07 Mar 2015, 14:49
ސްރީލަންކާގެ ގައުމީ އެއާލައިން، ސްރީލަންކަންގެ ދަރަނި 2013 ވަނަ އަހަރަށް ވުރެ 2014 ވަނަ އަހަރު 24 ޕަސެންޓް އިތުރުވެފައިވާ ކަމަށް އެ އެއާލައިން އިން ބުނެފި އެވެ.
ސްރީލަކަން އެއާލައިންގެ 2014 ވަނަ އަހަރުގެ ދަރަންޏަކީ 32.4 ބިލިއަން ސްރީލަންކަން ރުޕީސް އެވެ. އަދި 2013 ވަނަ އަހަރު އެ އެއާލައިންގެ ދަރަންޏަކީ 26.1 ބިލިއަން ސްރީލަންކަން ރުޕީސް އެވެ.
ނިއުސް އެލްކޭ އިން ބުރާސްފަތި ދުވަހު ބުނީ އެއާލައިންގެ މިދިޔަ އަހަރުގެ އޮޕަރޭޝަން ހަރަދަކީ 150.4 ބިލިއަން ރުޕީސް ކަމަށެވެ. އަދި އެއީ ކުރީ އަހަރުގެ އޮޕަރޭޝަން ހަރަދު 146.7 ބިލިއަނަށް ވުރެ ތިން ޕަސެންޓް އިތުރު އަދަދެއް ކަމަށެވެ.
އެއާލައިނުން ބުނީ ގެއްލުން ބޮޑުވީ ބޯޓްތަކުގެ މަރާމާތާއި އަދި ބޯޓުތަކަށް ގެންނަން ޖެހުނު ބަދަލުތަކުގެ ސަބަބުން ކަމަށެވެ.
ސްރީލަންކާ ސަރުކާރުން 2012 ވަނަ އަހަރު ބުނެފައި ވަނީ ފަސް އަހަރުގެ ތެރޭގައި އެއާލައިން ތަރައްގީ ކުރުމަށް 500 މިލިއަން ޑޮލަރު އިންވެސްޓް ކުރާނެ ކަމަށެވެ. އަދި އެ އެއްބަސްވުމުގެ ދަށުން ސަރުކާރުން ވަނީ 19.6 ބިލިއަން ރުޕީސް ނޫނީ، 147.5 މިލިއަން ޑޮލަރު 2014 ވަނަ އަހަރު އެއާލައިނަށްދީފަ އެވެ. އަދި ސަރުކާރުން މިދިޔަ އަހަރު 150 މިލިއަން ޑޮލަރުގެ ބޭންކް ފެސިލިޓީސް ފޯރުކޮށްދީފަ އެވެ. އަދި މި އަހަރާއި އަންނަ އަހަރު 124 މިލިއަން ޑޮލަރު އިންވެސްޓް ކުރާނެ ކަމަށް ބުނެފަ އެވެ.