16 Feb 2011, 22:24
ފުޓްބޯޅަ ކުޅުމާ ވަކިވިކަން މިދިޔަ ހޯމަ ދުވަހު އިއުލާނު ކުރި ނަމަވެސް ފުޓްބޯޅަ ކުޅުން ހުއްޓާލުން ކުލަގަދަކޮށް ފާހަގަ ކުރުމަށް ބްރެޒިލްގެ ގައުމީ ޓީމުގައި ހާއްސަ މެޗެއް ކުޅެން ބޭނުންވާ ކަމަށް ބްރެޒިލްގެ ރޮނާލްޑޯ ބުނެފި އެވެ.
1994 ވަނަ އަހަރާއި 2002 ވަނަ އަހަރުގެ ވޯލްޑް ކަޕް ބްރެޒިލަށް ކާމިޔާބުކޮށްދިން އުމުރުން 34 އަހަރުގެ ފޯވަޑް ބުނީ ގައުމީ ޖާޒީގައި މެޗެއް ކުޅުމުގެ ހުއްދަ ހޯދުމަށް ބްރެޒިލްގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސާއެކު ވަރަށް އަވަހަށް މަޝްވަރާ ކުރާނެ ކަމަށެވެ.
ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ތިން ފަހަރަށް ހޯދި ފުރަތަމަ ކުޅުންތެރިޔާ ކަމަށްވާ ރޮނާލްޑޯ އަކީ ވޯލްޑް ކަޕުގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އެވެ. ސާދަ ގޯލު ޖަހައިގެން ކުރިން މި ރެކޯޑް އޮތް ޖަރުމަނުގެ ގާޑް މުލާ އަށް ވުރެ ރޮނާލްޑޯ އަށް އެންމެ ގޯލަކުން ކުރި ލިބުނީ 2006 ވަނަ އަހަރުގެ މުބާރާތުގައި ޖަޕާނުގެ ކޮޅަށް އޭނާ ޖެހި ގޯލާއެކު ގަ އެވެ.
ރޮނާލްޑޯ ބުނީ ގައުމީ ޓީމުގައި އޭނާގެ ވަދާއީ މެޗުގައި އޭނާއާއެކު ބާސެލޯނާ އާއި ރެއާލް މެޑްރިޑް އަދި އިންޓަމިލާނާއި އޭސީ މިލާނުގެ އިތުރުން އަޔެކްސް އަށް ކުޅުނު ކުޅުންތެރިން ބައިވެރި ކުރާނެ ކަމަށެވެ. ބްރެޒިލްއާ ދެކޮޅަށް އެ މެޗުގައި ކުޅޭ ރޮނާލްޑޯ 11ގެ ޓީމުގެ ކެޕްޓަނަކަށް ހުރުމަށް ރޮނާލްޑޯ އެންމެ އެދޭ މީހަކީ އޭނާއާއެކު ރެއާލް މެޑްރިޑަށް ކުޅުނު ޒައިނުއްދީން ޒިދާނެވެ. އޭނާ އަކީ ރޮނާލްޑޯގެ އިތުރުން ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ތިން ފަހަރު ހޯދި ހަމައެކަނި ކުޅުންތެރިޔާ އެވެ. ޒިދާންގެ އިތުރުން ޑޭވިޑް ބެކަމް އާއި ލުއިސް ފީގޯ އާއި ރައުލް ގޮންޒާލޭޒް އާއި ކްރިސްޓިއަން ވިއޭރީ ވެސް މި މެޗުގައި ކުޅޭނެ އެވެ. އަދި ރޮމާރިއޯ އާއި ރިވާލްޑޯ އާއި ރޮބާޓޯ ކާލޮސްގެ އިތުރުން ރޮނާލްޑީނިއޯ އާއި ކަކާ އަދި ޕެލޭގެ އިތުރުން ލިއޮނާޑޯ އާއި ގޯލްކީޕަރު ކްލައުޑިއޯ ޓަފަރެލް ވެސް މި މެޗުން ފެނުން އެކަށީގެންވެ އެވެ.
ރޮނާލްޑޯ ވަނީ ބްރެޒިލްގެ ގައުމީ ޓީމަށް 97 މެޗު ކުޅެ 62 ގޯލު ޖަހާފަ އެވެ.