ހުވަފެންފުށި ރިސޯޓަށް ފަތުރުވެރިން އަންނަ ގައުމުތައް ތަފާތުވަމުން އަންނަ ކަމަށް އެ ރިސޯޓް އޮޕަރޭޓް ކުރާ މައިނާ ގްރޫޕްގެ މާކެޓިން ޑިރެކްޓަރު އެލިޒަބަތު ސްމައިލްސް ވިދާޅުވެއްޖެ އެވެ.

'ސަން' އަށް ދެއްވި އިންޓަވިއުއެއްގައި އެލިޒަބަތު ވިދާޅުވީ، ރިސޯޓްގެ އޮކިއުޕަންސީ ރޭޓް ދަށަށް ނުދާކަމަށެވެ.

"އޮކިއުޕަންސީ ރޭޓަކަށް ބަދަލަށް ނާދޭ. އެހެންނަމަވެސް ފަތުރުވެރިން އަންނަ ގައުމުތައް ތަފާތަވަމުން މިދަނީ. ރަޝިއާ އިން އަންނަ ފަތުރުވެރިން ވަނީ މަދުވެފައި. އެހެންނަމަވެސް އެމެރިކާ ސަރަހައްދުން އަންނަ ފަތުރުވެރިން ދަނީ އިތުރުވަމުން،" އެލިޒަބަތު ވިދޅުވި އެވެ.

އެމެރިކާ ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ޔޫއެސްއޭ މެކްސިކޯ އާޖެންޓީނާ ފަދަ ގައުމުތަކުން އަންނަ ފަތުރުވެރިން އިތުރުވެފައިވާ ކަމަށް ވެސް އެލިޒަބަތު ވިދާޅުވި އެވެ.

މީގެ ކުރިން މެދުތެރޭ އޭޝިޔާ އިން އަންނަ ފަތުރުވެރިން ވަރަށް މަދު ކަމަށާއި އެހެންނަމަވެސް މެދުތެރޭ އޭޝިޔާގެ ގައުމުތައް ކަމަށްވާ ކަޒަކިސްތާން އަޒަރުބައިޖާން ފަދަ ގައުމުތަކުން އަންނަ ފަތުރުވެރިން އިތުރުވެފައިވާ ކަމަށް އެލިޒަބަތު ވިދާޅުވި އެވެ.

މަޓާޓޯ ޓްރެވަލް އެވޯޑްސް އަށް އޮންލައިން ކޮށް ވޯޓް ލުމުގެ ފުރުސަތު ހުޅުވާލާފައި ވާތީ އެ ރިސޯޓަށް ވޯޓް ހޯދުމުގެ ގޮތުން ރިޒޯޓަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންނާއި ބުކިންގްސް ހަދާފައިވާ ފަތުރުވެރިންނަށް އީމެއިލް ފޮނުވަމުންދާ ކަމަށް އެލިޒަބަތު ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބު ދައްކާ ގޮތުން މިއަހަރު ޖެނުއަރީ މަހު އޮކިއުޕެންސީ ރޭޓު ވަނީ ޖެނުއަރީ 2014 އާ އަޅައިބަލާއިރު، 8.5 ޕަސެންޓް ދަށަށް ގޮސްފަ އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ޖެނުއަރީ މަހު 105،296 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެ އެވެ. ނަމަވެސް މި އަހަރު ޖެނުއަރީ މަހު އެ އަދަދު ވަނީ 97،073 އަށް ދަށަށް ގޮސްފަ އެވެ.