07 Mar 2015, 11:59
އޭޝިއަން ފުޓްބޯލް ކޮންފެޑަރޭޝަން (އޭއެސްފީ)ގެ އެގްޒެކެޓިވް ކޮމިޓީ (އެކްސްކޯ)ގެ އޯޑިނެރީ މެންބަރު ކަމަށް ކުރިމަތިލުމަށް އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން މުހައްމަދު ޝަވީދު ނިންމާފައި ވާއި އރު، އެ މަގާމަށް ކުރިމަތިލުމުގައި އޭއެފްސީގެ އިލެކްޓޯރަލް ކޮމިޓީން އޭނާގެ ކެނޑިޑެސީ ބަލައިގެންފައިވާ ކަމަށް އެފްއޭއެމުން ހާމަކޮށްފި އެވެ.
ރާއްޖޭގެ ފަރާތުން އޭޝިއާގެ ފުޓްބޯޅައިގައި އަޑުއުފުލާ، ރާއްޖޭގެ ފުޓްބޯޅައަށް ތަރައްގީ ލިބިދެނިވި ގޮތެއްގައި މަސައްކަތް ކުރުމުގެ ނިޔަތުގައި މިދިޔަ މަހު އެ މަގާމަށް ކުރިމަލާން ނިންމާފައި ވާކަން ޝަވީދު ހާމަކޮށްފައިވާ އިރު، އެފްއޭއެމުން ބުނީ ޝަވީދުގެ ކެނޑިޑެސީ އޭއެފްސީން ބަލައިގެންފައި ވަނީ މިމަހުގެ ތިންވަނަ ދުވަހު އޭއެފްސީގެ އިލެކްޓޯރަލް ކޮމިޓީން ބޭއްވި ބައްދަލުވުމެއްގައި، އެކަމާ މެދު މަޝްވަރާ ކުރުމަށް ފަހު ކަމަށް އެފްއޭއެމުން ވަނީ ބުނެފަ އެވެ.
އޭއެފްސީގެ އެކްސްކޯގައި މިހާރު ވެސް ރާއްޖޭގެ ޕާލިމެންޓަރީ މެންބަރު އަދި އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމް މެންބަރެއްގެ މަގާމް އަދާކުރަމުން ދާ އިރު، މިދިޔަ މަހު ބޭއްވި އެފްއޭއެމްގެ އެކްސްޓްރާ އޯޑިނެރީ ކޮންގްރެސްއަށް ފަހު ވާހަކަ ދައްކަމުން ޝަވީދު ވަނީ އެ މަގާމް ދިފާއު ކުރުމުގެ މުހިންމު ކަމަށް އަލި އަޅުވާލާފަ އެވެ.
އޭގެ އިތުރުން ޝަވީދު ވަނީ އެ މަގާމަށް ކުރިމަތިލުމުގައި ރާއްޖެ އިން ނިކުންނަ ކެނޑިޑޭޓަކަށް ބޮޑު ތާއީދެއް ލިބުން އެކަށީގެން ވާކަން ފާހަގަ ކޮށްފަ އެވެ. އޭއެފްސީ އެކްސްކޯއަށް ދެކުނު އޭޝިއާގެ ސަރަހައްދަށް ހަތަރު ސްލޮޓެއް އެ އިދާރާ އިން ކަނޑައަޅާފައިވާ އިރު، އެ މަގާމުތަކަށް ކުރިމަތި ލުމުގައި އޭފްސީ ސައުތު އޭޝިއަން ރީޖަނުން އިންޑިއާ، ޝްރީލަންކާ، ނޭޕާލް، ބޫޓާބް، އަދި ޕާކިސްތާން ވެސް ވަނީ ރާއްޖެއާ އެކު އެ މަގާމްތަކަށް ކުރިމަތިލާން ނިންމާފަ އެވެ.
އޭއެފްސީ ސައުތު އޭޝިއަން ރީޖަނުން ބަންގްލަދޭޝްވެސް އެ މަގާމަށް ކުރިމަތިލާން ޝައުގުވެރިކަން ފާޅުކޮސްފައިވާ އިރު، އޭއެފްސީ އެކްސްކޯގައި މިހާރު ވެސް އެ ގައުމުގެ އަންހެން ބޭފުޅަކު ދަނީ މެންބަރެއްގެ މަގާމް އަދާކުރަމުން ނެވެ. އަދި އޭއެފްސީގެ އިސް ފަރާތްތަކުން އޭނާ އަށް އެ މަގާމަށް ދެވަނަ ދައުރެއް ދޭން ނިންމާފައިވާ އިރު، މިފަހަރުގެ އިންތިހާބުގައި ބަންގްލަދޭޝް ވަނީ ބައިވެރި ނުވާގޮތަށް ނިންމާފަ އެވެ.
އޭއެފްސީގެ ސައުތު އޭޝިއަން ޒޯނަށް އެ އިދާރާ އިން ކަނޑައަޅާފައިވާ ސްލޮޓްތަކަކީ ނައިބު ރައީސް އަކާއި އަންހެން މެންބަރެއްގެ އިތުރުން އޯޑިނަރީ ދެ މެންބަރުންގެ ސްލޮޓެކެވެ. އެ ސްލޮޓް ތަލުގެ ތެރެއިން އަންހެން މެންބަރެއްގެ ސްލޮޓަށް ވެސް ރާއްޖެ އިން މީގެ ކުރިން ކުރިމަތިލާފައިވާ އިރު، އެ ސްލޮޓްގައި މިޙާރު ހުރި ބަންގްލަދޭޝްގެ ރެޕްރެޒެންޓޭޓިވްއަށް ދެވަނަ ދައުރެއް ދޭން ނިންމުމުން، ރާއްޖެއިން ވަނީ އެ މަގާމް ދޫކޮށްލާފަ އެވެ.
އޭފްސީ އެކްސްކޯގެ އިންތިހާބު ބާއްވަން ނިންމާފައި ވަނީ އަންނަ އޭޕްރިލް މަހުގެ 30 ވަނަ ދުވަހު އެވެ. އަދި އެ އިންތިހާބަށްފަހު މި އަހަރުގެ މެއި މަހު ފީފާގެ އެކްސްކޯ އިންތިހާބު ވެސް ބާއްވަން އެ އިދާރާއިން ވަނީ ތާވަލް ކޮށްފަ އެވެ.