ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ހިންގާ ގަވާއިދުގައިވާ ގޮތުގެ މަތީން، ބޭންކުގެ ޑިރެކްޓަރުންގެ ބޯޑަށް އިންތިހާބު ކުރާ ޑިރެކްޓަރުންގެ ތެރެއިން ތިން ޑިރެކްޓަރުންނަކީ އާންމު ހިއްސާދާރުންގެ ތެރެއިން އިންތިހާބު ކުރާ ޑިރެކްޓަރުންނެވެ.

އެ ބޭންކުން އާންމުކޮށް ގެޒެޓުކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އެ މަގާމަށް ކުރިމަތިލެވޭނީ ދިވެހި ރާއްޖޭގެ ބޭންކިންއާ ބޭހޭ ގާނޫނުގައިވާ ގޮތުގެ މަތިން އުމުރުން 30 އަހަރާއި 70 އަހަރާއި ދެމެދުގެ ބޭފުޅުންނަށް ކަމަށެވެ. އަދި ބޭންކުގެ ހިންގާ ގަވާއިދުގެ 53 ވަނަ މާއްދާގައި ޑިރެކްޓަރުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކަށް ކަމަށެވެ.

އޭގެ އިތުރަށް ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ އިން އެކުލަވައިލާފައިވާ ކޯޕަރޭޓް ގަވަނަންސް ކޯޑުގެ 1.1 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުތުތައް ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުންގެ ކިބައިގައި ހުންނަން ވާނެ ކަމަށް ބީއެމްއެލްގެ އިއުލާނުގައި ބުނެފައިވެ އެވެ.

ބޭންކް އޮފް މޯލްޑިވްސް ގެ ޑިރެކްޓަރުކަމަށް ކުރިމަތިލުމަށް ހުށަހަޅާ ފޯމް މިއަދުން ފެށިގެން 22 މާރިޗު 2015ގެ ނިޔަލަށް ބޭންކް އޮފް މޯލްޑިވްސް ޕލކގެ ހެޑް އޮފީހުގެ ހަ ވަނަ ފަންގިފިލާގައި ހުންނަ ކޯޕަރޭޓް އެފެއާޒް ޔުނިޓުން ބަލައިގަންނަމުންދާނެއެވެ.

ފޯމު ލިބިވަޑައިގަންނަވާނީ ބޭންކް އޮފް މޯލްޑިވްސް ގެ ހެޑް އޮފީހުގެ ކޯޕަރޭޓް އެފެއާޒް ޔުނިޓުންނާއި ބޭންކުގެވެބްސައިޓްއިންނެވެ.