ބަޣްދާދު (މާޗް 7) : އިރާގުގެ ހުޅަނގުގެ ސަލާޙުއްދީން ގަވަނޭޓް، އައިއެސްގެ ހަނގުރާމަވެރިން ބޭރުކޮށް އެސަރަހައްދު މިނިވަން ކުރުމަށް އިރާގު ސިފައިން ހިންގަމުން ގެންދާ ޢަސްކަރީ އޮޕަރޭޝަންގައި ނާޙިޔަތުލްބަޣުދާދީ މިނިވަން ކުރުމަށް ފަހު އައްދޫރު ސިޓީގެ ބޮޑުބައަކުން ވެސް އައިއެސް ގެ ހަނގުރާމަވެރިން ފައްސާލައިފި އެވެ.

އިރާގު ސިފައިންގެ ޢަސްކަރީ ބަޔާނެއް ބުނާ ގޮތުން މިއަދު ހެނދުނުގެ ވަގުތެއްގައި ސަރުކާރު ސިފައިން ވަނީ އައްދޫރުގެ ދެކުނުގެ އަވަށްތަކަށް ވަދެގެންފަ އެވެ. މިއަވަށްތަކަށް ވަދެގަތުމުގެ ކުރިން އައިއެސްގެ ހަނގުރާމަވެރިން ވަނީ އެތަންތަނުން ފިލާފަ އެވެ. އައްދޫރަށް އިރާގު ސިފައިން ވަނުމުގެކުރިން އިރާގުގެ ލަޝްކަރުތައް ވަނީ ސަލާޙުއްދީން ގަވަރނޭޓްގެ އެހެން ރަށެއްކަމަށްވާ ނާޙިޔަތުލްބަޣްދާދީން ވެސް އައިއެސްގެ ހަނގުރާމަވެރިން ފައްސާލައި އެރަށް ވެސް އިރާގު ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ގެނަސްފަ އެވެ. ނާޙިޔަތުލްބަޣުދާދީ އައިއެސްގެ ބާރުގެ ދަށަށް ދިޔައީ މިދިޔަ ފެބްރުއަރީމަހުގެ ކުރީކޮޅުގަ އެވެ.

މިއީ އިރާގު ސިފައިންނަށް ތަމްރީނު ދިނުމަށް ހަރަކާތްތެރިވާ އެމެރިކާ އަސްކަރީ މުދައްރިބުން ތިބޭ އަސްކަރީ ބޭހާ އެންމެ ފަސްމޭލު ދުރުގައިވާ ރަށެކެވެ. ނާޙިޔަތުލްބަޣުދާދީ މިނިވަން ކުރުމަށް ފަހު އައްދޫރަށް އިރާގު ސިފައިން ވަނުމަކީ އައިއެސްއާ ދެކޮޅަށް އިރާގު ސަރުކާރުން ހޯދި ބޮޑު ކާމިޔާބީއެއް ކަމަށް އެމެރިކާ އިން ވެސް ވަނީ ސިފަކޮށްފަ އެވެ. އިރާގު ސިފައިން ނާޙިޔަތުލްބަޣުދާދީ މިނިވަން ކޮށް އައްދޫރު ސިޓީ އަށް ވަދެފައި ވަނީ އީރާނުގެ އަސްކަރީ އެހީތެރިކަމާއެކުގައި ކަމަށާ އީރާނުގެ ބައެއް އިސް ކޮމާންޑަރުންނާއި އީރާނުގެ ބައެއް ސިފައިން އިރާގުގެ ލަޝްކަރުތަކާ އެކު ހަނގުރާމަ ކުރަމުން ގެންދާކަން އިރާގު ސަރުކާރުންނާއި އެމެރިކާވެސްވަނީ ކަށަވަރުކޮށްދީފަ އެވެ. އަދި އީރާނުން ވެސް މިކަން ދޮގުކޮށްފައެއް ނުވެ އެވެ.

ސަލާޙުއްދީން ގަވަނޭޓް މިނިވަން ކުރުމަށް އިރާގު ސިފައިން ހިންގަމުން ގެންދާ އަސްކަރީ އޮޕަރޭޝަންގައި އިރާގު ސިފައިންގެ 15 ހާސްމީހުންނާއި ޝިޔަޢީ މިލީޝިޔާތަކުގެ 10 ހާސްމީހުން ބައިވެރިވެ އެވެ. ޝިޔަޢީ މިލީޝިޔާތަކަކީ ސުންނީންމެދު ބަދަލުހިފުމުގެ ރޫހެއްގައި ހަނގުރާމަކުރާ ހައްދު ފަހަނަޅާފައިވާ ބަޔަކަށްވާތީ އައިއެސްގެ އަތްދަށުން މިނިވަންކުރާ ސަރަހައްދުތަކުގައި ދިރިއުޅޭ ސުންނީންނާ ދެކޮޅަށް އެމިލީޝިޔާތަކުން ގަތްލު އާންމުތައް ހިންގަފާނެ ކަމުގެ ބިރުވަނީ ހީވެފަ އެވެ. މިދިޔަ ޖަނަވަރީ މަހު އިރާގު ސިފައިން ހިންގި އަސްކަރީ އޮޕަރޭޝަނެއްގައި އައިއެސްގެ އަތްދަށުން މިނިވަންކުރި ސަރަހައްދުތަކުގައި ވެސް ޝިޔަޢީ މިލީޝިޔާތަކުން ސުންނީންނާ ދެކޮޅަށް ތަގްލުއާންމު ހިންގައި ސަތޭކައެެއްހާ މީހުން މަރާލިކަމުގެ އަޑުތަކެއްވަނީ ފެތުރިގެން ގޮސްފަ އެވެ.

މިހާރު އިރާގު ސަރުކާރުން ކުރިޔަށް ގެންދާ އޮޕަރޭޝަންގައި ޝިޔަޢީ މިލީޝިޔާތަކުން މިދިޔަ ބުރާސްފަތިި ދުވަހުވެސް ނާޙިޔަތުލްބަޣްދާދީގެ ސުންނީ އާއިލާއަކަށް ނިސްބަތްވާ 10 އަހަރުގެ ކުއްޖެއްގެ ބޮލަށް ބަޑިޖަހައި މަރާލިކަމުގެ ޚަބަރުތަކެއް ފެތުރިފައިވެ އެވެ. މިފިރިހެން ކުއްޖާއަކީ އައިއެސް އާ ގުޅިގެން ހަނގުރާމަ ކުރި ކުއްޖެ ކަމަށްވެ އެވެ. ނަމަވެސް އެކުއްޖާ ހައްޔަރުކޮށް އަސީރު ކުރުމުގެ ބަދަލުގައި ޝިޔަޢީ މިލީޝިޔާތަކުން އެކުއްޖާ ބޮލަށް ގަސްދުގައި ބަޑިޖަހައި މަރާލީ ކަމަށް ވެ އެވެ.

އަނެއްކޮޅުން އައިއެސް އަކީވެސް އެޖަމާއަތުގެ ކޮންޓްރޯލްގެ ދަށުގައިވާ ސަރަހައްދުތަކުގެ ޝިޔަޢީންނާ އަދި ބައިމަދު ޖަމާއަތްތަކުގެ އާންމުން ކަތިލައި ކަރުބުރިކޮށްގެން މަރަމުން ގެންދާ ޖަމާއަތެކެވެ. އަދި އައިއެސް އާ އިދިކޮޅުވެއްޖެ ނަމަ އެޖަމާއަތުން މިގޮތަށް ސުންނީންވެސް ކަތިލަމުން ގެންދެ އެވެ.

އެމެރިކާ ސިފައިން ވެސް ވަނީ ނާޙިޔަތުލްބަޣުދާދީ އިރާގު ސިފައިންގެ ބާރުގެ ދަށަށް ގެނައުމަށް މަގު ފަހިކުރުމުގެ ގޮތުން އައިއެސްގެ އަމާޒުތަކަށް ވައިގެ ވަރުގަދަ ހަމަލާތަކެއްދީފަ އެވެ.
އައިއެސްގެ މައްޗަށް އިރާގުން ހޯދި މިކާމިޔާބީތަކާއެކު އިރާގު ސިފައިން މިހާރުވަނީީ އައިއެސްގެ ބާރުގެ ދަށުން ތިކްރީތު މިނިވަން ކުރުމުގެ ހަމަލާތައް ވެސް ފަށާފަ އެވެ.

އިރާގުގެ ކުރީގެ ރައީސް ސައްދާމު ހުސައިންގެ އުފަން ރަށް ކަމަށްވާ ތިކްރީތު ހިފުމުގެ އޮޕަރޭޝަނުގައި ބައިވެރިވާ އިރާގު ސިފައިންގެ އިސް ކޮމާންޑަރަކު ވިދާޅުވި ގޮތުގައި އިރާގު ސިފައިންނާއި ޝިޔަޢީ މިލީޝިޔާތައް ހަނގުރާމަ ކުރަމުން ގެންދަނީ ވަރަށް ރޭވުންތެރި ގޮތެއްގައި ކަމަށާ އަވަށްޓެރި އީރާނާއި އިރާގު ކުރިން އިސްތިޢްމާރުކުރި އެމެރިކާގެ އަސްކަރީ އެހިތެރިކަންވެސް މި އޮޕަރޭޝަނަށް ލިބެމުންދާކަމުގަ އެވެ. ތިކްރީތުގެ މަގުތަކާއި އެ ނޫން ވެސް ތަންތަނުގައި އައިއެސް އިން ވަނީ ގޮވާތަކެތި ހަރުކޮށް ދަންތުުރަތައް ޖަހާފައި ކަމަށް ޖާސޫސީ ރިޕޯޓްތައް ބުނެ އެވެ. (އަލްޖަޒީރާ)