07 Mar 2015, 15:56
ކުއާލަލަންޕޫރު (މާޗް 6) : މީގެ އެއް އަހަރު ކުރިން ގެއްލިފައިވާ މެލޭޝިޔާގެ އެމްއެޗް 370 ފްލައިޓް ފެންނާނެ ކަމުގެ ޔަގީންކަން ވަރަށް ބޮޑުކަމަށް މެލޭޝިޔާގެ ޓްރާންޕޯޓް މިނިސްޓަރު ލިޔޫ ތިޔޮންގް ވިދާޅުވެއްޖެ އެވެ.
މި ފްލައިޓް ގެއްލުނުތާ އެއް އަހަރު ފުރުމާ ގުޅިގެން ދެއްވި ބަޔާނެއްގައި ލިޔޫ ވިދާޅުވީ ގެއްލިފައިވާ ފްލައިޓަށްވީ ގޮތެއް ހޯދުމުގެ މަސައްކަތް މެލޭޝިޔާ ސަރުކާރުން ހުއްޓައިނުލާ ކަމުގަ އެވެ. އަދި މިކަމާ ބެހޭ އެއްވެސް މަޢުލޫމާތެއް މެލޭޝިޔާ ސަރުކާރުން ސިއްރު ނުކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މެލޭޝިޔާ އެއަލައިންސްގެ އެމްއެޗް 370 ފްލައިޓް މީގެ އެއް އަހަރު ކުރިން ގެއްލުނީ ކުއާލަލަންޕޫރުން ފުރައިގެން ޗައިނާގެ ބެއިޖިންގް އަށް ދަތުރުކުރަމުން ގެންދަނިކޮށެވެ. އެބޯޓު ހޯދުމަށް ފަސް މަސް ވަންދެން މެލޭޝިޔާ އާއި އެެތައް ގައުމެއް ބައިވެރިވެގެން ބޮޑެތި މަސައްކަތްތަކެއް ކޮށްގެންވެސް އެބޯޓުގެ ހިލަމެއްވަނީ ނުވެފަ އެވެ. މެލޭޝިޔާގެ ސިވިލްއޭވިއޭޝަނުން އެންމެފަހުން ނިންމާފައި ވަނީ އެމްއެޗް 370 ފްލައިޓް ވެއްޓި އެބޯޓުގެ ފަސިންޖަރުންނާއި ފަޅުވެރިންގެ ގޮތުގައި ތިބި 239 މީހުން މަރުވެފައިވާ ކަމަށެވެ.
އެމްއެޗް 370 ފްލައިޓް ހޯދުމަށް ކުރި މަސައްކަތަށް 93 މިލިޔަން އެމެރިކާ ޑޮލަރު ޚަރަދުވެފައިވާ އިރު މި ޚަރަދު ކޮށްފައި ވަނީ މެލޭޝިޔާ އާއި އެމެރިކާއާ އަދި އޮސްޓްރޭލިޔާއިންނެވެ. މި ބޯޓު ގެއްލުމުގެ ޙާދިސާއަށް ފަހު މެލޭޝިިޔާ އާއި އޮސްޓްރޭލިޔާއާ އަދި އިންޑޮނީޝިޔާ ގުޅިގެން ވަނީ މަތިންދާބޯޓުތަކުގެ ދަތުރުތައް ކޮންމެ 15 މިނިއްޓަކުން ޓްރެކްކޮށް ބެލޭ ފަދަ އެއަރޓްރެފިކް އިލެކްޓްރޯނިކް ނިޒާމެއް އުފައްދައި ތަޖްރިބާކޮށްފަ އެވެ. މިހާތަނަށް މަތިންދާބޯޓުތަކުގެ ދަތުރުތައް ޓްރެކް ކުރަނީ ކޮންމެ 30 މިނިއްޓަކުން ނޫނީ 40 މިނިއްޓުންނެވެ. (ރޮއިޓާސް)