07 Mar 2015, 14:56
ކ. މާފުއްޓަށް ޗުއްޓީއަށް ދިޔަ ޗައިނާގެ އެއްބަނޑު އެއްބަފާ ދެ ފަތުރުވެރިން ގެނބިގެން މަރުވެއްޖެ އެވެ.
މާފުށިން ވާހަކަދެއްކި މީހަކު "ސަން" އަށް ބުނީ، އެ ދެ ފަތުރުވެރިން ގެނބިފައި ވަނީ އިއްޔެ މާފުށި ކައިރީގައި އޮންނަ ފިހާޅޮހި ރިސޯޓަށް ގޮސް މޫދަށް އެރި އުޅެނިކޮށް ކަމަށެވެ.
"މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ ދެ ފަތުރުވެރިން މޫދަށް އެރި އުޅެނިކޮށް އެކަކު އޮއިގަނޑެއްގައި ޖެހުނީ. ދެން އޭނާ ސަލާމަތްކުރަން އަނެކަކު ދިޔައީ. ގޮސް އުޅެނިކޮށް ދެމިހުން ގެނބުނީ،" މާފުށިން ވާހަކަދެއްކި މީހާ ބުންޏެވެ.
އެ ދެ ފަތުރުވެރިންގެ ހަށިގަނޑު ގެނެސްފައި ވަނީ އައިޖީއެމްއެޗަށެވެ. އައިޖީއެމްއެޗްގެ މީޑިއާ ކޯޑިނޭޓަރު ޒީނަތު އަލީ ހަބީބު ވިދާޅުވީ، އެ ދެ މީހުން މަރުވެފައި ވަނީ ގެނބިގެން ކަމަށް ބެލެވޭ ކަމަށެވެ. އަދި އެ ދެ ފަތުރުވެރިން އައިޖީއެމްއެޗަށް ގެނައި އިރުވެސް މަރުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، މަރުވެފައި ވަނީ ޗައިނާގެ އުމުރުން 21 އަހަރާއި 28 އަހަރުގެ ދެ އަންހެން ފަތުރުވެރިންނެވެ. އަދި އެއްބަނޑު އެ ދެ ފަތުރުވެރިން ޗުއްޓީއަށް މާފުއްޓަށް ގޮސްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށް ވެސް މައުލޫމާތު ލިބިފައިވެ އެވެ.