ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ކުރީގެ ސިފައިންގެ އެންމެ މަތީވެރިޔާގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލުމުން، އެ ދައުވާ ސާބިތުވެއްޖެ ނަމަ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލެވޭ ވަރުގެ ދައުވާ އަކީ ސިޔާސީ ދައުވާއެއް ކަމަށް ޝަރީއަތުގެ މަޖިލީހުގައި ރައީސް ނަޝީދު ވިދާޅުވެފައިވާ އިރު، ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގައި އެމަނިކުފާނާ ދެކޮޅަށް ދައުވާ އުފުލުމުން، ޏ. ފުވައްމުލަކަށް ވަޑައިގެން ދެއްކެވި ވާހަކަފުޅާ މިހާރު އެ ދައްކަވާ ވާހަކަފުޅާ ދިމަލެއް ނުވެ އެވެ.

ހުޅުމާލޭ ކޯޓުގެ ޝަރީއަތަށް ހާޒިރުވުމުގެ ކުރިން ފުވައްމުލަކުގައި ބޭއްވި އެމްޑީޕީގެ ޖަލްސާއެއްގައި ރައީސް ނަޝީދު ވަނީ އޭރު އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ "ގާނޫނާ ޚިލާފަށް މީހަކު ހައްޔަރުކުރުމުގެ ދައުވާ"އާ ގުޅޭ ގޮތުން ވާހަކަފުޅުދައްކަވާފަ އެވެ. ދެ ހާސް ތޭރަ ވަނަ އަހަރު ބޭއްވި އެ ޖަލްސާގައި ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގެ ވީޑިއޯތައް އަދި ވެސް ވަރަށް އާންމެވެ.

އެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ރާއްޖޭގެ ޖިނާއީ ކޯޓުގެ އިސް ފަނޑިޔާރު ހައްޔަރުކުރުމަކީ ނުވަތަ އެއްކައިރި ކުރުމަކީ ވަރަށް ބޮޑު ކަމެއް ކަމަށާއި އެއީ ކުޑަ ކަމެއް ނޫން ކަމަށެވެ. އަދި އެފަދަ ބޮޑުކަމެއް ކުރެއްވި ރައީސުލްޖުމްހޫރިއްޔާއަކާ ގުޅޭ ގޮތުން ދައުވާ ކޮށްފައި ވަނީ "ބައްތި ނުދިއްލީމާ ދައުވާ ކުރާ މާއްދާ އިން" ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

"އަޅުގަނޑުމެނަށް ދިމާވާ މައްސަލައަކީ އަދި އަޅުގަނޑު ވެސް ފާހަގަކުރަން ބޭނުންވާ މައްސަލައަކީ، މިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަކު، މިރާއްޖޭގެ ޖިނާއީ ކޯޓުގެ އިސް ފަނޑިޔާރު ހައްޔަރުކުރުމަކީ ނުވަތަ އެއްކައިރި ކުރުމަކީ ވަރަށް ބޮޑު ކަމެއް. އެއީ ކުޑަ ކަމެއް ނޫން. އެފަދަ ބޮޑު ކަމެއް ކުރި ރައީސުލްޖުމްހޫރިއްޔާއަކާ ގުޅޭ ގޮތުން ދައުވާ މިކުރައްވަނީ ބައްތި ނުދިއްލީމާ ދައުވާ ކުރާ މާއްދާ އިން،" ރައީސް ނަޝީދު އެ ޖަލްސާގައި ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވެފައި ވަނީ އޭރު އެމަނިކުފާނުގެ މައްޗަށް ދައުވާ އުފުލާފައި ވަނީ "އެއްއަހަރު ދުވަހުގެ ހުކުމެއް އަންނާނެ މާއްދާ އަކުން" ކަމަށާއި "ސިޔާސީ ނޫން ގޮތަކަށް ކަންކަން ބައްލަވާ ނަމަ ދެންކުރައްވާނެ ދައުވާ އަކީ" އެންމެ ބޮޑު ދައުވާ ކަމަށެވެ. އެއީ ފަނޑިޔާރަކު ހައްޔަރުކުރީމަ ކުރަން ޖެހޭ ދައުވާ ކަމަށް އެމަނިކުފާނު ވަނީ އެ ޖަލްސާގައި ވިދާޅުވެފަ އެވެ.

"އެ އެއް އަހަރު ދުވަހުން އެބޭފުޅުން އުންމީދު ކުރަނީ އަޅުގަނޑަށް ކުރިމަތި ނުލެވޭނެ ކަމަށް. އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކައަކީ ސިޔާސީ ގޮތުން ނޫން ގޮތަކަށް އެބޭފުޅުން ކަންކަން ބައްލަވާ ނަމަ ދެން ކުރައްވާނެ ދައުވާ އަކީ އެންމެ ބޮޑު ދައުވާ. އެންމެ މަތީ ދައުވާ. އެއީ ރާއްޖޭގެ ފަނޑިޔާރު ހައްޔަރުކުރީމާ ކުރަން ޖެހޭ ދައުވާ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އަބްދުﷲ ގާޒީ ހައްޔަރުކުރަން ޖެހުނު ސަބަބު ވެސް އެ ޖަލްސާގައި ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ. ރައީސް ނަޝީދު ވިދާޅުވެފައި ވަނީ އަބްދުﷲ ގާޒީ "އެކަހެރި ކުރަން ޖެހުނީ" ބައެއް މުއައްސަސާތަކުގެ ވެރިން އޭނާ އަކީ "ގައުމީ ސަލާމަތައް ހުރި ނުރައްކަލެއް ކަމަށް" އެމަނިކުފާނު އަރިހު ދެންނެވުމުން ކަމަށެވެ.

"....މި އެންމެ ބޭފުޅުންގެ ނަޒަރުގައި މިދަންނަވާ ފަނޑިޔާރަކީ ދިވެހިރާއްޖޭގެ ގައުމީ ސަލާމަތައް ހުރި ނުރައްކަލެއް ކަމަށް އަޅުގަނޑު ގާތުގައި ތަކުރާރުކޮށް ވިދާޅުވީމާ އަބަދުވެސް އަޅުގަނޑު ދަންނަވަމުން ގެންދިޔައީ އެބާވަތުގެ ކަމެއްގައި، ގައުމީ ސަލާމަތަށް ނުރައްކަލެއް ހުރެގެން ހިނގާ ކަންކަމުގައި އަމަލުކުރާ ގޮތަށް އަވަހަށް ބާރަށް އަމަލުކުރަމުން ގެންދަވާށޭ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އަބްދުﷲ ގާޒީ ހައްޔަރު ކުރުމުން ކުޑަކޮށް ވެސް އެމަނިކުފާނު ދެރަފުޅުވެވަޑައި ނުގަންނަވާ ކަމަށާއި އެއީ އެދުވަހު ކުރަންޖެހިވަޑައިގެންފައި އޮތް ކަމެއް ކަމަށް ރައީސް ނަޝީދު އޭރު ވަނީ ވިދާޅުވެފަ އެވެ.

"އަޅުގަނޑު ކުޑަކޮށް ވެސް، ކުޑަކޮށް ވެސް އަޅުގަނޑު ދެރައެއް ނުވޭ، އެއީ އެދުވަހު އަޅުގަނޑުމެންނަށް ކުރާންޖެހިފައި އޮތްކަމެއް، ހަގީގަތުގައި އެކަން ރަނގަޅަށް ނުކުރެވުނީތީވެ ރާއްޖޭގައި ބަޣާވާތް އުފެދުނީ. ދެން ބަޣާވާތުގެ ދުވަހުގައި ވީގޮތް އެނގިވަޑައިގަންނަވާ ނޫންތޯ. ބަޣާވާތުގެ ސްޓާރެއްގެ ގޮތުގައި ގިރިފުށިން ވަޑައިގެންނެވީ އަބްދުﷲ މުހައްމަދު،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ޓެރަރިޒަމްގެ ދައުވާގެ ފުރަތަމަ ޝަރީއަތުގެ މަޖިލީހުގައި ރައީސް ނަޝީދު ވިދާޅުވެފައި ވަނީ އެއީ ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކޮށްފައިވާ ސިޔާސީ ދައުވާއެއް ކަމަށެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގައި "އެއްވެސް ރައްޔިތަކު ހައްޔަރު ކުރުމަށް" އަމުރުކޮށްފައިނުވާނެ ކަމަށެވެ. އެހެންނަމަވެސް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ހައްޔަރުކުރަން އަމުރު ނުކުރައްވާ ކަމަށް ސާފު އިބާރާތަކުން ވިދާޅެއް ނުވެ އެވެ.

އަބްދުﷲ ގާޒީ ހައްޔަރުކުރުމާ ގުޅޭ ގޮތުން އެތަކެއް ފަހަރަކު ރައީސް ނަޝީދު ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ. އެގޮތުން އަބްދުﷲ ގާޒީ ހައްޔަރުކުރި ފަހުން ފުލުހުންގެ އޮފިސަރުންތަކަކާ ބައްދަލުކުރައްވައި ރައީސް ނަޝީދު ވިދާޅުވެފައި ވަނީ އަބްދުﷲ ގާޒީއަށް ފަނޑިޔާރުގެއާ 100 މީޓަރަށް ވެސް ކައިރި ނުވެވޭނެ ކަމަށެވެ.

އެމްޑީޕީން ވަނީ އެކަމާ ކަންބޮޑުވުންފާޅުކޮށް ސިލްސިލާ މުޒާހަރާތަކެއް ފަށާފަ އެވެ. އެމްޑީޕީން ބުނަމުން އަންނަނީ އެމަނިކުފާނުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވަނީ ސަރުކާރުން ސިޔާސީ މަގުސަދެއް ހާސިލުކުރުމަށް ކަމުގަ އެވެ.