ކާރިސާތަކުގެ ސަބަބުން ކުޑަކޮށް ތަރައްގީ ވަމުން އަންނަ ގައުމުތަކުގެ ލިސްޓަށް ނުވަތަ އެ ލިސްޓަށް އެރުމަށް މަސައްކަތް ކުރަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ބޮޑެތި އަސަރުތަކެއް ކުރަމުން ދާތީ، ދުނިޔޭގެ ގައުމުތައް ތަރައްގީވެފައިވާ މިންގަނޑު ބަލާ ކްރައިޓީރިއާ އަލުން މުރާޖާކުރުމަށް ރާއްޖެއިން ގޮވާލައިފި އެވެ.

ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) މެންބަރު ކަން ކުރަމުން އަންނަ ރާއްޖެ އިން އެގޮތަށް ގޮވާލާފައި މިވަނީ، ޔޫއެން އޮފީސް އޮފް ޑިޒާސްޓަރު ރިސްކް ރިޑަކްޝަން އިން ތައްޔާރުކުރި "ގްލޯބަލް އެސެސްމެންޓް ރިޕޯޓް އޮން ޑިޒާސްޓާ ރިސްކް ރިޑަކްޝަން" ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ނިއުޔޯކުގައި ހުންނަ އދ.ގެ މައި މަރުކަޒުގައި މިދިޔަ ބުދަ ދުވަހު ބޭއްވި އެ ރަސްމިއްޔާތުގައި ރިޕޯޓް ލޯންޗު ކޮށްދެއްވީ، އދ. ޖެނެރަލް ސެކްރެޓަރީ ބަން ކީ މޫން އެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރާއްޖެ އިން އދ. އަށް ކަނޑުއަޅުއްވާފައި ހުންނަވާ އެމްބެސެޑަރު އަހުމަދު ސަރީރް ވިދާޅުވެފައި ވަނީ، ކާރިސާތަކުގެ ސަބަބުން ތަރައްގީ ވަމުން އަންނަ ކުދި ޖަޒީރާ ގައުމުތައް ނުރައްކަލެއްގެ ތެރޭގައިވާ ކަމަށެވެ.

ރާއްޖެ އަށް 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާ އާއި މިދިޔަ އަހަރު ކުރިމަތިވި ފެނުގެ ކާރިސާ އަށް އިޝާރާތްކުރައްވައި އޭނާ ވިދާޅުވީ، ގުދުރަތީ ކާރިސާތަކުގެ ސަބަބުން ކުދި ޖަޒީރާ ގައުމުތަކުގެ ތަރައްގީ އަށާއި އެ ގައުމުތައް އޮތުމަށް ނުރައްކާވެފައިވާ ކަމަށެވެ.

މީގެ އިތުރުން، އިންސާނުންގެ ސަބަބުންނާއި ގުރުދަރީ ކާރިސާތަކުގެ ސަބަބުން ކުދި ޖަޒީރާ ގައުމުތަކުގެ އިގްތިސާދުތަކަށް ކުޅަދާނަ ނުވާ ވަރުގެ ބުރައެއް ލިބޭ ކަމަށް ވެސް ވިދާޅުވި އެވެ.

"އެހެން ގައުމުތަކާ ހިލާފަށް އެފަދަ ކަންތައްތަކުގެ ގެއްލުން ކުދި ޖަޒީރާ ގައުމުތަކުގައި ލިބެނީ މުޅި ގައުމަށް،" އޭނާ ވިދާޅުވި އެވެ.

ކުދި ޖަޒީރާ ގައުމުތައް ތަމްސީލްކުރާ، ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ގައި ރާއްޖެއާ އެކު 52 މެމްބަރު ގައުމެއް ހިމެނެ އެވެ.