ކުޑަ ކުދިންނާ ބެހޭ މީހުން ފަޅާއަރާނެ ކަމަށާއި އެމީހުންނަކީ ކޮބައިކަން އެހެން މީހުންނަށް އެނގި، އެމީހުން މުޖްތަމައުން އެކަހެރި ކުރަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިއަދު ހެނދުނު ބަނޑޮހުގައި އޮތް ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ދެ ދުވަހުގެ ޤައުމީ މަހާސިންތާ ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކުޑަކުދިންނާ ބެހުމަކީ ހުތުރު އަމަލެއް ކަމަށާއި އަދި ކުޑަކުދިންނާ ބެހޭ މީހުން ފަޅާއަރާނެ ކަމަށެވެ. އަދި އެމީހުންނަކީ ކޮބައިކަން އެހެން މީހުންނަށް އެނގި، އެމީހުން މުޖްތަމަޢުން އެއްކައިރި ކުރަން ޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އެއީ، ކަނޑައެޅިގެން ނުލަފާ މީހުން. އެމީހުން އެއްކައިރީގައި ބައިތިއްބައި، އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ރާއްޖެ ސަލާމަތްކޮށް، މިރާއްޖެ ތަރައްޤީކޮށް، އަޅުގަނޑުމެންނަށް މިއަދަށް ވުރެ އުފާވެރި މާދަމައެއް ހޯދެން ޖެހޭނެ. އެ ހޯދުމުގެ މަސައްކަތް ކުރުމުގައި، އަޅުގަނޑު ތިޔަ އެންމެ ބޭފުޅުންނަށް އަދި ރާއްޖޭގެ އެންމެ ރައްޔިތުންނަށް ޔަޤީންކަން އަރުވަން، އަޅުގަނޑެއް އަދި މި ސަރުކާރެއް އެންމެ ފިޔަވަޅެއް ވެސް ފަހަތަށް ނުޖެހޭނެ ކަމާއި އަދި އެންމެ ސިކުންތެއް ވެސް އިރާދަކުރެއްވިއްޔާ ބޭކާރު ގޮތުގައި އަޅުގަނޑުމެން ހޭދަނުކުރާނެކަން. އެންމެ ފައިސާ ފޮއްޗެއްވެސް އިސްރާފު ނުކުރާނެކަން." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކުޑަ ކުދިން ޙިމާޔަތްކޮށް، އެކުދިން ރައްކާތެރިކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި އަދި އެ ކުދިން ހިމާޔަތް ކުރަން ޖެހެނީ ވަކި މީހަކަށް ޓަކައި ނޫން ކަމަށާއި އަދި މާދަމަ އަށްޓަކައި ވެސް ނޫން ކަމަށެވެ. ރައީސް ވިދާޅުވީ ކުޑަ ކުއްޖާ ސަލާމަތް ކުރަންވީ ހަމައެކަނި ކުއްޖާ އަށްޓަކައި ކަމަށެވެ.

"އަޅުގަނޑުމެންނަށް ދެކެވޭ، ތަރައްޤީއަށްޓަކައި ކުޑަކުދިން ޙިމާޔަތް ކުރަންޖެހޭތަން. އަޅުގަނޑުމެންނަށް ދެކެވޭ، އާޚިރަތަށްޓަކައި ކުޑަކުދިން ޙިމާޔަތް ކުރަންޖެހޭތަން .އަޅުގަނޑުމެންނަށް ދެކެވޭ، އިޤްތިސާދީ، އިޖްތިމާޢީ، މިދެންނެވި ކިތަންމެ ސަބަބަކަށްޓަކައި ކުޑަކުދިން ޙިމާޔަތް ކުރަން ޖެހޭނެކަން. އަޅުގަނޑަށް ފެންނަ ފެނުމުގައި، މިދެންނެވި ހުރިހާ ކަމަކީ ވެސް ތިމަންނާއަށް ޓަކައި އޭނާ ޙިމާޔަތް ކުރުމުގެ ވާހަކަ އަޅުގަނޑުމެންނަށް މިދެކެވެނީ. ތިމަންނާ އަށް ރަނގަޅުވުމަށްޓަކައި. ތިމަންނާ ސުވަރުގެ ދިޔުމަށްޓަކައި. ތިމަންނާ ތަނަވަސްވުމަށް ޓަކައި." ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ ރަށްރަށަށް ރައީސް ކުރައްވާ ދަތުރުތަކުގައި ވަރަށް ގިނަ ގޭގެ އަށް ވަންނަވައި ވަރަށް ގިނަ ކުދިންނާ ބައްދަލުވެވޭ ކަމަށާއި ސަރުކާރުގެ އެކިއެކި މުއައްސަސާތަކާއި އދ.ގެ އެކިއެކި ޖަމާޢަތްތަކުގެ ދިރާސާތަކާއި ހޯދުންތަކުން، މި ގައުމުގެ ޙަޤީޤަތް ވަރަށް ސާފުކޮށް އަންގައިދޭ ކަމުގައި ރައީސް ވިދާޅުވި އެވެ. އަދި އެކަންކަން ދޫކޮށްގެން ތިބެވެން ނެތް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އެނގިގެންދިޔަ، އދ.ގެ، ޔުނިސެފްގެ ރެޕްރެޒެންޓެޓިވް، މި ރާއްޖޭގައި ކުޑަކުދިންނާ ގުޅޭ ކަންކަމުގެ ޙާލަތު ހުރި ނުތަނަވަސް އަދި އަޅުގަނޑުމެން ނޭދޭ މިންވަރު ފާހަގަވެގެން ގޮސްފި. ރޭޕްކުރާ ޢަދަދާއި، އެ ކުދިންނަށް ޖިންސީ ހާނިއްކަ ކުރާ ޢަދަދާއި، ޖިސްމާނީ ހާނިއްކަ ކުރާ ޢަދަދާއި، މިންވަރާއި، އަދި ނަފްސާނީ ހާނިއްކަ ކުރާ މިންވަރު. އަޅުގަނޑުމެންނަކަށް މިކަންކަން ވަރިހަމަކޮށްގެން ތިބެވޭކަށެއް ނެތް. އަޅުގަނޑަށްޓަކައި ވެސް، އަޅުގަނޑުމެން އެންމެންނަށްޓަކައި ވެސް، އެ ކު ދިންނަށް ޓަކައިވެސް، މިޤައުމަށް ޓަކައިވެސް. އަދި ހަމަ އަޅުގަނޑު ތަކުރާރު ކުރާނަން، ޢާންމުންނަށް ޓަކައި ވެސް."

ކުޑަކުއްޖާ ސަލާމަތް ކުރުމަށްޓަކައި ހިނގާން ޖެހެނީ، މިވެނި ގޮތަކަށޭ، އަދި އިޝާރާތް ކުރަން ދަތި ކަމަށާއި ކުއްޖަކަށް މީހަކު އަނިޔާކޮށް ކަންތައްތައް ކުރަނީ އެ ކުއްޖެއްގެ ނުލަފާކަމުން ނުވަތަ އެ ކުއްޖެއްގެ ނުލަފާކަން ގުޅިފައި ހުރީ އެކުއްޖާގެ ނަފްސާނީ ބައްޔަކުންކަން ހަމައެކަނި ދެކިގެން، ނިންމާލެވެން ނެތް ކަމުގައި ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ކުޑަ ކުއްޖަކަށް އަނިޔާ ކުރަނީ، ތަންދޮރު ނޭނގޭ މިންވަރަކަށް، އޭނާގެ ހޭލުންތެރިކަން ނެތުމުން ކަމަށާއި ތަޢްލީމެއް ކުޑަކޮށް ވެސް ލިބިފައިނެތި، ނުވަތަ ވާނުވާއެއް ނުވަތަ ދުނިޔެ ހިނގާ ގޮތެއް، ދެންވާނެ ގޮތެއް ވެސް އޭނާ އަށް އެނގިފައި ނުވާތީވެ ކަމަށެވެ.

"ކުޑަކުއްޖަކަށް އަނިޔާ ކުރަނީ، އެ ކުއްޖާ ދިރިއުޅޭ ގެ ތޮއްޖެހިފައި އޮތް މިންވަރުންނޭ. އެތަނުގައި އުޅެވޭނެ އެހެން އެއްވެސް ގޮތެއް ނެތީމާއޭ. އޭނާ އަށް ދިމާވެފައި ހުރި ކިތަންމެ ދައްޗެއްގެ ސަބަބުންނޭ، ކުޑަކުދިންނަށް އަނިޔާ ލިބެނީ. ކުޑަކުދިންނަށް އަނިޔާ ލިބެނީ ރަށްރަށުގައި. އިޖްތިމާޢީ ކަންކަންވެސް، ޢާއިލީ ކަންކަންވެސް، ދިރިއުޅުމުގެ ކަންކަން ވެސް ރޭވިފައި ހުރި ކިތަންމެ ގޮތެއްގެ، ކިތަންމެ ކަމެއްގެ ސަބަބުންކަން ގައިމުވެސް އަޅުގަނޑުމެން ކިރިޔާ ވެސް ބަލައިލައިފި ނަމަ، އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެންނަށް ސާފުވެގެންދާނެ ކަމަށް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މިހާރު ލިބެންހުރި ވަސީލަތްތައް ބޭނުންކޮށްގެން، ރަނގަޅު ޗައިލްޑް ޕްރޮޓެކްޝަން ޕްރޮގްރާމެއް، ޔުނިޓެއް، ދަލެއް އަޅުގަނޑުމެންނަށް އެޅިދާނެ ކަމަށާއި އަދި އެ ވަސީލަތްތައް އެބަހުރި ކަމަށެވެ.

"ކުޑަކުދިންނަށް ލިބޭ އަނިޔާގެ ސަބަބުގެ ގޮތުގައި ހަމަ ނުލަފާކަން ހިމެނޭއިރުގައި ހަމަ އޭގެއިތުރުން، އެހެން ބޭފުޅުން ވެސް ފާހަގަކުރައްވައިފި، ޑްރަގުގެ ބާރުގަދަ މަސްތުވާތަކެއްޗަށް އަޅުގަނޑުމެންގެ ތެރޭގައި ދެވިހިފާފައިވާ މިންވަރާއި، އެ އާދަ އަޅުގަނޑުމެންގެ ތެރޭގައި ފެތުރެމުންދާ ދަރަޖަ އެއީ، ކުޑަކުދިންނަށް ހުރި ނުރައްކަލެއްކަން. އެނުރައްކާ އަޅުގަނޑުމެންނަށް ވަރަށް ސާފުވޭ. ގޭގެއަށް ދިޔައީމާ ފެންނާނެ. ދޮރުން ދޮރަށް ހިނގާ މީހުންނަށް ވަރަށް ބޮޑަށް ސާފުވާނެ. ކުދިން އުޅެމުން އަންނަ ގޮތާއި، ޚާއްޞަކޮށް، ތޮއްޖެހި އަދި މައިންބަފައިން ވެސް ހެރޮއިންގެ އަވާގައިޖެހި ތިބޭއިރުގައި، އަދި ބަލިވެއިން އިރުގައި ވެސް އެ އަވާގައި މައިންބަފައިން ނުވަތަ އަންހެން މީހާ ވެސް، ފިރިހެން މީހާ ވެސް އުޅެ ލިބުނު ކުއްޖާގެ ޙާލަތު ވަރަށް ދެރަވާނެ. އެ މަންޒަރު އަޅުގަނޑުމެންނަކަށް ބަލާކަށް ފަސޭހައެއް ނޫން. އެކަމަށް ޙައްލެއް އަޅުގަނޑުމެންނަށް ނުހޯދެންޏާ، އަޅުގަނޑުމެން ސަރުކާރެއް ހިންގަން އުޅުމުގެ ބޭނުމެއް ނެތް." ރައީސް ވިދާޅުވި އެވެ.