07 Mar 2015, 20:13
ކުޑަކުދިންނަށް ކުރާ ހާނިއްކައިން އެ ކުދިން ރައްކާތެރިކުރުމާ ގުޅޭ ގޮތުން އާންމުން ހޭލުންތެރި ކުރުވުމަށް ޖެންޑާ މިނިސްޓްރީގެ ފަރާތުން ދިއްފުށީގައި ހަރަކާތްތެރިތަކެއް ހިންގައިފި އެވެ.
ޖެންޑާ މިނިސްޓްރީން ބުނީ، "ރައްކާތެރިކަން ހުރިހާ ކުދިންނަށް"ގެ ނަމުގައި ޖެންޑާ މިނިސްޓްރީން ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ދަށުން ކ. ދިއްފުށީގެ 88 ގެއަކަށް ދޮރުން ދޮރަށް ގޮސް މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށެވެ.
އެގޮތުން، ކުޑަކުދިންނަށްކުރާ އަނިޔާއަކީ ކޮބައިކަމާއި އަނިޔާލިބޭ ކުދިން ދެނެގަންނާނެ ގޮތުގެ އިތުރުން، އަނިޔާތަކުން ކުދިން ރައްކާތެރި ކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
މީގެ އިތުރުން، ރޭ އެ ރަށު ސްކޫލުގެ ގްރޭޑް 7-1 ގައި ކިޔަަވަމުންދާ ދަރިވަރުންގެ ބެލެނިވެރިންނަށް ވަނީ މައުލޫމާތު ދީފަ އެވެ. އެ މައުލޫމާތު ދިނުމުގެ ސެޝަންތަކުގައި 70 އަށްވުރެ ގިނަ ބެލެނިވެރިން ބައިވެރިވެފައިވާ ކަމަށް ޖެންޑާ އިން ބުނެ އެވެ.
އެ މިނިސްޓްރީން ބުނީ، މިމަހުގެ ތެރޭގައި ކ. ގުޅި އަދި މާފުށީގައި ހޭލުންތެރި ކުރުވުމަށް ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. އަދި މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ކ. ގުރައިދޫގައި އެފަދަ ޕްރޮގްރާމެއް ހިންގާފައިވާ ކަމަށް ބުންޏެވެ.