ހއ. ދޮނަކުޅީގައި ތަރައްގީކޮށްފައިވާ "ހައިޑަވޭ ބީޗް ރިސޯޓް އެންޑް ސްޕާ" މަރާމާތަށް ފަހު އަލުން ހުޅުވައިފި އެވެ.

ދޮނަކުޅީގައި ތަރަށްގީކޮށްފައިވާ ފަސްތަރީގެ އެ ރިސޯޓަކީ މަރާމާތަށް 50 މިލިއަން ޑޮލަރު އިންވެސްޓްކޮށްގެން ތަރައްގީކޮށްފައިވާ ރިސޯޓެކެވެ.

އެވަރުގެ އިންވެސްޓްމަންޓާކާ އެކު އައިލެންޑް ހައިޑްއަވޭ ރިސޯޓު ލަގްޒަރީ ރިސޯޓެއްގެ ގޮތުގައި މިހާރު ހުޅުވާފައިވާ އިރު އެ ރިސޯޓަށް މިހާރު ވަނީ ބޮޑަތި ބަދަލުތަކެއް ގެނެސްފަ އެވެ.

އެގޮތުން ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ވެބްސައިޓުތަކުގައިވާ ގޮތުން އެ ރިސޯޓުގައި މިހާރު އެކި ފެންވަރުގެ މަތީ ފަންތީގެ 103 ވިލާ ހުރެ އެވެ. ބީޗް ފްރޮންޓަށް ވާގޮތަށް ހުންނަ ކޮޓަރިތަކާއި ބަގީޗާއާ އެކު ހަދާފައި ހުންނަ ފެމެލީވިލާތައް ވެސް ހިމެނޭ ގޮތަށް ޓޫރިސްޓުން މަޑުކުރުމަށް އަށް ވައްތަރެއްގެ ކޮޓަރި އެ ރިސޯޓުގައި ހުރެ އެވެ. އޭގެ އިތުރުން މިހާރު އެ ރިސޯޓުގައި 50 މޫދު ކޮޓަރި ވެސް ހުރެ އެވެ.

ދިވެހި ކުންފުންޏެއް ކަމަށްވާ ދޮނަކުޅި އިންވެސްޓްމަންޓުން ތަރައްގީކޮށް ހިންގާ ފަސްތަރީގެ މި ރިސޯޓުގައި ބޮޑު ބީޗަކާއި ސުވިމިން ޕޫލެއްގެ އިތުރުން ރެސްޓޯރެންޓެއް ވެސް ހަދާފައިވެ އެވެ. މި ތަނުގައި ވެޖިޓޭރިއަނުން ނަށް ހާއްސަ ކެއުންތަކާއި ދިވެހި ރަހަތައް ހިމެނޭ ގިނަ ކެއުންތަކެއް ވެސް ހުރެ އެވެ.

ހައިޑަވޭ ބީޗް ރިސޯޓް އެންޑް ސްޕާ ފަރުމާކޮށްފައި ވަނީ "ހެލްތް އެންޑް ވެލްނަސް"ގެ ގޮތުގައި ސްޕާގެ ހިދުމަތް ބޭނުންކުރަން ރާއްޖެ އަންނަ ޓޫރިސްޓުންގެ އެންމެ ބޭނުންވާ ގޮތަށެވެ.

މި ރިސޯޓުގައި ހުންނަ ސްޕާއަކީ ރާއްޖޭގައި މި ވަގުތު ހުރި އެންމެ ބޮޑު އެއް ސްޕާ އެވެ. އަދި މި ރިސޯޓުގައި އެކިއެކި ކުޅިވަރުތައް ވެސް ކުޅެވޭނެ ވަސީލްތައް ގާއިމްކޮށްފައިވެ އެވެ.