07 Mar 2015, 20:05
އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ހިންގަމުންދާ ހަރަކާތްތަކުގެ ތެރެއިން މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) އަދި ސަން ގުރޫޕާއި ކޭޖް ގުޅިގެން އަންހެނުންނަށް ހާއްސަކޮށްގެން ސެލްފް ޑިފެންސް ޓްރެއިނިންގް ޕްރޮގްރާމެއް ބާއްވައިފި އެވެ.
އިސްކަންދަރު ސްކޫލު ހޯލުގައި މިއަދު ކުރިއަށް ދިޔަ ސެލްފް ޑިފެންސް ޓްރެއިނިންގެ ޕްރޮގްރާމާއި ބެހޭ ގޮތުން އެމްޑީއޭގެ ނައިބު ލީޑަރު އައިޝަތު ރަފީއާ މިއަދު 'ސަން' އަށް ވިދާޅުވީ މިއަދު ބޭއްވި ޓްރެއިނިންގެ ޕްރޮގްރާމަކީ މިހާރު ރާއްޖޭގައި ކަން ކަން ހުރި ގޮތުން ވަރަށް މުހިންމު ޕްރޮގްރާމެއް ކަމަށާއި، ސެލެފް ޑިފެންސަކީ ކޮންމެ އަންހެން ކަނބަލަކަށް ވެސް ވަރަށް މުހިންމު ވާނެ ކަމެއް ކަމަށެވެ.
"މަގުމަތީގައި އަޅުގަނޑުމެން މި އުޅެއްޖެހޭ ގޮތުންނާއި ޑޮމެސްޓިކް ރެސްޕޮންސިބިލިޓީސް ހުންނަ ގޮތުން ވަރަށް ގިނަ ފަހަރު ސުކޫލު ދޮށަށް ނުވަތަ ބަލިވީމަ ހޮސްޕިޓަލަށް ކުޑަކުދިން ގޮވައިގެން ދާން މި ޖެހެނީ އަޅުގަނޑުމެން، އެހެންވީމަ މިކަހަލަ ހާލަތެއްގައި މަގުމަތިން ކަމެއް ދިމާވާނީ ބުނެފައެެއް ނޫން، އެހެންވީމަ ޑިފެންސްގެ ގޮތުން ކުރަން ޖެހޭ ކަން ކަން ނުވަތަ ކުރެވިދާނެ ކަންކަން އެނގުމަކީ ވަރަށް މުހިންމު ކަމެއް" ރަފީއާ ވިދާޅުވި އެވެ.
ރަފީއާ ވަނީ އަންހެނުން ބާރުވެރި ކުރުވުމުގެ ގޮތުން ސަން ގުރޫޕާއި އެމްޑީއޭއިން އިސްނަގައިގެން ކުރިއަށްދިޔަ އެ ހާއްސަ ޕްރޮގްރާމަށް ސަން ގްރޫޕުގެ ވެރިޔާ އަހުމަދު ސިޔާމު މުހައްމަދު ވެދެއްވި އެހީތެރިކަމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި ސަން ގުރޫޕުގެ އެގްޒެކެޓިވް ޑައިރެކްޓަރު އަހުމަދު ޝާކިރު އާއި ސަން ގުރޫޕުގެ އެޗްއާރު ޑައިރެކްޓަރު މުހައްމަދު ހަމީދަށްވެސް ވަނީ ހާއްސަ ޝުކުރެއް އަދާކުރައްވާފަ އެވެ.
އިސްކަންދަރު ސުކޫލުގައި މިއަދު ބޭއްވުނު ސެލްފް ޑިފެންސް ޕްރޮގްރާމުގައި ދިމާވާ ބައެއް ހާލަތްތަކުގައި ސަލާމަތް ހޯދާނެ ގޮތް ވަނީ ބައިވެރިންނަށް ކިޔައިދީފަ އެވެ.
މިއަދުގެ ސެލްފެ ޑިފެންސް ޓްރެއިނިންގް ޕްރޮގްރާމުގައި ބައިވެރިވި ބައިވެރިންނަށް ހަދިޔާއެއްގެ ގޮތުން ސަން ގުރޫޕުގެ ރިސޯޓަކުން ސްޕާ ޓްރީޓްމެންޓް އެއް ދޭގޮތަށް ވަނީ ހަމަޖެހިފަ އެވެ.