މިހާރު މާލެ ތެރޭގައި ހިނގަމުންދާ މުޒާހަރާތަކާ ގުޅިގެން ސިފައިން މަގުތަކަށް ނުކުމެ ފުލުހުންނާއި ދެމެދު ކުރިމަތިލުމެއް ހިނގަމުންދާކަމަށް ސޯޝަލް މީޑިއާގައި ފަތުރަމުން ގެންދާ ވާހަކަތަކަކީ ދޮގު ޚަބަރެއް ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފި އެވެ.

އެމްއެންޑީއެފުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ސޯޝަލް މިޑީއާގައި އެ މުއައްސަސާއާ ގުޅޭ ގޮތުން ފަތުރަމުންދާ ދޮގު ޚަބަރުތަކެއް ކަމަށެވެ.

އެގޮތުން މާލޭގައި މިހާރު ހިނގަމުންދާ އެއްވެސް މުޒާހަރާއެއްގައި ސިފައިންގެ އެއްވެސް ދައުރެއް އަދާކުރުމަށް މަގުތަކަަށް ނުކުމެ މުޒާހަރާ ކޮންޓްރޯލް ކުރުމަށް ސިފައިން ހަރަކާތްތެރިވެފައި ނުވާނޭ ކަމަށް އެ ބަޔާނުގައި ވެއެވެ.

"އަދި މޯލްޑިވްސް ޕޮލިސް ސަރވިސް އާއި އެމްއެންޑީއެފާއި ދެމެދު އެއްވެސް ކުރިމަތިލުމެއް ހިނގާފައި ނުވާއިރު، ސިފައިންގެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ނުވާ ވާހަކަ ދަންނަވަމެވެ." އެމްއެންޑީއެފްގެ ބަޔާނުގައި ވެއެވެ.

ސިފައިން ނުކުމެ ފުލުހުން ހައްޔަރުކުރަން އުޅޭކަމަށް ބުނެ ރާއްޖެ ޓީވީން ރައްޔިތުންނަށް ތެދުނޫން މަޢުލޫމާތު ފަތުރަމުންދާކަން ފާހަގަކޮށް އެކަން މޯލްޑިވްސް ޕޮލިސް ސާވިސްއިން ވެސް ވަނީ އެކަން ކުށްވެރިކޮށްފައެވެ.

ފުލުހުން މިރޭ ބުނެފައި ވަނީ، ރައްޔިތުންނަށް ކަންކަމުގެ ތެދު މަޢުލޫމާތު ހާމަކޮށްދިނުން މަތީ ދެމިތިބުމަށް ރާއްޖެ ޓީވީއަށް ނަސޭހަތްތެރިވާކަމަށެވެ.

ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތް ނިމެންދެން ކޯޓުއަމުރެއްގެ ދަށުން ފުލުހުން ހައްޔަރުކޮށްފައިވާ، ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ދޫކޮށްލުމަށް ގޮވާލައި، އެމްޑީޕީން މިރޭ ކުރަމުން ގެންދާ މުޒާހަރާ ކޮންޓްރޯލް ކުރުމަށް މަސައްކަތްކުރަމުން ގެންދިޔަ ފުލުހުންގެ ދައުރަށް ހުރަސް އަޅާފައިވާކަމަށް ބުނެ، 26 މީހަކު ހައްޔަރުކޮށްފައި ވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.