އިންޑިއާގެ ބޮޑު ވަޒީރު ނެރަންދުރަ މޯދީ ސްރީލަންކާ އަށް ކުރައްވަން ތާވަލުކޮށްފައިވާ ދަތުރުފުޅު ހަފްތާ އަކަށް ގާތްވެފައި ވަނިކޮށް، ޗައިނާ ސަރުކާރުން ތަރައްގީ ކުރާ ކަލަމްބޯގެ ޕޯޓް ސިޓީ މަޝްރޫއު ލަންކާ ސަރުކާރުން ވަގުތީ ގޮތުން، އެކަމަކު ވަގުތުން ހުއްޓުވައިފި އެވެ.

ސްރީލަންކާގެ ހެލްތު މިނިސްޓަރު އަދި ކެބިނެޓް ތަރުޖަމާނު ރަޖިތާ ސެނެރަތަން އަންގާރަ ދުވަހު މީޑިއާ އަށް ވިދާޅުވީ އެ މަޝްރޫއު ދެ ހަފްތާ އަށް ހުއްޓާލާފައިވާ ކަމަށާއި އެއީ ތިމާވެށީގެ ހުއްދައެއްގެ ކަންތައް ހަމަޖެހެންދެން ކަމަށެވެ.

ޗައިނާ ސަރުކާރުން ހިންގާ 1.34 ބިލިއަން ޑޮލަރުގެ ރިއަލްއެސްޓޭޓް މަޝްރޫއު މި ހުއްޓާލީ، އެ މަޝްރޫއުގައި ފުށުއެރުންތަކެއް ހުރި ކަމަށް ލަންކާ ސަރުކާރުން ބުނިތާ މާ ގިނަ ދުވަސްތަކެެއް ނުވަނީހެވެ.

ޖެނުއަރީ މަހު 8 ވަނަ ދުވަހު އޮތް އިންތިހާބުގެ ކުރިން، ކުރީގެ އިދިކޮޅު ލީޑަރު އަދި މިހާރުގެ ބޮޑުވަޒީރު ރަނިލް ވިކްރަމްސިންގްހާ ވިދާޅުވީ އެ ބޭފުޅުންގެ ކޯލިޝަނަށް ވެރިކަން ލިބިއްޖެ ނަމަ އެ މަޝްރޫއު ހުއްޓާލާނެ ކަމަށެވެ. ލަންކާގެ އާ ސަރުކާރު އައިތާ މަސް ދުވަސް ފަހުން ރައީސް މައިތިރި ޕާލާ ސިރިސޭނާ ވިދާޅުވެފައި ވަނީ ތިމާވެށީގެ ކަންކަން ބެލުމަށް ފަހު ޕޯޓް ސިޓީ މަޝްރޫއު ކުރިއަށް ގެންދާނެ ކަމަށެވެ. ނަމަވެސް އެއާ ވިދިގެން ބޮޑު ވަޒީރު ރަނިލް ވިކްރަމަ ސިންގްހާ ވިދާޅުވީ އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް އައު ސަރުކާރުން ނުނިންމާ ކަމަށާއި ސަރުކާރުން އެއީ ފީޒިބަލް މަޝްރޫއުއެއްތޯ ބަލާނެ ކަމަށެވެ.

ސްރީލަންކާގެ މަސްދަރުތަކުން ބުނީ މިހަފްތާގެ ބުރާސްފަތި ދުވަހު އިންޑިއާގެ ބޮޑު ވަޒީރު ލަންކާ އަށް ވަޑައިގަންނަވާ އިރު، ޗައިނާ އާއި އިންޑިއާއާ ދެމެދު ހަމަހަމަކަން ގެންގުޅުމަށް ސަރުކާރުން ވިސްނާ ކަމަށެވެ. ލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާ މި މަހު ފަހުކޮޅު ޗައިނާ އަށް ވަޑައިގަތުމަށް ވަނީ ނިންމަވައިފަ އެވެ.