މުހައްމަދު ނިޒާމަކީ އަމިއްލަ އޮފީހެއްގައި މަސައްކަތް ކުރާ މީހެކެވެ. މަސް ފެށުމާ އެކު އޮފީހަށް އައިސް ފިންގާ ޖެހުމަށް ފަހު އޭނާ ދެން "ގެއްލެނީ" އެވެ. އެތައް އިރަކު މަސައްކަތްތަކާ ދުރުގަ އެވެ. ފެން ބިލް ދެއްކުމަށް ފަހު ކަރަންޓް ބިލް ދެއްކުމަށެވެ. ކަރަންޓު ބިލް ދެއްކުމަށް ފަހު ފޯން ބިލެވެ. އެއަށް ފަހު ދެން ޖެހެނީ ޖަމާ ކުރަން ހުރި ފައިސާކޮޅު ޖަމާކުރަން ގޮސް ބެންކުގެ ކިޔޫގަ އެވެ. މި ސަބަބުތަކާ އެކު ނިޒާމުގެ އެތައް މަސައްކަތެއް އެ ވަނީ ހުއްޓިފަ އެވެ. ހަމައެއާ އެކު ކޮންމެ މަހެއްގެ ކުރީކޮޅު ނިޒާމް އޮފީހުން ގެއްލޭ މައްސަލަ ވަނީ ބޮޑުވެފަ އެވެ. އެކަމަށް އޭނާ ވެސް ހައްލެއް އެދެ އެވެ.

މަސައްކަތުގައި އަވަދި ނެތި އުޅެންވީ ވަގުތު ދިގު ކިޔޫތަކެއްގައި ތިބުން މިއީ ހަމަ ފަސޭހަ ކަމަކީތޯ އެވެ. ހިދުމަތް ލަސްވެގެން ނުވަތަ ކައުންޓަރުތަކުން ހިދުމަތް ނުދީގެން ޝަކުވާ ކުރަން ތިބުން ހަމަ ހިތްއުފަލަކަށް ވަނީތޯ އެވެ؟ ތިމާގެ އަގު ހުރި ވަގުތުތައް އެއް އިދާރާ އިން އަނެއް އިދާރާއަށް ބިލްތައް ދައްކަން ދަނީ އެނޫން ގޮތެއްނެތީމަ ކަމަށް ބައެއް ބޭފުޅުން ގަބޫލް ކޮށްފާނެ އެވެ. ނަމަވެސް ހަގީގަތް ތަފާތެވެ. މިއީ 21 ވަނަ ގަރުނެވެ. ނަވާރަސަތޭކާގެ އުސޫލްތަކާއި ދުރަށް ގޮސް ޒަމާނީ އުސޫލްތަކަށް ބަދަލުވާން ޖެހެ އެވެ.

ކިތަންމެ ކުޑަ އަދަދެއް ވިޔަސް ޖަމާކޮށްލުމަށް ބެންކްތަކަށް ގޮސް ކިޔޫތަކުގައި ތިބެން ޖެހުމަކީ ގައުމަށް ވެސް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެކެވެ. ސަބަބަކަށް ވަނީ އެތައް ހާސް ބަޔެއްގެ އުފެއްދުންތެރިކަމުގެ އެތައް ވަގުތެއް ބޭކާރުވާ ކަމަކަށް ވުމެވެ. އޮފީހާއި އެހެނިހެން ވަޒީފާތަކުގެ މަސްއޫލިއްޔަތު އަދާ ކުރަންޖެހޭ ވަގުތުގައި، ކިޔޫއެއްގައި އެތައް އިރެއްގައި ތިބެން ޖެހުމަކީ އިސްރާފްވާ ކިތަންމެ ވަގުތެކެވެ. މިއީ ގައުމުގެ އުފުއްދުންތެރި ކަމަށް ވެސް އަސަރުކުރާނެ ކަންކަމެވެ. ނަމަވެސް އެއްކަލަ ބޭންކް ދޮށުގައި ފަޔަށް ލޭ އަރަންދެން ތިބޭ މަންޒަރު އަދިވެސް ހަމަފެނެ އެވެ.

ފެން ބިލް ދެއްކުމަށާއި ކަރަންޓު ބިލް ދެއްކުމަށާއި ފޯނު ބިލުގެ އިތުރުން ފައިސާ ޖަމާ ކުރުމަށް މިއަދު ވެސް ފެންނަނީ އެތައް ބަޔަކު ކިޔޫ ހަދައިގެން މަރުކަޒުތަކުގައި ތިބޭ މަންޒަރެވެ. ވަކި އުމުރެއް ވަކި ޖިންސެއް ނެތެވެ. ހިދުމަތް ލަސްވެގެން ޝަކުވާކޮށްކޮށް ކޮންމެ ދުވަހަކު ވެސް އެތައް ބަޔަކު ކިޔޫތަކުގައި އެބަތިބެ އެވެ. ނަމަވެސް އެއީ މިޒަމާނަށް ބޭކާރު ކަންތައްތަކެވެ. ވަރަށް ފަސޭހައިން ކީބޯޑަށް ދެ ތިން ފަހަރު ފިތާލައިގެން އެ ހުރިހާކަމެއް ދެ ތިން މިނެޓެއްގެ ތެރޭގައި ހަމަޖެއްސޭނެ އިންތިޒާމް މިއަދު ވަނީ ހަމަޖެހިފަ އެވެ.

"ހަގީގަތުގައި މިއަދު ބިލް ދައްކަން އަންނާކަށް ނުޖެހޭ، އަޅުގަނޑުމެން ތަރުހީބު ދެނީ ވެސް އިންޓަނެޓް މެދުވެރިކޮށް ބިލްތައް ދެއްކުމަށް، ނަމަވެސް މިހާރު ވެސް ގިނަ ބަޔަކު ބިލްތައް ދައްކަން އަންނަތަން ފެންނަނީ." ސްޓެލްކޯގެ އެސިސްޓެންޓް ޑިރެކްޓަރު އަބްދުﷲ ނާޒިރު ވިދާޅުވި އެވެ.

އެ ހުރިހާ ކަމަކަށް މި ވަނީ ފަސޭހަ ހައްލުތަކެއް އައިސްފަ އެވެ. ގައުމީ ބޭންކް ބީއެމްއެލަށް އައި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ތަރައްގީވެފައިވާ ގައުމުތަކެކޭ އެއްގޮތަށް މިގައުމުގައި ވެސް މިއަދު ޓެކްނޮލޮޖީގެ އެހީގައި ބިލްތައް ދެއްކޭނެ އެވެ. އެގޮތުން އަސާސީ އެކި ހިދުމަތްތަކަށް ދައްކަން ޖެހޭ ބިލްތައް އިންޓަނެޓް މެދުވެރިކޮށާއި އޭޓީއެމް މެދުވެރިކޮށް ވެސް ދެއްކޭނެ އެވެ.

އެފަދަ ބިލްތައް ދެއްކޭނެ އެންމެ ފަސޭހަ ނިޒާމަކަށް ވެފައި ވަނީ ބީއެމްއެލްގެ "ޕޭމަންޓު ގޭޓްވޭ" އެވެ. ބީއެމްއެލްގެ ކާޑެއް އޮތް ކޮންމެ ކަސްޓަމަރަކަށް ފަސޭހަ ކަމާ އެކު އެ ހިދުމަތް ބޭނުންކުރެވޭނެ އެވެ. ހަމައެއާ އެކު ބީއެމްއެލްގެ އިންޓަނެޓް ބެންކިންގެ ހިދުމަތުން ވެސް ބިލްތައް އެއްވެސް ޗާޖަކާއި ނުލައި ދެއްކޭނެ އެވެ.

"ފެންބިލް ކަރަންޓު ބިލް މާ ފަސޭހަ ވާނެ ޕޭމަންޓު ގޭޓްވޭ މެދުވެރިކޮށް ދައްކާލިއްޔާ އެއީ ސްޓެލްކޯ އެމްޑަބްލިޔްއެސްސީ ދިރާގު ފަދަ ބިލްތައް، ވެބްސައިޓުން ވާން އެހެރީ، ވަގުތުން ކެނޑޭނެ، އަނެއްކާ ވަގުތުން އަޕްޑޭޓް ވާނެ" ބީއެމްއެލްގެ ހެޑް އޮފް ކަސްޓަމާ ސާވިސް މޫސާ ނިމާލް ވިދާޅުވި އެވެ.

އެ ހިދުމަތާ އެކު ފަޔަށް ލޭ އަރުވައިގެން ބިލްތައް ދައްކަން އެކިއެކި މަރުކަޒުތަކަށް ދާން ނުޖެހޭނެ ކަން ޔަގީނެވެ. މިއީ އެ ޒަމާނެވެ. ހަމަ ކުޑަކުޑަ ކޮއްޓާލުމަކުން ބިލްތައް އެދައްކާލެވެނީ އެވެ. ވަގުތުން ޕޭމަންޓު ހަދާލެވުނީ އެވެ. މި ހިދުމަތް މިހެން އޮށްވައި ފަހަރަކު މަރުކަޒަކަށް ގޮސް ބިލް ދައްކަން ކިޔޫގައި ޖެހުމުގެ ބޭނުމެއް ނެތެއް ނޫންތޯ އެވެ؟ އަވަހަށް ހިދުމަތް އެކްޓިވޭޓް ކުރައްވާށެވެ.

ދެން އެންމެ ގިނަ ބަޔަކު ކިޔޫ ޖެހޭ އަނެއް ހިދުމަތަށް ބަލާލަމާތޯ އެވެ. އެއީ ބޭންކިން ހިދުމަތްތަކެވެ. ފައިސާ ޖަމާ ކުރުމުގެ އެކި ހިދުމަތްތަކަށް އެތައް ހާސް ބަޔަކު ކޮންމެ ދުވަހަކު ކިޔޫ ޖެހޭއިރު އެކަމަށް އެއަށް ވުރެ މާ ފަސޭހަ ގޮތެއް އެބައޮތެވެ. އެއީ ބީއެމްއެލްގެ އޭޓީއެމްތަކެވެ. މިހާރު މާލޭގައި ބަހައްޓާފައިވާ ޒަމާނީ އޭޓީއެމްތަކުން ފައިސާ ނެގުމާއި ފައިސާ ލުމުގެ އިތުރުން ފައިސާ ޓުރާންސްފާ ކުރުމާއި އެކި ބިލްތައް ދެއްކޭނެ އެވެ. އެހެންކަމުން 10000 އިން ދަށުން ފައިސާ ޖަމާކުރަން ބުރާންޗްތަކަށް ދިއުމުގެ އެއްވެސް ބޭނުމެއް ނެތެވެ. އެކަން ހުއްޓުވުމަށް ބީއެމްއެލުން މިހާރު ދަނީ 10000 އިން ދަށުގެ އަދަދެއް ޖަމާކުރަން ނުވަތަ ނަގަން ދާ ފަރާތްތަކުގެ އަތުން ފަސް ރުފިޔާގެ ޗާޖެއް ވެސް ކުރަމުންނެވެ. ބީއެމްއެލުން މިހާރު ވަނީ ބުރާންޗުތަކަށް ނުގޮސް ހިދުމަތް ހޯދޭނެ 25 އޭޓީއެމް ތައާރަފްކޮށްފަ އެވެ.

ބީއެމްއެލްގެ ހެޑް އޮފް ކަސްޓަމާ ސާވިސް ނިމާލް ވިދާޅުވީ ކުރިއަށް އޮތްތަނުގައި ބޭންކްގެ ބުރާންޗުތަކަށް ކަސްޓަމަރު އަނަން ޖެހޭނީ ވިޔަފާރީގެ ކަންކަމުގައި ނުވަތަ ލޯނު ނެގުން ފަދަ ހިދުމަތްތައް ހޯދުމަށް އެކަނި ކަމަށެވެ. ފައިސާ ޖަމާކުރަން އަންނަ މީހުންގެ އަދަދު މަދުވުމާއެކު ބޭންކުތަކުން ދޭ އެހެނިހެން ހިދުމަތްތައް ދިނުމަށް ފުރުސަތު ބޮޑުވެގެންދާނެ ކަމަށެވެ.

މިއީ އެންމެ ގިނަ މީހުން ކިޔޫތަކުގައި ޖެހޭ ސަބަބުތަކަށް އޮތް ހައްލެވެ. ގައިމު ފަސޭހަތާ އެވެ. ބޭކާރު ކުރެވޭ ވަގުތުތައް ސަލާމަތް ކުރެވޭނެ ރަނގަޅުގޮތްތަކެކެވެ. އެ ދެ ވަސީލަތުގެ އިތުރުން ދައުލަތުގެ އެކިއެކި އެހެނިހެން މުއައްސަސާތަކުން ވަނީ އިންޓަނެޓް މެދުވެރިކޮށް ބައެއް ގިނަ ހިދުމަތްތައް ލިބޭނެ އިންތިޒާމް ހަމަޖައްސާފަ އެވެ.

އެގޮތުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން "މީރާ ކަނެކްޓް" މެދުވެރިކޮށް ތަފާތު ހިދުމަތް ތަކަށް އެދެވޭ އިރު ކައިރި މުސްތަގުބަލެއްގައި އެ ހިދުމަތް މެދުވެރިކޮށް ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް މީރާގެ އޮފިޝަލަކު ވިދާޅުވި އެވެ. އިސްވެ ފާހަގަ ކުރި ހިދުމަތްތަކުގެ އިތުރުން ވެސް ދައުލަތުގެ ގިނަ މުއައްސަސާތަކަކަށް އެކިއެކި ކަންކަމުގައި ހުށައެޅުމުގެ ފުރުސަތު މިއަދު މި ވަނީ އިންޓަނެޓް މެދުވެރިކޮށް ހުޅުވާލެވިފަ އެވެ.

މި ހުރިހާ ވަސީލަތެއް މިހެން އޮތް އިރު ގިނަ ބަޔަކު ކިޔޫގައި ތިބެނީ ކީއްވެގެންބާ އެވެ؟ ގިނަ ތަޖުރިބާކާރުން ދެކެލައްވާގޮތުގައި މިޒަމާނަށް ނުފެތޭ ކިޔޫގެ އާދަ މިގައުމުން އަދިވެސް ނުފިލައިގެން މިއުޅެނީ މީހުންގެ ހޭލުންތެރިކަން ދަށް ކަމުންނެވެ. ހަމައެހެންމެ ކާޑުން ޕޭމަންޓު ހަދަން ގިނަ ބަޔަކު ޖެހިލުންވާ ކަމަށާއި އެއީ މޮޔަ ވިސްނުމެއް ކަމަށް ގިނަ ތަޖުރިބާކާރުންދެކެ އެވެ.

ދިވެހީންނެވެ. ޒަމާނަށް އަހުލުވެރިވާށެވެ. ފަޔަށް ލޭއަރުވައިގެން ތިބުމަށް ވުރެ އެފަދަ ޒަމާނީ ހިދުމަތްތަކަށް އަހުލުވެރިވުން މާމުހިންމެވެ. އޭރުން ނިޒާމްމެން އޮފީހުން ގެއްލޭ މައްސަލަވެސް ކުރިމަތިނުވާނެ އެވެ. އަދި ކުރަމުންދާ މަސައްކަތް ހުއްޓާލަންޖެހިފައިވާ އެތައް ހާސް ބަޔަކަށް ހައްލު ލިބިގެންދާނެ އެވެ.