07 Mar 2015, 14:03
ރާއްޖޭގެ ޗެސް ފެޑަރޭޝަނުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ ގައުމީ ޗެސް ކްލަބް ޗެންޕިއަންޝިޕާއި ޗެސް ފެޑަރޭޝަން ކަޕް މާދަމާ ފަށަން ނިންމައިފި އެވެ.
ޗެސް ފެޑަރޭޝަނުން އިންތިޒާމްކޮށްގެން ހިންގާ އެ ދެ މުބާރާތުގެ ތެރެއިން ފުރަތަމަ ބާއްވަން ހަމަޖެހިފައި ވަނީ ގައުމީ ކްލަބް ޗެންޕިއަންޝިޕް އެވެ. ކްލަބް ޗެންޕިއަންޝިޕްގެ މެޗުތައް މާދަމާ ރޭ 20:30ގައި ފަށަން ހަމަޖެހިފައިވާ އިރު، އެ މުބާރާތް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ މާބްލް ހޮޓެލްގެ ރަނި މާލަމުގަ އެވެ.
ޗެސް ފެޑަރޭޝަނުން މައުލޫމާތު ދިން ގޮތުގައި ކްލަބް ޗެންޕިއަންޝިޕް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ރައުންޑް ރޮބިން އުސޫލުން ރެޕިޑް ޗެސްގެ ގަވައިދުތަކާ އެއްގޮތަށެވެ. އެ މުބާރާތުގައި ވާދަކުރާ ކްލަބްތަކަކީ ކްލަބް ވެލެންސިޔާ، ކްލަބް އީގަލްސް، ކްލަބް ގްރީން ސްޓްރީޓް، ޑީއެކްސް ސްޕޯޓްސް ކްލަބްމިލަދު ސްޕޯޓްސް އަދި ކްލަބް ގާމަގު އެވެ.
މުބާރާތުގައި ބައިވެރިވާ ކްލަބްތަކުގެ ތެރެއިން ކްލަބް އީގަލްސް އާއި ކްލަބް ގްރީން ސްޓްރީޓް އަކީ މުޅިން އަލަށް އެ މުބާރާތުގައި ބައިވެރިވާ ދެ ކްލަބެވެ.
މާޗް އަށެއް އަދި ނުވައެއްގައި ބާއްވާ ކްލަބް ޗެންޕިއަންޝިޕް ނިންމާލުމަށް ފަހު، މާޗް 10 ވަނަ ދުވަހު ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ޗެސް ފެޑަރޭޝަން ކަޕް އެވެ. ރައުންޑް ރޮބިން އުސޫލުން ބްލިޓްޒް ޗެސްގެ ގަވައިދުތަކާ އެއްގޮތަށް ކުރިއަށް ގެންދާ އެ މުބާރާތް ވެސް ބާއްވަން ހަމަޖެހިފައި ވަނީ މާބްލް ހޮޓަލްގެ ހޮޓަލްގަ އެވެ.
އޭގެ އިތުރުން އެ މުބާރާތްތައް ބައްލަވާލަން ބޭނުންވާ ފަރާތްތަކަށް މާބްލް ކެފޭގައި އެކަމުގެ އިންތިޒާމްތައް ހަމަޖެހިފައިވާ ކަމަށް ވެސް ޗެސް ފޭޑަރޭޝަނުން މައުލޫމާތު ދެއެވެ.
ގައުމީ ކްލަބް ޗެންޕިއަންޝިޕާއި ޗެސް ފެޑަރޭޝަން ކަޕްގައި ދިމާވާ މައްސަލަތައް ހައްލުކުރަން ޗެސް ފެޑަރޭޝަނުން އެޕީލްސް ކޮމިޓީއެއް މިހާރު އެކުލަވާލާފައިވާ އިރު، އެ ކޮމިޓީގެ ޗީފް އާބިޓަރަކަށް ހަމަޖައްސާފައި ވަނީ އަލީ ނާސިހު އެވެ. އަދި ޗެސް ފެޑަރޭޝަންގެ ފަރާތުން އެ ކޮމިޓީގެ މެންބަރެއްގެ ގޮތުގައި ފެޑަރޭޝަންގެ ރައީސް ނޫހު އަލީ ވަނީ ހަމަޖައްސާފަ އެވެ.
އޭގެ އިތުރުން އެ ކޮމިޓީގައި ކޮންމެ ކްލަބަކުންވެސް ރެޕްރެޒެންޓޭޓިވްއެއް ހަމަޖައްސާފައި ވާއިރު، ދެން އެ ކޮމިޓީގައި ހިމެނޭ މެންބަރުންނަކީ ޑީއެކްސް ސްޕޯޓްސް ކްލަބްގެ އާދަމް ޒާހިރު، ކްލަބް ގާމަގުގެ މުހައްމަދު ޝުއާއު، ކްލަބް ވެލެންސިޔާގެ ހުސެއިން ވިޝާއު މުހައްމަދު، ކްލަބް އީގަލްސްގެ އަހުމަދު ފުއާދު، މިލަދޫ ސްޕޯޓްސްގެ އިބްރާހިމް އަބްދުﷲ އަދި ކްލަބް ގްރީން ސްޓްރީޓްގެ ހުސެއިން ސޮލާހު އެވެ.
އެ ދެ މުބާރާތުގެ ކުޅުން ނިމުންމުމަށް ފަހު، މިދިޔަ ފެބްރިއުރީ މަހު ނިމުނު ގައުމީ އިންޑިވިޖުއަލް ޗެސް ޗެންޕިއަންޝިޕާއި އެ ދެ މުބާރާތުގެ ވަނަވަނައަށް ހޮވުނު ފަރާތްތަކަށް ތައްޓާއި އިނާމް އަދި މެޑަލް ހަވާލު ކުރަން މާޗް 10 ވަނަ ދުވަހުގެ ރޭ މާބްލް ހޮޓަލްގައި އޮންނާނެ ކަމަށް ޗެސް ފެޑަރޭޝަނުން ވަނީ މައުލޫމާތު ދީފަ އެވެ.
އެ މުބާރާތްތަކުގެ ވަނަވަނައަށް ހޮވުނު ފަރާތްތަކަށް އިނާމް ދިނުމަށް ބާއްވާ ހަފްލާގައި ޝަރަފްވެރި މެހެމާނެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ޔޫތު މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް އަލީ ޒަކީ އެވެ. އަދި އޭގެ އިތުރުން އެ ހަފްލާގައި މުބާރާތް ސްޕޮންސާ ކޮށްދެއްވި ރެޑް ބުލް އެނާޖީ ޑްރިންކްގެ އޮފިޝަލުންނާއި ހޯސްޓް މާބްލް ކެފޭގެ އިސް ބޭފުޅުން ބައިވެރިވާ ގޮތަށްވެސް ހަމަޖެހިފައި ވާކަމަށް ޗެސް ފެޑަރޭޝަނުން މައުލޫމާތު ދިނެވެ.