެދު އެއްބަސްވުމަށް އައުމުގެ ފުރުސަތު މިހާރަށްވުރެބޮޑު އެއްވެސް ވަގުތެއް ނާންނަ ކަމަށާއި އަދި އެއްބަސްވުމަކަށް ދިޔުމަށް ދެފަރާތަށްވެސް ބޮޑެތި ފިއްތުންތަކެއް ކުރިމަތިވެފައިވާ ކަމުގައެވެ.
އެގޮތުން ނިއުކްލިއަ މައްސަލައިގައި އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން އީރާނުގެ އިގްތިސާދު ހީނަރުވެފައިވާއިރު އައިއެސްފަދަ ހަރުކަށި ޖަމާއަތްތައް މެދުއިރުމަތީގައި ފާޅުވެ އިރާގާއި ސޫރިޔާގެ އިތުރުން ލީބިޔާ، މިސްރު އަދި ޔަމަންގައިވެސް އެޖަމާއަތްތައް ފައިހަރުކޮށް ހުޅަނގުގެ މަސްލަހަތުތަކަށް ނުރައްކާ ކުރަމުން ގެންދާތީ އީރާނުގެ އެހީތެރިކަމަށް ހުޅަނގުން ބޭނުންވެފައިވާ ކަމަށް މޫސަވިޔާން ވިދާޅުވެފައި ވެއެވެ.
އައިއެސް ޖަމާއަތް މައިތިރި ކުރުމަށް އީރާނުގެ އެހީތެރިކަމަށް އެމެރިކާ ބޭނުންވުމަކީ ނިއުކްލިއަ މައްސަލައިގައި އީރާނާއެކު އެއްބަސްވުމަކަށް އައުމަށް އެމެރިކާ ބޭނުންވާ އެއްސަބަބު ކަމަށްވެސް މޫސަވިޔާން ފާހަގަ ކުރެއްވި އެވެ.
އިސްރާއީލާއި އިސްރާއީލަށް ތާއީދުކުރާ އެމެރިކާގެ ކޮންގްރެސްގެ ދެކޮޅު ހެދުންތަކުގެ ސަބަބުން އެއްބަސްވުމަކަށް ނުގޮސް ނިއުކްލިއަ ވާހަކަތައް ދިގުދަންމަން އެމެރިކާ ސަރުކާރުން ހުށަހަޅައިފިނަމަ އީރާނުން އެކަން ގަބޫލު ނުކުރާނެ ކަމަށްވެސް މޫސަވީ ވިދާޅުވި އެވެ. މިފަދަ ހާލަތެއްގައި އީރާން ބޭނުންވާނީ ނިއުކްލިއަ ހަތިޔާރު ފެތުރުން މަނާކުރާ މުޢާހަދާއިން ވަކިވުންކަމަށާއި ނިއުކްލިއަ ފެތުރުން މަނާކުރާ މުޢާހަދާއިން އީރާން ވަކިވެއްޖެނަމަ، އީރާނުގެ ނިއުކްލިއަ ޕްރޮގްރާމާބެހޭގޮތުން ވާހަކަ ދެއްކުމުގެ ހުރިހާ ފުރުސަތުތަކެއް އެމެރިކާއަށާއި އދ. އަށް ގެއްލިގެންދާނެތީ މިއީ އެމެރިކާ ވަރަށް ކަންބޮޑުވާނެ ކަމެއްކަމަށް މޫސަވިޔާންގެ މަޒްމޫނުގައި ފާހަގަ ކުރައްވާފައި ވެއެވެ. (ބީބީސީ)