ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އައްޑޫ ސިޓީ އަށާއި ފުވައްމުލަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި މިއަދު މެންދުރު ފަހު އައްޑޫ ސިޓީ އަށް ވަޑައިގެން، އައްޑޫ ސިޓީގެ އިދާރާ އިފްތިތާޙް ކޮށްދެއްވައިފި އެވެ.

އެކަމަށް ޓަކައި، ދެކުނު ޕްރޮވިންސް އޮފީހުގައި ބޭއްވުނު ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އައްޑޫ ސިޓީގެ ކަންކަން ހިންގެވުމަށް ޓަކައި މިފަދަ އޮފީހެއް ހުރުމުގެ މުހިންމުކަމުގެ މައްޗަށް ބައްލަވާލެއްވި އެވެ. އަދި އައްޑޫ ސިޓީގެ ޖުމްލަ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީއަކީ ދެ ބިލިއަން ރުފިޔާކަން ހާމަކުރައްވަމުން، އެމަނިކުފާނުގެ ސަރުކާރުގެ ފަސް އަހަރު ނިމުމުގެ ކުރިން، އައްޑޫގެ ޖީޑީޕީ ދެގުނަ އަށް އިތުރުކުރައްވައި ހަތަރު ބިލިއަން ރުފިޔާ އަށް ގެންދެވުމަކީ ސަރުކާރުގެ އަމާޒެއް ކަމުގައި ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ، އައްޑޫ ސިޓީގެ އިދާރާ އިފްތިތާޙް ކޮށްދެއްވުމުގެ ކުރިން، ދެކުނު ޕްރޮވިންސް އޮފީހުގައި އައްޑޫ ސިޓީ ކައުންސިލަށް ހޮވިވަޑައިގެންފައިވާ މެންބަރުންނާއި މާލޭ ސިޓީ ކައުންސިލަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ހޮވިވަޑައިގެންފައިވާ މެންބަރުންނާ ބައްދަލުކުރެއްވި އެވެ. މި ބައްދަލުކުރެއްވުމުގައި އައްޑޫ ސިޓީ ކައުންސިލާއި މާލޭ ސިޓީ ކައުންސިލް ގުޅިގެން ދެ ސިޓީގެ ތަރައްޤީއަށް މަސައްކަތް ކުރެއްވުމުގެ މުހިންމުކަމާ ބެހޭ ގޮތުން އެ ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ މަޝްވަރާ ކުރެއްވި އެވެ.

އައްޑޫ ސިޓީގައި ހިނގަމުންދާ ސްކޫލްތަކުގެ ސްކޫލް ބޯޑު މެންބަރުންނާ ވެސް ރައީސުލްޖުމްހޫރިއްޔާ މުޙިއްބުއްދީން ސްކޫލްގައި މިއަދު މެންދުރު ފަހު ބައްދަލުކުރެއްވި އެވެ. މި ބައްދަލުކުރެއްވުމުގައި، އައްޑޫ ސިޓީގެ ސްކޫލްތައް ހިންގުމުގައި ދިމާވާ ދަތިތަކުގެ މަޢުލޫމާތު އޮޅުންފިލުއްވައި މި ދަތިތައް ޙައްލުކުރެއްވުމަށް ސަރުކާރުން އެޅުއްވެން ހުރި ފިޔަވަޅުތަކަކީ ކޮބައިތޯ ރައީސުލްޖުމްހޫރިއްޔާ ބެއްލެވިއެވެ.

މީގެއިތުރުން، ސަދަން ޔުޓިލިޓީޒް ކުންފުނީގެ ބޯޑާއި މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ޗެއަމަންއާއި މެނޭޖިންގ ޑިރެކްޓަރާއި އެސްޓީއޯ ބޯޑާއި، ސަރަޙައްދީ ބަނދަރުގެ ބޯޑާއި، ގަން އެއަރޕޯރޓް ކުންފުނީގެ ބޯޑާއި، ސައުތު ހެލްތު ސަރވިސަސް ކޯޕަރޭޝަންގެ ބޯޑާވެސް ރައީސުލްޖުމްހޫރިއްޔާ މިއަދު މެންދުރުފަހު ބައްދަލުކުރެއްވިއެވެ މި ބައްދަލުކުރެއްވުމުގައި، ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕް އުޞޫލުންނާއި، ވިޔަފާރި އުޞޫލުން، ރައްޔިތުންނަށް ލިބެންޖެހޭ ޢާންމު ޚިދުމަތްތައް ފޯރުއްވައިދެއްވުމަށް ސަރުކާރުން ދެއްވާ އިސްކަމާއި، މިކަމުގެ ސަބަބުން ރައްޔިތުންނަށް ލިބޭ ފައިދާގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވިއެވެ. މީގެއިތުރުން، އައްޑޫގައި ވިޔަފާރި ފުޅާކުރުމަށް މި ކުންފުނިތަކުން ކުރެވިދާނެ ކަންކަމާ ބެހޭގޮތުންވެސް ރައީސުލްޖުމްހޫރިއްޔާ މި ކުންފުނިތަކާއެކު މަޝްވަރާ ކުރެއްވިއެވެ.

އައްޑޫ ސިޓީގައި މަސައްކަތް ކުރައްވާ ސިވިލް ސަރވިސްގެ މުވައްޒަފުންގެ ތެރެއިން، ޑިރެކްޓަރުން ފެށިގެން މަތީ މަގާމުތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ މިއަދު ހަވީރު ބައްދަލުކުރެއްވި އެވެ. މި ބައްދަލުކުރެއްވުމުގައި، ލާމަރުކަޒީ އުޞޫލުގެ ދަށުން އައްޑޫ ސިޓީ ކައުންސިލް ޤާއިމް ކުރެވިގެން ދިޔުމަކީ، ސަރުކާރުގެ ހިންގުމަށް އަންނަ ވަރަށް ބޮޑު ބަދަލެއްކަން ފާހަގަކުރައްވައި، އެކަމާ ގުޅޭގޮތުން، އެބޭފުޅުންގެ ޚިޔާލު ހޯއްދެވި އެވެ.
އަދި، އައްޑޫ ސިޓީގައި މަސައްކަތް ކުރައްވާ ސަރުކާރު މުވައްޒަފުން ކުރައްވާ މަސައްކަތުގެ އަގު ސަރުކާރުން ވަޒަން ކުރައްވާކަމަށް ވިދާޅުވެ، އެބޭފުޅުން ކޮށްދެއްވާ އިޚްލާޞްތެރި މަސައްކަތަށްޓަކައި އެބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ، އައްޑޫ ސިޓީއަށް މިކުރައްވާ ދަތުރުފުޅުގައި، އައްޑޫ ސިޓީގައި ހަރަކާތްތެރިވާ އަމިއްލަ ޖަމްޢިއްޔާތަކާއި، ހިލޭސާބަހަށް މަސައްކަތް ކުރާ ޖަމާޢަތްތަކާ މިރޭ އިރާކޮޅު ބައްދަލުކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި، ލާމަރުކަޒީ އުޞޫލުން ރާއްޖޭގެ އަތޮޅުތަކާއި، ސިޓީތައް ހިންގަން ފެށުމުން، މިފަދަ ޖަމާޢަތްތަކުގެ ދައުރު ފުޅާވެގެންދާނޭ ކަމަށާއި، މި ނިޒާމް ހަރުދަނާ ކުރެއްވުމުގައި މި ޖަމާޢަތްތަކަށް، ޚާއްޞަގޮތެއްގައި އައްޑޫ ސިޓީގައި ވަރަށް މުހިންމު އަދާކުރެވިދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، މިފަދަ ޖަމާޢަތްތަކަށް، ޔޫއެންޑީޕީ އިން ދެއްވުމަށް މިއަހަރު ކަނޑައަޅުއްވާފައިވާ އެހީ، ކުރީ އަހަރުތަކަށްވުރެ އިތުރު ވެފައިވާ ކަމަށް ވިދާޅުވެ، މިއީ، މި ޖަމާޢަތްތަކުގެ ހަރަކާތްތައް ހަރުދަނާ ކުރުމަށް ލިބޭނެ އިތުރު އެހީތެރިކަމެއްކަން ވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި އެވެ.