08 Mar 2015, 09:35
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ރަންވޭ އާއި އޭޕްރަންގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަަމަށާއި އޮކްޓޫބަރު މަސް ފަށަންވާ އިރަށް 777 ހަތަރު މަތިންދާ ބޯޓް ޖެއްސޭ ވަރުގެ އިތުރު ޖާގަ ލިބޭނެ ކަމަށް އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
އެއާޕޯޓްގެ ރަންވޭ އާއި އޭޕްރަންގެ މަސައްކަތް ގާތްގަނޑަކަށް 24 ގަނޑިއިރު ކުރިޔަށްދާ ކަމަށް ސައީދު ވިދާޅުވި އެވެ.
މީގެ އިތުރުން ދެވަނަ ރަންވޭ ހިއްކުމުގެ މަސައްކަތަށް ތައްޔާރުވަމުންދާ ކަަމަށް ސައީދު ވިދޅުވި އެވެ.
"މިހާރު ހުރި ބައެއް އިންފްރާސްޓަރަކްޗާތައް އެހެން ތަންތަނަށް ލޮކޭޓް [ބަދަލު ކުރުމުގެ] ކުރުމުގެ މަސައްކަތްދަނީ ކުރިޔަށް. އެއީ ދެވަނަ ރަންވޭގެ މަސައްކަތް ފަށާ އިރު މިހުރިހާ ކަމެއް ތައްޔާރުވެފައި ހުންނަންވާނީ،" ސައީދު ވިދާޅުވި އެވެ.
އެއާޕޯޓް ތަރައްގީ ކުރުމަށް ނަގާ ލޯނުގެ އެއްބަސްވުމުގައި އަންނަ މޭ މަހު ތެރޭ ސޮއިކުރެވޭނެ ކަަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެއާޕޯޓް ތަރައްގީ ކުރުމަށް ލޯނު ނަގަން ހަމަޖެހިފައި ވަނީ ޗައިނާގެ އެގްޒިމް ބޭންކް އަދި ޖަޕާން ބޭންކް ފޮ އިންޓަނޭޝަނަލް ކޯޕަރޭޝަން( ޖޭބިކް) އިން ނެވެ.
ޖަޕާނު ބޭންކުން ނަގަން ހަމަޖެހިފައި ވަނީ ގާތްގަނޑަކަށް 400 މިލިއަން ޑޮލަރުގެ ލޯނެއް ކަމަށް އިކޮނަމިކް މިނިސްޓްރީން ބުނެ އެވެ. އަދި އެގްޒިމް ބޭންކުން ވެސް 300 މިލިއަން ޑޮލަރާއި 400 މިލިއަން ޑޮލަރާއި ދެމެދުގެ ލޯނެއް ނަގަން ހަމަޖެހިފައިވާ ކަމަށް ވެސް އިކޮނަމިކް މިނިސްޓްރީން ބުނެ އެވެ. އެއާޕޯޓް ތަރައްގީކުުރުމުގެ މަޝްރޫއު އަވަސް ކުރުމުގެ ގޮތުން ސަރުކާރުގެ ވަފުދެއް ވަނީ ދާދި ފަހުން ޗައިނާ އާއި ޖަޕާނަށް ދަތުރެއްކޮށްފަ އެވެ.