ޑައިވިން ދޯންޏަކާއި ލޯންޗެއް ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ އެވެ.

ބަރޮސް ރިސޯޓް ކައިރިން ދަތުރުކުރި ޑައިވިން ދޯންޏަކާއި ލޯންޗެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި މަރުވެފައި ވަނީ ދޯނީގެ ކެޕްޓަން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އިންނަމާދޫ ކައުންސިލްގެ ރައީސް އިބްރާހީމް ފަޔާޒު މިއަދު ސަންއަށް ވިދާޅުވީ، ބަރޮސް ރިސޯޓުކައިރީގައި ކަނޑުމަތީގައި ހިނގި އެކްސިޑެންޓްގައި މަރުވެފައި ވަނީ، އިންނަމާދޫ، މެހުރާ، އުމުރުން 35 އަހަރުގެ އަހްމަދު ނަދީމް ކަމަށެވެ.

ފުލުހުން ބުނީ އެކްސިޑެންޓު ހިނގި ސަރަހައްދުގައި މެރިން ޕޮލިސް ފުލުހުންނާއި އަދި އޭޑީކޭގައި މާލެ ސިޓީ ފުލުހުން އަންނަނީ ހަރަކާތްތެރިވަމުން ކަމަށެވެ. އަދި އެ އެކްސިޑެންޓްވި ލޯންޗުގައި ދަތުރުކުރި ޗައިނާގެ ތިން ފަތުރުވެރިއަކަށް ކުދިކުދި އަނިޔާތައް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

"ސަން" ގެ ނޫސްވެރިން އޭޑީކޭއަށް ދިޔައިރު ޒަހަމްތަކެއް ލިބިފައިވާ ފަތުރުވެރިންތަކެއް އޭޑީކޭ އަށް ގެންނަމުން ދިޔައެވެ.

އެކްސިޑެންޓްގައި އަނިޔާވިކަމަށް ބެލެވޭ ފަތުރުވެރިއަކަށް ފަރުވާދިނުމަށް އޭޑީކޭ ހޮސްޕިޓަލަށް ގެނެސްފައި -- ސަން ފޮޓޯ: އަލީ ނަސީރު

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން" އަށް ވިދާޅުވީ އެ އެކްސިޑެންޓު ހިނގީ މިއަދު 11:40 ހާއިރު ކަމަށެވެ. އަދި އެކްސިޑެންޓުގެ މައުލޫމާތު ފުލުހުންނަށް ހުށަހަޅާފައި ވަނީ އެވަގުތު އެކްސިޑެންޓުވި ދޯނީގައި ހުރި މީހަކު މާލޭގައި ހުރި މީހަކަށް ގުޅުމުން މާލޭގައި ހުރި މީހާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ބެލެވޭ ގޮތުގައި އެކްސިޑެންޓުވި ލޯންޗާއި އަދި ޑައިވިން ދޯންޏަކީ ވެސް ބަރޮސް ރިސޯޓުގެ ދެ އުޅަނދު ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އަދި މިހާރު އެ ދޯނި އަޑިއަށް ގޮސްފައި ވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.