އިދިކޮޅު ފަރާތްތަކުން މަގުތަކަށް އެއްވެ މުޒާހަރާ ކުރާނަމަ ސަރުކާރާ ތާއިދު ކުރާ ޒުވާނުން ވެސް މަގުތަނަށް ނުކުންނާނެ ކަމަށާއި ޒުވާނުން ރުޅިއައިސްފިނަމަ "ސަކަރާތް" ވެދާނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އަދީބު އެހެން ވިދާޅުވީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ހުކުމް ކުރުން އަވަސް ކުރުމަށް ގޮވާލައި ޒުވާނުންތަކެއް މިއަދު ހަވީރު މާލޭގައި ކުރިއަށް ގެންދިޔަ ނިންމަވާލައްވަމުން ވާހަކަފުޅު ދައްކަވަމުންނެވެ.

އަދީބު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ގެއަށް ވަނުމަށް އިލްތިމާސް ކުރައްވާ ކަމަށާއި އޭރުން ސަރުކާރަށް ތާއިދު ކުރާ ޒުވާނުން ވެސް "މަޑުމަޑުން ގޭގައި ތިބޭނެ" ކަމަށެވެ.

"ދެނެއް، ނެތް އެބޭފުޅާ [ރައީސް ނަޝީދު]އަށް ޖާގަ ދެވޭކަށް. ދެން ތިބޭފުޅުން [އިދިކޮޅު ފަރާތްތަކުން] ވެސް މަޑުމަޑުން ވަންނަން ޖެހޭނީ ގެެއަށް. އޭރުން އަޅުގަނޑުމެން މަޑުމަޑުން ގޭގައި ތިބޭނަން،" އަދީބު ވިދާޅުވި އެވެ.

"އަޅުގަނޑު ގޮވާލަން، އަޅުގަނޑުމެން މަގު މައްޗަށް ނެރެން ހަދާށޭ. އެއީ އަޅުގަނޑުގެ މެސެޖަކީ މި ފެންނަނީ މާލޭގައި ތިބި ޒުވާނުން، މިއީ ވަރަށް ވަރުގަދަ ފައުޖެއް. މި ޒުވާނުން ރުޅިއައިސްފި ނަމަ ވަރަށް ސަކަރާތްވާނެ. އެހެންވެ މި ޒުވާނުންނާއެކު މަޑުމަޑުން އަޅުގަނޑުމެން ގޭގައި މި ތިބީ. އަޅުގަނޑުމެންނަކީ އިސްސާފަށް ލޯބިކޮށް، ސުލްހަޔަށް ލޯބި ކުރާ މީހުން. އެހެންވީ އަޅުގަނޑުމެން ނެރެން ނަހަދާ،"

ޕީޕީއެމް އާއި އެމްޑީއޭ އިސް ނަގައިގެން މިއަދު ހަވީރު ބޭއްވި ސައިކަލް ބުރުގެ ތެރެއިން-- ސަން ފޮޓޯ/ ފަޔާޒު މޫސާ

"އިންޒާރެކޭ" ކިޔާފައި އިދިކޮޅު ފަރާތްތަކުން މަގުތަކަށް ނުކުތަސް "ކަހެރުވަކެކޭ" ވެސް ހިތަށް ނާރާ ކަމަށާއި ގައުމު ހަލަބޮލިކޮށްލައި ހަމަނުޖެހުން ހިންގަން އިދިކޮޅު ފަރާތްތަކަށް ސަރުކާރުން ޖާގަ ނުދޭނެ ކަމަށް އަދީބު މިއަދު ވިދާޅުވި އެވެ.

"ތިބޭފުޅުން [އިދިކޮޅު ފަރާތްތައް] ނުކުމެ އިންޒާރޭ އިންޒާރޭ ކިޔަސް އަޅުގަނޑުމެންނަށް ހިޔެއް ނުވޭ ކަހެރުވަކެކޭ ވެސް. އަޅުގަނޑު ކުރިން ވެސް ބުނިން ކަމެއް ކުރާނަމޭ ކުރާނަމޭ މިހެން ހަދާނަމޭ ކިޔަން ނުތިބޭށޭ. ކަމެއް ކުރައްޏާ އެހެން ކިޔަން ނުތިބެ ކޮށްލާށޭ،" އަދީބު ވިދާޅުވި އެވެ.

އަދީބު ވިދާޅުވީ ރައީސް ނަޝީދު ހައްޔަރުކުރުމާ ގުޅިގެން މިހާރު މާލޭގައި ކުރިއަށްދާ މުޒާހަރާތަކާ ގުޅިގެން ރާއްޖެއަށް ބޭރުގެ އެއްވެސް ޕްރެޝަރެއް ނެތް ކަމަށެވެ. އަދި ވިދާޅުވީ ގައުމުގައި ހުޅުޖަހައި ބޭރު ގައުމުތަކުގައި ވެސް ރާއްޖޭގެ އަގު ވައްޓާލައި ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މަދުކުރަން އެމްޑީޕީއަށް އިތުރަށް ފުރުސަތު ނުދޭނެ ކަމަށެވެ.
ޕީޕީއެމް އާއި އެމްޑީއޭ އިސް ނަގައިގެން މިއަދު ހަވީރު ބޭއްވި ސައިކަލް ބުރުގެ ތެރެއިން-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައީސް ނަޝީދުގެ ސަރުކާރުގައި އަބްދުﷲ ގާޒީ ހައްޔަރު ކުރީ ނޫން ކަމާށާއި ނަޝީދު ކުރެއްވި ކަމަކީ އަބްދުﷲ ގާޒީ ރަހީނު ކުރުން ކަމަށެވެ.

"ބައްލަވާ ނައިޖީރިއާ ތަންތާގައި އެ އުޅޭ ބޯކޯ ހަރާމް މީހުން އަންހެން ކުދިން ގެންދާހެން ބޯކޯ ހަރާމުން ކަންތައްކުރާ ގޮތަށް ރައީސް ނަޝީދު ވެސް އޭރު އަބްދުﷲ ގާޒީ ހަމަ ސީދާ ރަހީނު ކުރި. އެހެންވީމަ ބޯކޯ ހަރާމެކޭ ނަޝީދެކޭ އެއްވެސް ތަފާތެއް ނެތް،" އަދީބު ވިދާޅުވި އެވެ.