Last Updated:
1 decade 9 month ago

އެމްޑީޕީގެ "އިންޒާރު މުޒާހަރާ" ނިންމާލިއިރު 26 މީހަކު ހައްޔަރުކޮށްފި

    ބުލޮގު ޚުލާސާ
    އިންޒާރުގެ ނަމުގައި އެމްޑީޕީން މިރޭ މާލޭގައި ކުރިއަށް ގެންދާ މުޒާހަރާގެ ލައިވް ކަވަރޭޖް.

    ޖުމްހޫރީ ޕާޓީ އަދި އެމްޑީޕީ ގުޅިގެން "ގާނޫނުއަސާސީ ގެ ދިފާއުގައި" ކަމަށް ބުނެ ސަރުކާރަށް ކޮށްފައިވާ ޑިމާންޑްތަކަށް ހަފަތާއެއްވާން ކައިރިވުމާއި ގުޅިގެން އެމްޑީޕީން މިރޭ "އިންޒާރުގެ މުޒާހަރާ"ގެ ނަމުގައި ކުރިއަށް ގެންދަނީ ގައިރުގާނޫނީ އެއްވުމެއް ކަމަށް ނިންމައި ފުލުހުން އެ އެއްވުން ހުއްޓުވައިފި އެވެ.

    މުޒާހަރާގެ ބައިވެރިން އުސްފަސްގަނޑުން ފެށިގެން ރައްޔިތުންގެ މަޖިލިސް ކުރާ ގެއާ ހަމައަށް އައުމުން ފުލުހުން ވަނީ މުޒާހަރާ ހުއްޓާލުމަށް އިންޒާރު ދީފަ އެވެ.

    02:46

    ކުރީގެ ރައީސް މުހައްމަދު ނަޝީދު ދޫކޮށްލުމަށް ގޮވާލައި "އިންޒާރު މުޒާހަރާ"ގެ ނަމުގައި އެމްޑީޕީން މިރޭ ކުރިއަށް ގެންދިޔަ މުޒާހަރާގައި 26 މީހަކު ހައްޔަރު ކޮށްފި އެވެ.

    މިރޭ 9:15 ކަންހާއިރު އުސްފަސްގަނޑު ސަރަހައްދުން ފެށި މުޒާހަރާ ހަމަނުޖެހުންތަކަށް ފަހު ނިންމާލާފައިވަނީ 1:30 ކަންހާއިރު އެވެ.

    މުޒާހަރާގައި 26 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު އޭގެ ތެރޭގައި ތިން ކުޑަކުދިން ހިމެނޭ ކަމަށް ފުލުހުން ބުނެއެވެ.

    ފުލުހުން މިރޭ ހައްޔަރު ކުރި މީހުންގެ ތެރޭގައި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު އާއި ކުރީގެ މަޖިލިސް މެމްބަރު އިލްޔާސް ލަބީބް އާއި ލ. ގަމު ދާއިރާގެ މެންބަރު ފައްޔާޒު އިސްމާއިލް ވެސް ހިމެނެއެވެ.

    މިރޭގެ މުޒާހަރާ އުސްފަސްގަނޑުން ފެށިއިރު އިސްކޮށް ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކަމަށްވާ، އަބްދުﷲ ޝާހިދާއި މާރިޔާ ދީދީ އަދި އިބްރާހީމް މުހައްމަދު ސޯލިހު އާއި އެމްޑިޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒު ފަދަ ބޭބޭފުޅުންނެވެ.

    މުޒާހަރާގެ ބައިވެރިން މެދުޒިޔާރަތް މަގުން މެދުޒިޔާރަތް ކައިރިއަށް އެއްވި ވަގުތު ފުލުހުން ޖަހާފައި ހުރި ބެރިކޭޑްތައް ހުރަސްކޮށް މުޒާހަރާގެ ބައިވެރިން ވަނީ އެ ސަރަހައްދަށް ވަދެގެންފައެވެ. ނަމަވެސް ކުޑައިރުކޮޅެއްގެ ތެރޭގައި އެސްއޯ ފުލުހުން އައިސް ވަނީ މުޒާހަރާގެ ބައިވެރިން ފަހަތައް ޖައްސާފައެވެ.

    މެދުޒިޔާރަތް ސަރަހައްދުން މުޒާހަރާގެ ބައިވެރިން ފަހަތައް ޖެއްސުމުން ގިނަ މީހުން ދެންގޮސްއެއްވީ ޗާނދަނީ މަގު ދިރާގު ލައިޓް ސަރަހައްދަށެވެ. އެސަރަހައްދަށް އެއްވި މީހުން ފުލުހުން ވަނީ ޗާނދަނީ މަގު ހަތަރު އަނގޮޅިއާއި ހަމައަށް ފަހަތައް ޖައްސާފައެވެ.

    މިރޭގެ މުޒާހަރާގައި އާންމުންނާއި ފުލުހުންނާއި ދެމެދު ކޮންމެވެސް ވަރެއްގެ ކުރިމަތިލުންތަކެއް ވަނީ ހިނގާފައެވެ. އަދި ރާއްޖޭގެ ދެ މީޑިއާއެއްގެ ދެ ކެމެރާމަނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު އެ ދެމީހުން ވެސް ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

    " ފޮޓޯގްރާފަރު ހައްޔަރުކޮށްފައި ވަނީ ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި ފުލުހުންގެ އަމުރަށް ނުކިމަންތެރިވުމުގެ ސަބަބުން،" ފުލުހުން ބުންޏެވެ.

    މުޒާހަރާ މިރޭ 1:30 ކަންހާއިރު ނިމުނީ، މީހުން މަދުވަމުން މަދުވަމުން ގޮސް އެސަރަހައްދުން ގިނަ ބަޔަކު ދިޔުމުންނެވެ.

    01:39ޗާނދަނީމަގުން

    މުޒާހަރާގެ ބައިވެރިން މަދުވަމުން މަދުވަމުންގޮސް ސަރަހައްދު ހުސްވެއްޖެ. އަދި މިހާރު ވަނީ މިރޭގެ މުޒާހަރާ ރަސްމީކޮށް ނިންމާލާފައި.
    ފުލުހުން

    މުޒާހިރާއާއި ގުޅިގެން މިހާތަނަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 26 މީހުން. މިމީހުންގެ ތެރޭގައި 3 ކުޑަކުއްޖަކުވެސް ހިމެނޭ
    00:42

    ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ސީއެންއެމް ގެ ފޮޓޯގްރާފަރު މުހައްމަދު ސާޖިދު ދޫކޮށްލައިފި.
    ޕޮލިސް

    ސީއެންއެމްގެ ފޮޓޯގްރާފަރު ހައްޔަރުކޮށްފައި ވަނީ ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި ފުލުހުން އަމުރަށް ނުކިމަންތެރިވުމުގެ ސަބަބުން
    23:52ޗާނދަނީމަގުން

    އެމްޑީޕީ މުޒާހަރާ ލީޑް ކުރެއްވި އިސް ބޭފުޅުން ފެންނާކަށް ނެތް. ލީޑް ކުރަމުން ދަނީ ޒުވާނުންތަކެއް. މުޒާހަރާ ފެއްޓި އިރު ތިއްބެވި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކަމަށްވާ، އަބްދުﷲ ޝާހިދާއި މާރިޔާ ދީދީ އަދި އިބްރާހީމް މުހައްމަދު ސޯލިހު ފަދަ ބޭފުޅުން ފެންނާކަށް ނެތް.
    23:45

    ސީގަލް ކަންމައްޗަށް އެއްވެ ތިބި މުޒާހަރާގެ ބައިވެރިން ވަނީ ފަހަތަށް ޖައްސާފައި، އަދި ގިނަ އަދަދެއްގެ މީހުން ހައްޔަރުކޮށްފައިވާއިރު އޭގެ ތެރޭގައި ސީއެންއެމްގެ ނޫސްވެރިޔަކު ވެސް ހިމެނޭ.
    ފުލުހުން

    މާލޭގެ ބައެއް ސަރަހައްދުގައި މިހާރު ކުރަމުންދާ މުޒާހިރާއަކީ ސުލްޙަވެރި މުޒާހިރާއެއް ކަމުގައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ނުދެކެން
    ފުލުހުން

    މުޒާހަރާގެ ބައިވެރިންގެ ތެރެއިން ފުލުހުންނާ ދިމާލަށް ފުޅިއާއި ގައު ފަދަތަކެތި އުކަމުން އެބަދޭ
    23:29

    ސީގަލް ކައިރީ ބެރިކޭޑު ޖަހައި ފުލުހުން އެ ސަރަހައްދު ބަންދުކޮށްފައިވާ އިރު، މުޒާހަރާގެބައިވެރިން ތިބީ ބެރިކޭޑްތަކަށް ވުރެ ފަހަތުގައި، އެމީހުން ގޮވަމުން ދަނީ ކުރީގެ ރައީސް ނަޝީދު ބަންދުން ދޫކޮށްލުމަށް.
    23:28

    ސީގަލް ކަންމަތީ ތިބި މުޒާހަރާގެ ބައިވެރިން ފަހަތަށް ޖެއްސުމަށް ފަހު ފުލުހުން އެސަރަހައްދު ދޫކޮށް ދިއުމުން އަނެއްކާވެސް މުޒާހަރާކުރަމުން ދިޔަ މީހުން އެތަނަށް ޖަމާވެއްޖެ.
    23:22

    ސީގަލް ކަންމަތީ ތިބި މުޒާހަރާގެ ބައިވެރިން ފަހަތަށް ޖެއްސުމަށް ފަހު އެސަރަހައްދު ދޫކޮށް ދިއުމަށް އަނެއްކާ ވެސް ފުލުހުން އަންގައިފި. މުޒާހަރާ ކުރަމުން ދިޔަ މީހުން ވަނީ ސީގަލް ކަންމައްޗަށް ޖަމާވެފައި.
    ފުލުހުން

    މުޒާހިރާގެ ބައިވެރިންގެ ތެރެއިން މޫނު ނިވާކޮށްގެން ތިބި ބަޔަކު އައިސް ސަލާމަތާއި ރައްކާތެރިކަމަށް އެކި ސަރަޙައްދުގައި މަސައްކަތްކުރަމުންދާ ފުލުހުންނަށް މަރުގެ އިންޒާރު ދެމުން އެބަދޭ
    23:17

    ރައްޔިތުންގެ މަޖިލިސް ކައިރިން ކެފިއާ ކޮފީ ޝޮޕް ކައިރީ މުޒާހަރާކުރަމުންދިޔަ ބައިވެރިން މިހާރު ވަނީ ސޯސަން މަގާ ހަމައަށް ފަހަތަށް ޖައްސާފައި.
    23:16

    "މުޒާހިރާގެ ބައިވެރިންގެ ތެރެއިން މޫނު ނިވާކޮށްގެން ތިބި ބަޔަކު އައިސް ސަލާމަތާއި ރައްކާތެރިކަމަށް އެކި ސަރަޙައްދުގައި މަސައްކަތްކުރަމުންދާ ފުލުހުންނަށް މަރުގެ އިންޒާރު ދެމުން އެބަދޭ" ފުލުހުން
    23:06

    ޗާންދަނީ މަގު، ސީގަލް ކަންމަތީ މުޒާހަރާކުރަމުން ދިޔަ، މީހުން ފަހަތަށް ޖައްސަމުން ގޮސް މަޖީދީ މަގު ހަތަރު އަނގޮޅި ކަންމައްޗަށް މިހާރު ވަނީ ފަހަތަށް ޖައްސާފައި.
    23:05

    ރައްޔިތުންގެ މަޖިލިސް ކައިރީ މުޒާހަރާކުރަމުންދާ މީހުން ސޯސަންމަގާ ހަމައަށް ފަހަތަށް ޖައްސައިފި.
    23:01

    ދެ ސަރަހައްދެއްގައި މުޒާހަރާގެ ބައިވެރިން ހަރަކާތްތެރި ވަމުން ދާއިރު، ރައްޔިތުންގެ މަޖިލިސް ކުރާގެ ކައިރީ އެއްވެ ތިބި މީހުންގެ އަދަދު ވަރަށް މަދު. މި ސަރަހައްދުގައި އެއްވެސް " ފޯރިއެއް ނެތް".
    ޕޮލިސް މީޑިއާ

    "ސަލާމަތީ ގޮތުން ފުލުހުން ކަނޑައަޅާފައިވާ ސަރަޙައްދުގައި ޖަހާފައިވާ ބެރިކޭޑްތައް ކޮށްޕައި ވައްޓާލުމަށްފަހު ވަންނަން މަސައްކަތްކުރަމުންދާނަމަ ވަގުތުން މުޒާހިރާ ރޫޅާލެވޭނެ"
    22:56

    އަރަބިއްޔާ ސުކޫލުގައި ދަރިވަރުން ކިޔެވުން ކުރިއަށް ދާތީ އެސަރަހައްދު ދޫކޮށް ދިއުމަށް ފުލުހުން އިންޒާރު ދިނުމަށް ފަހު މިހާރު ވަނީ މުޒާހަރާގެ ބައިވެރިން ފަތަށް ޖައްސަން ފަށާފައި.
    22:54

    ފުލުހުން ބުނީ، އިންޒާރަކާ އެކު މުޒާހަރާ ރޫޅާލާފައިވަނީ މުޒާހަރާގެ ބައިވެރިން ބެރިކޭޑުތަށް ފަޅާލައި ބަންދުކޮށްފައިވާ ސަރަހައްދަށް ވަނުމާއި ގުޅިގެން ކަމަށް.
    22:50

    ފުލުހުން ބުނީ މިރޭ އެމްޑީޕީން ކުރިއަށްދާ މުޒާހަރާގައި މުޅި ޖުމްލަ 14 މީހަކު ހަޔަރުކޮށްފައިވާ ކަމަށް
    22:43

    ފައްޔާޒުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އިލްޔާސް ލަބީބުވެސް ވަނީ ހައްޔަރުކޮށްފި.
    22:42

    ރައްޔިތުންގެ މަޖިލީހުގެ ލ. ގަމު ދާއިރާގެ މެންބަރު ފައްޔާޒު އިސްމާއިލް މުޒާހަރާގެ ތެރެއިން ހައްޔަރުކޮށްފި.
    22:32

    މުޒާހަރާ ކަވަރު ކުރުމުގައި ހަރަކާތްތެރިވާ 'ސަން' ގެ ނޫސްވެރިޔަކު ބުނީ މުޒާހަރާ ފެށި އިރު ކުރީސަފުގައި ހަރަކާތްތެރިވި އެމްޑީޕީގެ އިސް ބޭފުޅުން މިހާރު ފެންނަން ނެތް ކަމަށް. އަދި މުޒާހަރާގެ ބައިވެރިން މިހާރު މަދު ކަމަށް.
    22:29

    ޣައިރު ގާނޫނީ އެއްވުމެއް ކަމަށް ބުނެ މުޒާހަރާ ރޫޅާލާނެ ކަމުގެ އިންޒާރު ފުލުހުންދީފި. އެމްޑީޕީ މުޒާހަރާ މިހާރު ކުރަމުން އަންނަނީ މުލީއާގޭ ސަރަހައްދުގައި.
    22:21

    އެމްޑީޕީ މިރޭ ކުރިއަށްދާ މުޒާހަރާގައި ބައިވެރިވެ ވަޑަިއގެންނެވި އެޕާޓީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ބާރަށު ދާއިރާގެ މެންބަރު މުހައްމަދު ޝިފާޒް ހައްޔަރުކޮށްފި.