06 Mar 2015, 14:56
ހަތަރު ގައުމަކަށް އިންޑިއާގެ ބޮޑުވަޒީރު ނެރެންދުރަ މޯދީ އަންނަ ހަފްތާގައި ކުރައްވާ ދަތުރުފުޅުން ރާއްޖެ އުނިކޮށްފި ކަމަށް އިންޑިއާގެ ނޫސްތަކުން މިއަދު ބުނެފި އެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ އޮފިޝަލަކާ ހަވާލާދީ ދަ ހިންދޫ ނޫހުން މިއަދު ބުނީ މޯދީ އަންނަ ހަފްތާގައި ސްރީލަންކާ އާއި މޮރިސަސް އާއި ސީޝެލް އަށް ދަތުރު ފުޅު ކުރައްވާނެ ކަމަށެވެ. ނަމަވެސް އެ ލިސްޓުން ރާއްޖެ އުނިކޮށްފައިވާ ކަމަށެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒުގެ އޮފިޝަލް ވިދާޅުވީ އަންނަ ބުދަ ދުވަހު ބޮޑުވަޒީރު ސީޝެލް އަށް ވަޑައިގެން ޝަރަފުވެރި މެހުމާނެއްގެ ގޮތުގައި އެ ގައުމުގައި އެ ދުވަހު ފާހަގަ ކުރާ ގައުމީ ދުވަހުގެ އިހްތިފާލުތަކުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. އަދި އެ އަށް ފަހު ދެ ދުވަހުގެ ދަތުރުފުޅަކަށް ސްރީލަންކާ އަށް ވަޑައިގަންނަވާނެ ކަމަށެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީ އިން މިއަދު ކުރި ޓުވީޓެއްގައި ބުނީ އިންޑިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަތުމުގެ ކުރީން ދެ ގައުމުން އިތުރަށް ތައްޔާރުވާން ހުރި ކަންކަން ނިންމުމަށް ބޮޑުވަޒީރު މޯދީ ރާއްޖެ ވަޑައިގަތުން ފަސްކޮށްފައިވާ ކަމަށެވެ.
The Indian PM's visit has been postponed on mutual agrmnt to give more time for both Govts to prepare more. New dates will b announced later
— MFA-Maldives (@MDVForeign)March 6, 2015
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީ އޮފިޝަލަކާ ހަވާލާދީ ހިންދޫ ނޫހުން ބުނީ ބޮޑުވަޒީރުގެ ދަރުފުޅު ރާއްޖެ އަށް ކެންސަލް ކުރެއްވި ސަބަބު ސަރުކާރުން ނުބުނާ ކަމަށެވެ. ނަމަވެސް ނަން ހާމަ ނުކުރާ އޮފިޝަލަކާ ހަވާލާދީ އެ ނޫހުން ބުނީ މޯދީ ރާއްްޖެ ވަޑައިނުގަންނަ ވަނީ އިންޑިއާ ސަރުކާރުން ރާއްޖޭގެ "ދާހިލީ ކަންކަމާ ނުބެހުމުގެ" ގޮތުން ކަމަށެވެ.
ހިންދޫ ނޫހުން ބުނީ ބޮޑުވަޒީރު އިންޑިއަން އޯޝަންގެ ގައުމުތަކަށް ކުރައްވާ ދަތުރުފުޅުން ރާއްޖެ އުނިކުރުމަކިީ ކުޑަ ކަމެއް ނޫން ކަމަށެވެ. އެއީ އިންޑިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން އިއުލާން ކުރައްވާފައި ވާތީ ކަމަށް ވެސް އެ ނޫހުން ބުންޏެވެ. އަދި ބުނީ ދުންޔާ އިންޑިއާ އަށް ވަޑައިގެން އިންޑިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަތުމާ ބެހޭ ގޮތުން އެެ ގައުމުގެ އެކްސް ޓާނަލް މިނިސްޓަރާ ވެސް މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.
އިންޑިއާ ސަރުކާރުގެ އޮފިޝަލަކާ ހަވާލާދީ ހިންދޫ ނޫހުން ބުނީ ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާ ދޭތެރޭ އަމަލު ކުރި ގޮތުން އިންޑިއާ ސަރުކާރުން ހައިރާންވެފައިވާ ކަމަށާއި އަދި ނަޝީދު ހައްޔަރުކޮށް ޓެރަރިޒަމްގެ ދައުވާ އުފުލުމުގެ އިތުރުން ނަޝީދު ކޯޓަށް ވެއްދުމަށް ފުލުހުން ގެންގުޅުނު ހަރުކަށި ގޮތާ ދޭތެރޭ އިންޑިއާ ސަރުކާރުން ބާރު ގަދަ ބަޔާނެއް ނެރެ ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށެވެ.