07 Mar 2015, 13:56
ބޮމެއް ގެންގުޅޭ ކަމަށް ޝައްކު ކުރެވިގެން ރޭ އިބްރާހިމް ނާސިރު އިންޓާނޭޝަނަލް އެއާޕޯޓުން ހައްޔަރު ކުރި 42 އަހަރުގެ މީހާ މިއަދު ދޫކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު 'ސަން' އަށް ވިދާޅުވީ ބޮމެއް ގެންގުޅޭ ކަމުގެ ވާހަކައެއް ދެކެވިގެން އިއްޔެ ހަވީރު އެއާޕޯޓުން ހައްޔަރުކުރި މީހާ މިހާރު ދޫކޮށްލާފައިވާ ކަމަށާއި، އޭނާ ދޫކޮށްލީ ބަންދުގައި ބަހައްޓައިގެން ކުރިއަށް ގެންދާނެ ތަހުގީގެއް ނެތް ކަމަށް ފުލުހުންނަށް ފެންނާތީ ކަމަށެވެ. އަދި މިހާރު ވެސް ފުލުހުން އެމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އަދުނާން މުހައްމަދު ރޭ ވިދާޅުވީ އެއާޕޯޓަށް ފުރަން ގޮސް ހުރި މީހަކު ގޮވާ ޒާތުގެ އެއްޗެއް ގެންގުޅޭ ކަމަށް ބުނެ އެއާޕޯޓްގެ އޮފިސަރެއްގެ ގާތުގައި އެ ވާހަކަ ދެއްކި ކަމަށެވެ. އަދި އެމްއެންޑީއެފް އަށް އެކަން ރިޕޯޓުކުރީ އެ އެއާޕޯޓުގެ އޮފިސަރު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އޭނަ ވަގުތުން ޓާމިނަލް ތެރޭ އޭނާ ޗެކް ކުރަން ފެށިން. އެހެންނަމަވެސް އޭނާގެ އަތުގައި އެފަދަ އެއްޗެއް ނެތުމުން އަޅުގަނޑުމެން އޭނާ ފުލުހުންނާ ހަވާލުކުރީ."