17 Feb 2011, 09:12
ބެއިރޫތު : އިސްރާއީލުގެ ވެރިންނާއި ސިފައިންގެ ޖެނެރަލުންނަށް ލުބްނާނުގެ ޙިޒްބުﷲ ޖަމާއަތުން މަރުގެ އިންޒާރުދިފިއެވެ.
އިސްރާއީލުގެ ޖާސޫސީ އިދާރާ މޮސޭޑުން މީގެ ތިންއަހަރުކުރިން ސޫރިޔާގައި ހިންގި ބޮންގޮއްވުމުގެ ޙާދިޘާއެއްގައ ޝަހީދުކޮށްލެވުނު ހިޒްބުﷲ ގެ ޢަސްކަރީ ކޮމާންޑަރެއް ކަމަށްވާ ޢިމާދު މުޣްނިޔާގެ ހަނދާނުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ނަސްރުﷲ ވިދާޅުވީ އިސްރާއީލުގެ ވެރިންނާއި ސިފައިންގެ އިސް އޮފްސަރުންނަކީ ފަލަސްތީނާއި ލުބްނާނުގެ ވެރިންނާއި ރައްޔިތުން ޑަޒަން ޑަޒަނަށް ސިއްރުގައާއި ފާޅުގައި ޝަހީދުކޮށް އެމިހުންގެ ލެއިން ފެންވަރައިގެން ތިބި ބަޔައެއް ކަމުގައެވެ. އަދި މި ޖަރީމާތައް ހިންގާ އިސްރާއީލުގެ ވެރިންނާއި ޖެނެރަލުންެ މައްޗަށް ބައިނަލްއަޤްވާމީ ކޯޓުގައި ޝަރީޢަތް ހިންގުމުގައި ބައިނަލްއަޤްވާމީ މުޖްތަމަޢު ނާކާމިޔާބު ވެފައިވާތީ އަމިއްލައަށް އިންސާފު ހޯދުން ފިޔަވައި އެހެންގޮތެއް މިހާރު ނެތްކަމުގައެވެ.
އެހެންކަމުން ދުނިޔޭގައި މިހާރުތިބި އެންމެ ނުރައްކާ މުޖްރިމުން ކަމުގައިވާ އިސްރާއީލުގެ ވެރިންނާއި ސިފައިންގެ ޖެނެރަލުން ނަށް މަރުގެ އަބަދު ދިނުމަށް ހިޒްބުﷲ މަސައްކަތް ކުރާނެ ކަމަށާއި އިސްރާއީލުގެ މުޖްރިމުންނަށް ދުނިޔޭގެ އެއްވެސް ތަނެއްގައި އަމާންކަން ނުލިބޭނެ ކަމުގެ އިންޒާރު ނަސްރުﷲ ދެއްވިއެވެ.
ހިޒްބުﷲ ގެ ޢަސްކަރީ ކޮމާންޑަރު ޝަހީދު ކޮށްލާފައިވަނީ ސޫރިޔާގެ ވެރިރަަށް ދިމިޝްޤުގައި އޭނާ ހުންނަވަނިކޮށް އިސްރާއީލުގެ އެޖެންޓުންތަކެއް އޭނާގެ ކާރުގައި ބޮމެއް ހަރުކޮށް އޭނާ ކާރަށް އަރާވަޑައިގަތްވަގުތު ރިމޯޓުން އެކާރު ގޮއްވާލައިގެންނެވެ. އިސްރާއީލުންވަނީ މިކަމަށް ފަޚުރުވެރިވެ ނުސީދާ ގޮތެއްގައި މިޓެރަރިސްޓް ޙަމަލާއަށް އިޢްތިރާފްވެސް ވެފައެވެ. މީގެއިތުރުން ފަލަސްތީނުގެ އެތަށް ލީޑަރުންނަކާއި ލުބްނާނުގެ އެތަށް ލީޑަރުންނެއް އަވާހަރަކޮށްލުމުގެ ތުހުމަތުވެސް އިސްރާއީލުގެ މައްޗަށް ކުރެވިފައިވެއެވެ.
ދާދިފަހުން ދުބާއިގާ ޝަހީދު ކޮށްލެވުނު ޙަމާސްގެ ކޮމާންޑަރެއް ކަމަށްވާ މަޙްމޫދް އަލްމަބްހޫޙު ވެސް އަވަހާރަކޮށްލާފައިވަނީ އސްރާއީލުގެ އެޖެންޓުންތަކެއް ކަމަށް ދުބާއިގެ ފުލުހުން ބުނެއެވެ. މިއެޖެންޓުން ޔޫރަޕްގެ ބައެއް ޤައުމުތަކުގެ ވަގު ޕާސްޕޯޓްތައް ބޭނުންކުރުމުގެ ސަބަބުން ޔޫރަޕްގެ ބައެއް ޤައުމުތަކާއި އިސްރާއީލުގެ ގުޅުންތައްވެސް ގޯސްވެގެން ދިޔައެވެ. ދުބާއިންވަނީ މިއެޖެންޓުންތައް ހައްޔަރުކުރުމުގެ ބައިނަލްއަޤްވާމީ އަމުރެއް އިންޓަޕޯލް މެދުވެރިކޮށް ނެރެފައެވެ. -- އަލްޖަޒީރާ