ރާއްޖޭގެ ކްރިކެޓް ބޯޑުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ ތާޖުއްދީން ސްކޫލްގެ މައިލޯ އިންޓަ ހައުސް ކްރިކެޓް މުބާރާތުގައި، ގްރީން ހައުސް އާއި ރެޑް ހައުސްގެ ސީނިއާ ޓީމް ފައިނަލަށް ދަތުރު ކޮށްފި އެވެ.

އެ މުބާރާތުގެ ގުރޫޕް ސްޓޭޖު ނިމުނު އިރު ގުރީން ހައުސް އާއި ބުލޫ ހައުސް އަދި ރެޑް ހައުސްވެސް ވަނީ ކޮންމެ ޓީމެއް މުޅިއަކު ހަ ޕޮއިންޓް ހޯދާފަ އެވެ. ނަމަވެސް ބެޑުން ހަދާފައިވާ ލަނޑު ގިނަވުމުން، މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައި ވަނީ ގްރީން އާއި ރެޑް ހައުސް އެވެ.

އެ މުބާރާތުގައި މިއަދު ކުޅެން ހަމަޖެހިފައި ވަނީ އަންހެން ކުދިންގެ މެޗެކެވެ. އަދި އެއަށް ފަހު ފިރެހެން ޖުނިއަ ޓީމްތަކުގެ ފަހު ދެ މެޗު ކުޅުން އޮންނާނެ އެވެ. އެ މެޗުތަކުގައި ބައްދަލުކުރާނީ ގްރީން ހައުސް އާއި ރެޑް ހައުސް އެވެ.

އަންހެން ކުދިންގެ މެޗުތަކަށް ފަހު، އެ ސްކޫލްގެ ބެލެނިވެރިންނާއި ޓީޗަރުންގެ މެދުގައި ވެސް މިއަދު މެޗުތަކެއް ކުޅޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން މިއަދު ފުރަތަމަ އަންހެން ބެލެނިވެރިނގެ މެޗެއް ކުޅެން ހަމަޖެހިފައިވާ އިރު، އެއަށް ފަހު ކުޅެން ހަމަޖެހިފައި ވަނީ ފިރެހެން ބެލެނިވެރިނގެ ޓީމަކާއި ޓީޗަރުންނާ ދެމެދު ކުޅޭ މެޗެކެވެ.

އެ މުބާރާތުގެ ފައިނަލް މެޗުތައް ކުޅެން ހަމަޖެހިފައި ވަނީ މިއަދު މެންދުރު ފަހު އެވެ. އެގޮތުން މިއަދު 14:00ގައި ފިރެހެން ޖޫނިއަރސްގެ މެޗުތައް ކުޅެން ހަމަޖެހިފައިވާ އިރު، 15:00ގައި އޮންނާނީ ފިރެހެން ސީނައަ ޓީމްތަކުގެ މެޗެވެ. އަދި އެއަށް ފަހު މުބާރާތުގެ އަންހެން ފައިނަލް މެޗު މިއަދު 16:00 ގައި ކުޅެން ވަނީ ހަމަޖެހިފަ އެވެ.

އެ މެޗަށް ފަހު މުބާރާތުގެ އިނާމް ދިނުމުގެ ރަސްމިއްޔާތު މިއަދު 17:00ގައި ބާއްވަން ނިންމާފައިވާ ކަމަށް އެ ސްކޫލުން މައުލޫމާތު ދިނެވެ. އެ މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅެން ހަމަޖެހިފައި ވަނީ އެކުވެނި އެއް ނަންބަރު ދަނޑުގަ އެވެ. އިއްޔެ ފެށި އެ މުބާރާތް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ މިއަދުގެ ނިޔަލަށެވެ.