08 Mar 2015, 09:53
ޓެކްނޮލޮޖީގެ ދުނިޔޭގައި ރަނގަޅު ފެންވަރުގެ ފޯނު އަގުހެޔޮކޮށް ވިއްކުމަށް މަޝްހޫރު ވެފައިވާ ޗައިނާގެ އިލެކްޓްރޯނިކް ކުންފުނި "ޝިއޯމީ" އިން، މަޝްހޫރު "ގޯޕްރޯ" ފަހަތަށް ޖައްސާލާ ވަރުގެ "އެކްޝަން ކެމެރާ"އެއް ނެރެފި އެވެ.
"ޔީ އެކްޝަން ކެމެރާ"ގެ ނަމުގައި ޗައިނާގެ ބާޒާރަށް ނެރުނު އެ ކެމެރާއަކީ ސްޕެސިފިކޭޝަންގެ ގޮތުން ގޯޕްރޯއާ ވާދަކޮށްލެވޭ އެހެން ނަމަވެސް އަގަށް ބަލާއިރު ގޯޕްރޯއަށް ވުރެ ދެ ގުނަ އަގުހެޔޮ ކެމެރާއެކެވެ.
'ގޯޕްރޯ ހީރޯ'އެއް ބާޒާރުގައި 130 ޑޮލަރަށް ލިބެން ހުރި އިރު ޔީ ކެމެރާގެ އަގަކީ އެންމެ 64 އެމެރިކާ ޑޮލަރެވެ. 16 މެގަޕިކްސެލްގެ ސެންސަރެއް ހިމެނޭ އެ ކެމެރާއިން ފުލް އެޗްޑީކޮށް ސިކުންތަކު 60 ފްރޭމްސް ގައި ވިޑިއޯ ކުރެވެއެވެ.
ޔީ އެކްޝަން ކެމެރާއަކީ އަގުހެޔޮ ކެމެރާއެއް ނަމަވެސް އޭގައި ހަރުކުރެވިފައިވާ ކެމެރާ ސެންސަރަކީ ސޮނީގެ އެކްސްމޯ އާރު ސީއެމްއޯއެސް ސެންސަރެކެވެ. ކެމެރާގައި ބިލްޓް އިން ކޮށް 64 ޖީބީގެ މެމަރީ އެއް އިނދެއެވެ. ކެމެރާއަށް ހާއްސަ ސްމާޓްފޯން އެޕްލިކޭޝަނެއް ތައްޔާރުކޮށްފައިވާއިރު އެ ކެމެރާ ހިފައިގެން 40 މީޓަރު ފެނުގެ އަޑިއަށް ދެވޭނެ އެވެ.
ޔީ ކެމެރާ ބޭނުންކުރަން ތަފާތު އެސެސަރީތައް އުފައްދާނެ ކަމަށް ޝިއޯމީ އިން ވަނީ ބުނެފައެވެ. އެގޮތުން އެ ކެމެރާ، ހެލްމެޓުތަކުގައާއި ޖަނަވާރުތަކުގައި ވެސް ހަރު ކުރެވޭނެ އެސެސަރީސްތަކެއް އުފައްދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.