07 Mar 2015, 11:25
މަސްތުވާތަކެތި ބޭނުންކުރުމާއި އެނޫން ވެސް ނުބައި އަމަލުތައް ކުރުމުގައި ތިބި ޒުވާނުން އިސްލާހު ވުމުގެ ފުރުސަތު އެބަ އޮތް ކަމަށް ވިދާޅުވެ، އަވަހަށް އިސްލާހު ވުމަށް އައް ޝައިޚް އިލްޔާ ޙުސައިން ގޮވާލައްވައިފި އެވެ.
" ތައްޔާރުވޭ" މި ނަމުގައި އަދާލަތު ޕާޓީން އިންތިޒާމްކޮށްގެން ކާނިވަލުގައި ރޭ ދެއްވި ދަރުސެއްގައި ޝައިޚް ވަނީ އިސްލާހު ވުމުގެ ފުރުސަތު އޮތް މިންވަރު ހާމަވާ ހާދިސާތައް ގްރުއާނާއި ސުންނަތުގެ އަލީގައި ވިދާޅުވެ ދެއްވާފަ އެވެ. އަދި ވިދާޅުވީ ފާފަ ކުރުމުގައި މީހުން ދެމި ތިބެނީ ދެ ސަބަބަކާއި ހެދި ކަމަށެވެ. އޭގެ ތެރެއިން އެއް ސަބަބަކީ ފާފަ ކުރެވިފައިވާ ވަރު ގިނަ ކަމުން އިސްލާހު ވުމާ މެދު އުއްމީދު ކަނޑައި ލެވުން ކަމަށް ވިދާޅުވި އެވެ.
"...ލޮބުވެތި ޒުވާނުންނޭ. ޒުވާންކަން ބޭކާރުގޮތުގައި ހޭދަ ނުކުރައްވާށޭ. ތިޔައިން ކޮންމެ އަޚަކުވެސް އަދި ތިޔައިން ކޮންމެ އުޚުތަކު ވެސް ބޭނުންވާނޭ ހަޔާތެއް ފަށަން. އަނބިމީހާއަށް ވެސް ރީތި ނަމެއް ލިބޭނީ ތިޔަބައި މީހުން އިސްލާހު ވީމައޭ. ދަރިނަށް ވެސް ރަނގަޅު ނަމެސް އަންނާނީ، އެކުދިންނަށް ވެސް މުޖުތަމައުގައި ދިރިއުޅުމުގެ ފުރުސަތު ތަނަވަސްވާނީ ތިޔަބޭފުޅުން ރަނގަޅުވީމައޭ. އިސްލާހުވާށޭ ﷲގެ ދޮރު ވަނީ ހުޅުވިފައޭ. ބަންދެއް ނުވެޔޭ. އައުމުގައޭ ލަސްވަނީ ،" ޝައިޚު ވިދާޅުވި އެވެ.
ނުބައި ކަންތައްތަކަށް ޒުވާނުން ދުރުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމަކީ ނަމާދު ކަމަށް ވިދާޅުވެ، އެކަމާ ބެހޭ ގޮތުން ވެސް ދަރުސްގައި ވަރަށް ތަފުސީލުކޮށް ވާހަކަ ދެއްކެވި އެވެ. އެގޮތުން ޅައުމުރުން ފެށިގެން ނަމާދު ކުރުމަށް ދަރިން ހާނުވާ ނަމަ ރަނގަޅު މީހުންނަށް އެކުދިން ވާނެކަމަށް ވިދާޅުވި އެވެ.
"... އެކުއްޖާ މުކައްލަފަކަށް( ބޮޑުމީހަކަށް) ވާއިރު ހުންނާނީ އެއްކަލަ އަޅުގަނޑުމެން މިކިޔާ ޓްރެއިނިން ލިބިފައި. ތަމްރީނު ލިބިފައި. އެ ހެޔޮކަން ކުރުން މަތީގައި ކިތައް އަހަރުތޯ ހަތް އަހަރުން ފެށިގެން ، 15 އަހަރުގައި މުކައްލަފަކަށްވާ އިރު އުމުރުގެ ގޮތުން. ނުވަތަ އެއަށް ވުރެ ކުރީގައި ވެސް ބާލިޣު ވެދާނެ. އެކުއްޖާއާ ދިމާލަށް ﷲގެ އަމުރުފުޅު އަންނަ އިރު އެކުއްޖާ ހުންނާނީ މި ހެޔޮކަންތައް ކުރުން މަތީގައި ދެމިގެން. އެނަމާދުގައި ހުންނަ ސިފަ، އެނަމާދުން ބޭރުގައި އެކުއްޖާގެ ކިބައިގައި ހުންނާނީ އަށަގެންފައި. ބެލުން ތިރިވެފައި ހުންނާނީ ދޫ ރައްކާތެރި ވެފައި ހުންނާނީ. އަތުގައި އެއްވެސް ކަހަލަ ކަޓަރެއް ނޯންނާނެ. ޕީސްކޮޅެއް ( މަސްތުވާތަކެތި) ވެސް ނޯންނާނެ،" ޝައިޚު ވިދާޅުވި އެވެ.