07 Mar 2015, 10:02
ތުނބުރި ޕްރޮޖެކްޓަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.
އައިޓީބީ ބާލިން ނިއުސް އަށް އިއްޔެ ދެއްވި އިންޓަވިއުއެއްގައި އަދީބު ވިދާޅުވީ ހޮޓާ ތަރައްގީކުރަން ކަނޑައަޅާފައިވާ 20 ބިމުގެ ތެރެއިން މިހާތަނަށް 16 ބިން ވިކިފައިވާ ކަމަށެވެ.
ވޯޓާ ވިލާސް އެޅުމަށް ކަނޑައަޅާފައިވާ ތިން ބިމުގެ ތެރެއިން އެއް ބިން ވިކިފައިވާ ކަމަށް ވެސް އަދީބު ވިދާޅުވި އެވެ. މީގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް ގިނަ މަސައްކަތް ކުރަމުންދާ ކަަމަށް ވެސް އަދީބު ވިދާޅުވި އެވެ.
އެގޮތުން އަންނަ އަހަރަކީ ރާއްޖެ އަށް ޒިޔާރަތް ކުރުމުގެ އަހަރު ކަމުގައި ވަނީ ހަމަޖައްސާފަ އެވެ. މިގޮތަށް ހަމަޖައްސާފައި މިވަނީ ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރޭ މުނާސަބަތާއި ދިމާކޮށް ކަމަށް އަދީބު ވިދާޅުވި އެވެ.
އަދި އައިޓީބީ ބާލިން ފެއާގެ 2016 ވަނަ އަހަރުގެ ޕާޓުނަރުގެ ގޮތުގައި ރާއްޖެ ވަނީ ކަނޑައަޅާފަ އެވެ.
"ވިޒިޓް މޯލްޑިވްސް 2016" ޕްރޮގްރާމްގެ ޕްރޮމޯޓް ކުރުމުގެ މަސައްކަތް މިހާރު ވެސް އައިޓީބީ ބާލިން ފެއާގައި ކުރިޔަށްދާ ކަމަށް އަދީބު ވިދާޅުވި އެވެ.
ޖަރުމަނުގެ ބާލިންގައި ކުރިޔަށްދާ އައިޓީބީ ބާލިން ފެއާގައި ރާއްޖޭގެ 75 ކުންފުންޏަކުން 194 ބޭފުޅުން ބައިވެރިވަޑައިގެންނަވަ އެވެ.
މި ފެއާގައި ދުނިޔޭގެ 198 ގައުމަކުން 10،096 މީހުން ބައިވެރިވާނެ ކަމަށް ފެއާގެ ރަސްމީ ވެބްސައިޓްގައިވެ އެވެ.