06 Mar 2015, 13:25
އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ)ގައި މުޒާހަރާ ކުރި 14 އަންހެނަކާއި ފިރިހެނަކު ދެ މަސް ދުވަސް ވަންދެން ބައިވެރިނުވެވޭ ގޮތަށް ޝަރުތުތަކަކާއެކު ދޫކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން" އަށް ވިދާޅުވީ، އެ މީހުން ދޫކޮށްލީ ރޭގެ ވަގުތެއްގައި ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ގެންދިއުމުން ކަމަށެވެ.
ޓެރަރިޒަމްގެ ދައުވާއަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރުމަށް ގޮވާލައި އެއާޕޯޓްގައި އެ މީހުން މުޒާހަރާ ކުރާ މަންޒަރު ބައެއް ޓީވީ ތަކުން ވަނީ ލައިވްކޮށް ދައްކާފަ އެވެ. އެގޮތުން ދެއްކި މަންޒަރު ތަކުން ފެންނަނީ ބޯޑުތަކެއް ހިފައިގެން ތިބެ، އެއާޕޯޓްގައި އެ މީހުން އަޑު އުފުލަމުން ދިޔަ މަންޒަރެވެ.
ސުލްހަވެރިކަމާއި އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގައި ބުނެފައިވާ ގޮތުން މުޒާހަރާ ކުރުން މަނާ ސަރަހައްދުތަކުގެ ތެރޭގައި ރާއްޖޭގެ ވައި ބަނދަރުތައް ހިނެ އެވެ.