07 Mar 2015, 12:17
އަލް އަސްރު ޖަމިއްޔާ އިން އިސްނަގައިގެން "ފީ ބުޔޫތު"ގެ ނަމުގައި ހާއްސަ ދަރުސް ކުލާސްތަކެއް ފަށައިފި އެވެ.
ހުޅުމާލެ އާއި މާލޭގެ އިތުރުން ވިލިމާލޭގެ މިސްކިތްތަކުގައި އެ ދަރުސްތައް ކުރިއަށްގެންދިއުމަށް އެ ޖަމިއްޔާ އިން ވަނީ ނިންމާފަ އެވެ.
އަލް އަސްރު ޖަމިއްޔާގެ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ ސިލްސިލާކޮށް ކުރިއަށް ގެންދާ އެ ދަރުސްތަކުގައި އެކި އެކި ރަސޫލު ބޭކަލުންނާ ގުޅޭ ގޮތުން ގުރުއާނުގައި އައިސްފައިވާ ވާހަކަތަކާއި އަހުލާގީ ގޮތުން އައިސްފައި ހުންނަ ހަދީޘްތައް ތަފްސީލުކޮށް ޝަރަހަކޮށްދިނުމާއި އަގީދާގެ ކުލާސްތަކެއް ކުރިއަށްދާނެ ކަމަށެވެ.
އެގޮތުން މާލޭގައި ހުންނަ ނޫރު މިސްކިތާއި އިސްކަންދަރު މިސްކިތުގައި ކޮންމެ އަންގާރަ އަދި ބުދަ ދުވަހެއްގެ ރޭ އިޝާނަމާދަށް ފަހު ދަރުސްތައް ކުރިއަށްދާނެ އެވެ. އެ ދަރުސްތަކުގައި ކިޔަވައިދެއްވަނީ ޝައިހް އާދަމް ޝަމީމާއި ޝައިހް ނިމާލް މުހައްމަދު އެވެ. ނޫރު މިސްކިތުގައި ޝައިހް ޝަމީމް ދަރުސް ދެއްވާއިރު އިސްކަންދަރު މިސްކިތުގައި ދަރުސް ދެއްވާނީ ޝައިހް ނިމާލް އެވެ.
އޭގެ އިތުރުން ވިލިމާލެ މިސްކިތުގައި ކޮންމެ ހޯމަ ދުވަހެއްގެރޭ އިޝާ ނަމާދަށް ފަހު ޝައިހް އާދަމް ޝަމީމް ދަރުސް ދެއްވާނެ ކަމަށާއި ހުޅުމާލޭގައި ހުންނަ މަސްޖިދުލް އަޒީޒާ މޫސާ މިސްކިތުގައި ކޮންމެ ހަފްތާއެއްގެ އާދީއްތަ ދުވަހުގެރޭ އިޝަނަމާދަށް ފަހު ދަރުސް އޮންނާނެ އެވެ. އެ ދަރުސްތައް ދެއްވާނީ ޝައިހް މުހައްމަދު ޝާފިއު ކަމަށް އަލް އަސްރު ޖަމިއްޔާ އިން މައުލޫމާތުދެ އެވެ.
އޮފިޝަލް ވިދާޅުވީ އާންމުކޮށް ހުރިހާ އުމުރެއްގެ މީހުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ އެ ދަރުސްތަކުގެ ބޭނުމަކީ ދީނީގޮތުން ކަންކަން އޮތްގޮތް އާންމުންނަށް ރަނގަޅަށް އޮޅުން ފިލުވައިދީ ދީނީ ކަންކަމަށް މީހުން ޖޭލުންތެރި ކުރުވުން ކަމަށެވެ.
އަލް އަސްރު ޖަމިއްޔާ ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނަމާދު ވޯކްޝޮޕް ފަދަ ޕްރޮގްރާމް ތަކެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ.