ގްރޭޑް އެކެއްގެ ސިއްހީ މަރުކަޒަކަށް ބަދަލުކޮށް، ރ. މީދޫ ސިއްހީ މަރުކަޒު 24 ގަޑިއިރު ހިދުމަތްދޭ މަރުކަޒަކަށް ބަދަލުކޮށްފި އެވެ.

އެ ބަދަލާއެކު އެ މަރުކަޒު ހުޅުއްވައިދެއްވީ އިއްޔެ މީދޫގައި ބޭއްވި ރަސްމިއްޔާތެއްގައި ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އައިޝަތު ޖަމީލާ އެވެ.

ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ރަފީގު ހުސެއިން މިއަދު 'ސަން' އަށް ވިދާޅުވީ، މީދޫ ސިއްހީ މަރުކަޒު 24 ގަޑިއިރު ހިދުމަތްދޭ ތަނަކަށް ބަދަލުކޮށްފައިވަނީ އެ ރަށުގެ އާބާދީ އަށާއި ދުވާލެއްގެ މައްޗަށް އެ މަރުކަޒަށް ދައްކާ ބަލި މީހުންގެ އަދަދަށާއި އެހެން ރަށްތަކާއި ހުރި ދުރުމިނަށް ބެލުމަށް ފަހު ކަމަށެވެ.

"ގްރޭޑް އެކެއްގެ މަރުކަޒަކަށް މީދޫ ސިއްހީ މަރުކަޒު ބަދަލުކޮށްފައިވަނީ، އާބާދީ 2000 މީހުންނަށް އެރުމުން. އަދި އެ ބަދަލާއެކު އާއްމު ބަލިތަކަށް ބޭނުންވާ ޓެސްޓުތައް ހެދިގެންދާނެ. އަދި އެކަމަށްޓަކާ ލެބޯޓަރީ ތަރައްގީ ކުރަމުން ދަނީ،" ޑެޕިއުޓީ މިނިސްޓަރު ރަފީގު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ކޮންމެ ހަ މަހަކުން ރާއްޖޭގެ އަތޮޅުތަކުގެ ސިއްހީ މަރުކަޒުތައް ދަނީ މޮނީޓަރު ކޮށް ދަރަޖަ ކުރަމުންނެވެ.

ހެލްތު މިނިސްޓްރީން ބުނާ ގޮތުން، ސިއްހީ މަރުކަޒުތައް ބަހާލެވިފައި ވަނީ ތިން ގްރޭޑަކަށެވެ. އެގޮތުން، 500 އަށްވުރެއް ކުދި އާބާދީގެ ރަށްރަށުގައި ހުންނަ ގްރޭޑް ތިނެއްގެ ސިއްހީ މަރުކަޒުތަކުން ހިދުމަތްދޭނީ އަށް ގަޑިއިރަށެވެ. އާބާދީ 2000 އަށްވުރެ ދަށް ރަށްރަށުގައި ހުންނަ ގްރޭޑް ދޭއްގެ ސިއްހީ މަރުކަޒުތަކުން 16 ގަޑިއިރަށް ހިދުމަތްދޭއިރު، ގްރޭޑް އެކެއްގެ ސިއްހީ މަރުކަޒުތަކުން ހިދުމަތްދޭނީ 24 ގަޑި އިރަށެވެ.

ރަފީގު ވިދާޅުވީ، އާބާދީ ހަމަނުވި ނަމަވެސް ތަފާތު ގޮތްތަކެއް ހުންނަ ރަށްރަށުގެ ސިއްހީ މަރުކަޒުތައް ވެސް 24 ގަޑިއިރަށް ހިދުމަތްދޭ ތަންތަނަށް ބަދަލުކުރަމުން އަންނަ ކަމަށެވެ.

"ބައެއް ރަށްރަށުގައި ހުންނަ ތަފާތު ހާލަތްތައް ނުވަތަ ހާއްސަ ގޮތްތަކަށް ބެލުމަށް ފަހު ވެސް އެރަށްރަށުގައި ހުންނަ ސިއްހީ މަރުކަޒުތައް 24 ގަޑިއިރު ހިދުމަތްދޭ ތަންތަނަށް ބަދަލުކުރަން ޖެހޭ. އެގޮތުން، ކައިރީގައި ސިނާއީ ރަށްތަކާއި ރިސޯޓްތައް ހުންނަނަމަ އެފަދަ ސިއްހީ ހިދުމަތްތައް ރަށްރަށުން ލިބެންޖެހޭ،" ރަފީގު ވިދާޅުވި އެވެ.

ރ. މީދޫ އާއި އެކު މިހާރު ރ. އަތޮޅުގެ ހަތަރު ރަށެއްގެ ސިއްހީ މަރުކަޒުން 24 ގަޑިރިއަށް ހިދުމަތްދޭނެ ކަމަށް ހެލްތް މިނިސްޓްރީން ބުނެ އެވެ. އެއީ، ރ. އުގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އިތުރުން ހުޅުދުއްފާރާއި އަލިފުށީގެ އިތުރުން ދުވާފަރުގައި ހުންނަ ސިއްހީ މަރުކަޒެވެ.

މީގެ އިތުރުން، ރ. މަޑުއްވަރީ ސިއްހީ މަރުކަޒު ވެސް 24 ގަޑިއިރު ހިދުމަތްދޭ މަރުކަޒަކަށް ވަރަށް އަވަހަށް ބަދަލުވެގެންދާނެ ކަމަށް ރަފީގު ވިދާޅުވި އެވެ.

ރ. މީދޫގެ އިތުރުން މިދިޔަ ބުރާސްފަތި ދުވަހު ބ. ދަރަވަންދޫ ސިއްހީ މަރުކަޒު ވެސް ވަނީ 24 ގަޑިއިރު ހިދުމަތްދޭ މަރުކަޒަކަށް ބަދަލުކޮށްފަ އެވެ.

ރަފީގު ވިދާޅުވީ، ދަރަވަންދޫގައި 2000 މީހުންގެ އާބާދީއެއް ނެތް ނަމަވެސް، އެރަށުގެ ސިއްހީ މަރުކަޒު 24 ގަޑިއިރަށް ހިދުމަތްދޭ ގްރޭޑް އެކެއްގެ ސިއްހީ މަރުކަޒަކަށް ބަދަލުކޮށްފައި ވަނީ، އެ ރަށުގައި އެއާޕޯޓެއް އޮވެ، ފަތުރުވެރިންތަކެއް އައުމާއި އެހެން ރަށްރަށުން ވެސް ވައިމަގުން ބަލި މީހުން ގެންދާ ރަށަކަށް ވާތީ ކަމަށެވެ.