ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ހަނގުރާމަވެރި ހަތިޔާރު ރާއްޖެ އެތެރެކޮށް ގެންގުޅުމުގެ ދައުވާއަށް އޭނާ އިންކާރު ކުރެއްވުމުން ދައުލަތުން ހެކި ހުށަހަޅައިފި އެވެ.

ސިއްރު ހެކީންގެ ގޮތުގައި ތިން މީހެއް ހުށަހެޅުމަށް ފަހު، ދައުލަތުގެ ވަކީލު ވިދާޅުވީ އެ ހެކީން ހުށަހަޅާފައި ވަނީ ނާޒިމް ނިދާ ކޮޓަރި ތެރޭގައި ހުރި ކަބަޑެއްގެ ތެރެއިން ފިސްޓޯލައަކާއި ތިން ވަޒަން ފެނުނުކަން ސާބިތު ކުރުމަށް ކަމަށެވެ.

ސީން އޮފް ކްރައިމް ރިޕޯޓު ހުށަހެޅުއްވުމަށް ފަހު އެ ރިޕޯޓު ތައްޔާރު ކުރެއްވި ޕޮލިސް ކޯޕްރަލް އަހްމަދު އަރީފް ޝަރީއަތަށް ހާޒިރުކޮށްދިނުމަށް ދައުލަތުން ވަނީ އެދިފަ އެވެ.

ނާޒިމް ނިދާ ކޮޓަރިން ފެނުނު ކަމަށް ފުލުހުން ބުނާ ހަތިޔާރަކީ މަސައްކަތްކުރާ ހަތިޔާރެއްކަން ސާބިތުކުރަން އެމްއެންޑީއެފްގެ ރިޕޯޓެއް ވެސް ވަނީ ހެކީގެ ގޮތުގައި ހުށަހަޅާފަ އެވެ.

ނާޒިމްގެ ގެއިން ފެނުނު ކަމަށް ފުލުހުން ބުނާ ފިސްތޯލަ އާއި ތިން ވަޒަނަކީ އެމްއެންޑީއެފްގެ ތަކެތި ނޫންކަން ސާބިތުކުރަން ޑިފެންސް މިނިސްޓްރީގެ ސިޓީއެއް ވެސް ދައުލަތުން ވަނީ ހުށަހަޅާފަ އެވެ.

ދައުވާއާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ނާޒިމްގެ ގާނޫނީ ވަކީލު މައުމޫން ހަމީދު ވިދާޅުވީ އެއީ އުފައްދާފައިވާ މައްސަލައެއް ކަމަށާއި ހެކިތަކަކީ ވެސް އުފައްދާދައިވާ ހެކިތަކެއް ކަމަށެވެ. އަދި އެއީ ވަކި ބައެއްގެ ނުފޫޒުން އުސޫލުތަކާ ޚިލާފަށް ކޮށްފައިވާ ތަހުގީގެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މައުމޫން ހަމީދު ވިދާޅުވީ ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބަކީ ނާޒިމް ދިރިއުޅުއްވާ ގެއަށް ވަޑައިގެން އޭނައާ އެކުގައި ސައިފޮދުހިއްޕަވާ ބޭފުޅެއް ކަމަށެވެ.

ހާދިސާ ހިނގުމުގެ ކުރިން އަދީބު ނާޒިމަށް ފޯނުން ގުޅުއްވައި ދިރިއުޅެނީ ކޮންގެއެއްގައިތޯ އާއި ނިދާ ކޮޓަރި ހުންނަނީ ކޮންތަނެއްގައިތޯ އާއި ގޭގައި ކިތައް ކޮޓަރި ހުންތޯ ސުވާލުކުރައްވާފައިވާ ކަމަށެވެ.

އަދި "އެސްއޯ ފުލުހުން މަޖީދީމަގުގައި ހުރި ފެންފޯއްރުއްތައް" ކެނޑުމުން އެކަމާ ހިތްހަމަޖެހިވަޑައިނުގެން ނާޒިމް ރައީސް އަބްދުﷲ ޔާމީނަށް ބައްދަލުކުރައްވައި އެވާހަކަ ދައްކަވާފައި ވަނިކޮށް، އަދީބު ނާޒިމަށް ގުޅުއްވައި ހޯމް މިނިސްޓަރު އުމަރު ނަސީރަށް ކޮންފަރެންސް ކުރެއްވުމަށްފަހު "ހޭއަރުވާލާނަން" ކަމަށް ބުނެ ބިރުދައްކާފައިވާ ކަމަށް މައުމޫން ހަމީދު ވިދާޅުވި އެވެ.

ފުލުހުން ނާޒިމް ދިރިއުޅުއްވާ ގެ ބަލައި ފާސްކޮށްފައި ވަނީ އޭގެ ދެ ދުވަސްފަހުން ކަމަށް ވެސް މައުމޫން ހަމީދު ވިދާޅުވިއެވެ.

އެ ވާހަކަތަކާ ގުޅިގެން ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި އަބްދުލް ބާރީ ޔޫސުފް ވަނީ އެކަންކަމާ އެ މައްސަލައާ އޮތީ ކޮން ގުޅުމެއްތޯ ކަމަށް ވިދާޅުވެ ސުވާލު ކުރައްވާފައެވެ.

ނާޒިމަށް ގުޅުއްވައި އަދީބު ސުވާލުތަކެއް ކުރެއްވި ކަމަށް ވިދާޅުވާތީ އެކަމަށް އިޝާރާތް ކުރައްވައި ގާޒީ ބާރީ ވިދާޅުވީ އިންސާނުންނަކީ ހަނދާން ނެތޭ ބައެއް ކަމަށާއި އިންސާނުންނަށް ކަންކަން ހަނދާން ނެތުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

މައުމޫން ހަމީދު ވިދާޅުވީ ފުލުހުންގެ ސްވޮޑު ޓީމްގެ ފައިސާ ޖަމާކޮށްފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގުކުރަން ރައީސް ޔާމީން ހޯމް މިނިސްޓަރަށް އަންގަވާފައިވާ ކަމަށެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ ނާޒިމްގެ ގާނޫނީ ޓީމުން ބޭއްވި ނިއުސް ކޮންފަރެންސެއްގައި ފުލުހުން ނާޒިމް ދިރިއުޅުއްވާ ކޮޓަރި ބަލައިފާސްކުރި އިރު ފިންގާ ޕްރިންޓު ނަގާފައިނުވާ ކަމަށް ވަކީލުން ވިދާޅުވެފައިވާ ކަމަށެވެ. އަދި އޭގެފަހުން ފިސްތޯލުން ފެނުނު ފިންގާ ޕްރިންޓް ނާޒިމްގެ ފިންގާ ޕްރިންޓާ ދިމާނުވާ ކަމަށް ވަކީލުން ވިދާޅުވާއިރު، ފުލުހުން ފިންގާ ޕްރިންޓު ނެގިކަން އެކަމުން ވެސް އެނގޭ ކަމަށެވެ. އެހެންކަމުން ނާޒިމްގެ ވަކީލުން ދައްކަވަނީ "ދެއުޅިއެއް ނުވާ ވާހަތަކެއް ކަމަށް" ވެސް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

އެ މައްސަލާގައި ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި އޮންނާނީ ދައުލަތުން ހުށަހަޅާފައިވާ ހެކީންގެ ހެކިބަސް ނެގުމެވެ.