07 Mar 2015, 17:36
ނިއުކާސްލްގެ ސްޓްރައުކަރު ޕެޕިސް ސިސޭ ހަތް މެޗަށް ސަސްޕެންޑުކޮށް، މެންޗެސްޓަ ޔުނައިޓަޑްގެ ޑިފެންޑަރު ޖޮނީ އީވަންސް ހަ މެޗަށް އިނގިރޭސި އެފްއޭ އިން ސަސްޕެންޑު ކޮށްފި އެވެ.
އެ ދެ ކުޅުންތެރިން ސަސްޕެންޑުކުރަން އިނގިރޭސި އެފްއޭ އިން ނިންމީ މިދިޔަ ބުދަ ދުވަހު ޔުނައިޓަޑާއި ނިއުކާސްލް ކުޅުނު ޕްރިމިއާ ލީގު މެޗުގައި އެ ދެ ކުޅުންތެރިން އެކަކު އަނެކަކު ގަޔަށް ކުޅު ޖެހި ކަމުގެ ތުހުމަތުގަ އެވެ. އެކަމާ ގުޅޭ ގޮތުން އެފްއޭ އިން ނެރުނު ބަޔާނުގައި ބުނެފައު ވަނީ "މެޗުގެ ގާތްގަނޑަކަށް 38 ވަނަ މިނެޓުގައި އެ ދެ ކުޅުންތެރިން އެކަކު އަނެކު ގަޔަށް ކުޅު ޖެހި" ކަމަށެވެ.
އެ ހާދިސާއާ ގުޅޭ ގޮތުން އެފްއޭ އިން ކުރި ދައުވާ ސިސޭ ބަލައިގެންފާވާ އިރު، އޭނާ ވަނީ އެ ހާދިސާއާ ގުޅޭ ގޮތުން ބަޔާނެއް ނެރި، އޭނާގެ އަމަލުތަކަށް މައާފަށް އެދިފަ އެވެ.
"އެ ހާދިސާ އަށް ވަރަށް ބައިވަރު ފަރާތްތަކަށް މައާފަށް އެދެން އަހަރެން ބޭނުން. އޭގެ ތެރޭގައި އަހަރެންނާ އެކު ކުޅޭ ކުޅުންތެރިންނާއި ޓީމްގެ ކޯޗިންގް ސްޓާފްގެ އިތުރުން އީވަންސްގެ ކިބައިންވެސް އަހަރެން މައާފަށް އެދެން. އެކަން އަހަންނަށް ކުރެވުނީ އަހަރެން ވަރަށް ހިތްހަމަ ނުޖެހޭ ފަދަ ގޮތަކަށް އެވަގުތު ކަންތައް ދިމާވުމުން،" އެކަމާ ގުޅޭ ގޮތުން ސިސޭ ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
އެ ހާދިސާއާ ގުޅޭ ގޮތުން ނިއުކާސްލްގެ ކޯޗް ލީ ޗާންލީ ވަނީ ސިސޭގެ ކުށަށް އެނާ އިއުތިރާފް ވުމުން އެކަމަށް އޭނާއަށް ހިތްވަރުދީފަ އެވެ. އަދި އެ ހާދިސާއާ ގުޅޭ ގޮތުން ސިސޭ އާއި އެ ކްލަބާ މެދު ދެކެވުނު ވާހަކަތަކުގައި، އެ ދެ ފަރާތުން ވެސް އެފަދަ ކަންކަމަކީ ހިނގަން ނުވާނެ ކަންކަންކަން ދެ ފަރާތްވެސް އެއްބަސްވެފައިވާ ކަމަށް ލީ ބުންޏެވެ.
"މީހަކަށް ކުށެއް ކުރެވިއްޖެ ނަމަ އެކަން ގަބޫލްކޮށް، އެކަމަށް އޮތް އަދަބު ލިބިގަތުމަކީ އޭގަ އޮތް އެންމެ ރަނގަޅު ގޮތް. އެފްއޭއިން އެ ކުށުގެ ދައުވާ އޭނާއަށް ރަސްމީކޮށް ނާންގަނީސް އޭނާ އެކަމަށް މައާފަށް އެދެފި. އެކަމާ މެދު އޭނާ ވަރަށް ދެރަވާކަން ފާހަގަވޭ. އެކަމަށް އޭނާ މައާފަށް އެދުމަކީ އަހަރުމެން ވެސް އޭނާ އަށް އެކަމުގައި ސަޕޯޓު ކުރާ ކަމެއް،" ލީ ބުންޏެވެ.
ސިސޭއާ ހިލާފަށް، އީވަންސް ވަނީ އެފްއޭއިން އެކަމާ ގުޅޭ ގޮތުން ކުރި ދައުވާއަށް އިންކާރު ކޮށްފަ އެވެ. އެކަމާ ގުޅޭ ގޮތުން އީވަންސް ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އޭނާ ސިސޭއާ ދިމާލަށް ކުޅު ޖަހާފައި ނުވާކަމަށެވެ.
"ސިސޭއާ ދިމާލަށް ކުޅުޖެހުމަކީ އަހަރެން ނުކުރާ ކަމެއް ކަމަށް އަހަރެން ވަރަށް ސާފުކޮށް ބުނަން ބޭނުން. މެޗަށް ފަހު އަނެއް ދުވަހު ހެނދުނު ތެދުވި އިރު، އެކަމާ ގުޅޭ ގޮތުން މީޑިއާތަކުން ފަތުރާފައިވާ ވާހަކަތަކުގެ ސަބަބުން އަހަރެން ވަރަށް ހައިރާންވި،" އީވަންސް ނެރުނު ބަޔާނުގައި އޭނާ ބުނެފައިވެ އެވެ.
އީވަންސް އެފްއޭގެ ދައުވާ އިންކާރު ކޮށްފައިވާ އިރު، ޔުނައިޓަޑްގެ ކޯޗް ވެން ހާލްވެސް ވަނީ އޭނާ ދިފާއު ކޮށްފަ އެވެ. "އީވަންސް އަކީ ކުޅުނު ޖަހާ ފަދަ ކުޅުންތެރިއެއް ނޫން. އެ ހާދިސާގއި ކުޅު ނުޖަހާ ކަމަށް އޭނާ ވަނީ ބުނެފަ. އަދި އަހަރެން އޭނާގެ ބަސް ގަބޫލު ކުރަން،" ވެން ހާލް ބުންޏެވެ.
އީވަންސްގެ އިންކާރާއެކުވެސް، އިނގިރޭސި އެފްއޭއިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ "އީވަންސް އެ ދައުވާ ގަބޫލު ނުކުރިނަމަވެސް، އެ ދައުވާ މިހާރު ވަނީ ސާބިތު ވެފައި" ކަމަށެވެ. އެފްއޭ އިން އެ ދެ ކުޅުންތެރިން ސަސްޕެންޑުކުރަން ނިންމީ، ތިން ރެފްރީންގެ ކޮމިޓީއެއް އެ ހަދިސާގެ ވީޑިއޯ މުރާޖާ ކުރުމަށް ފަހު، އެ ކުޅުންތެރިންނަށް އެ އަދަވު ހައްގު ކަމަށް ނިންމުމުންނެވެ.