05 Mar 2015, 22:06
މާލޭގައި ކުރިއަށްދާ އެއްވުންތަކުގެ ބޭނުމަކީ ފުލުހުންގެ ބޮލުގައި ބަދުނާމުތަކެއް އަޅުވައި އެކަން ބަޔަކަށް ދެއްކުމަށް ކުރާ ކަމެއް ކަމަށް ކޮމިޝަނާ އޮފް ޕޮލިސް ޙުސައިން ވަޙީދު ވިދާޅުވެއްޖެ އެވެ.
ޕަބްލިކް އޯޑާ ޓްރޭނިން ކޯހުގައި ތަމްރީނު ހަދަމުންދާ ފުލުހުންނަށް ޓެކްޓިކަލް ސެޝަންތަކެއް ނަންގަވައިދެއްވުމަށް ފޭދޫ ފިނޮޅަށް ވަޑައިގެން ހުސައިން ވަހީދު ވިދާޅުވީ ފުލުހުން އަބަދުވެސް މަސައްކަތް ކުރަމުންދާނީ ދުނިޔޭގެ ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް ފައިހަމަކޮށް، ޕްރޮފެޝަނަލް ކަމާއެކު ކަމަށެވެ. ގާނޫނުގެ ދެމެހެއްޓުމަށް ފުލުހުންނަށް ޤާނޫނު އަސާސީންނާއި ޤާނޫނުތަކުން މަތިކޮށްފައިވާ ޤާނޫނީ ޒިންމާ އަދާ ކުރާނީ ސާބިތުކަން މަތީގައި ދެމިތިގެން ކަމުގައި ވެސް ސީޕީ ވިދާޅުވި އެވެ.
ސީޕީ ވިދާޅުވީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނުގެ ތެރެއިން ކުރެވޭ ކަންކަމަށް ދިވެހި ފުލުހުން ހުރަސް ނާޅާނެކަން މުޖުތަމައުން ފެންނަމުންދާ ކަމަށެވެ. ޤާނޫނީ އިމުގެ ތެރެއިން އަދި އެހެން މީހުންގެ މިނިވަންކަމަށާއި ޙައްޤުތަކަށް އުނިކަން ލިބި ވިޔަފާރިތަކަށް ގެއްލުން ނުލިބޭނެ ގޮތަށް ކުރެވޭ އިޙްތިޖާޖު ތަކަށާއި ބާއްވާ އެއްވުންތަކަށް ފުލުހުންގެ ފަރާތުން ރައްކާތެރިކަން ދެމުންގެންދާނެ ކަމަށާއި ރައްޔިތުންނާ ފުލުހުން މުޚާޠްބު ކުރާނީ އިޙްތިރާމާއެކުގައި ކަމަށް ވެސް ސީޕީ ވިދާޅުވި އެވެ.
ޙުސައިން ވަޙީދު ވިދާޅުވީ ފުލުހުން ދިވެހި ރައްޔިތުންގެ އިންސާނިއްޔަތު ކަމަށް އަބަދުވެސް އިޙްތިރާމް ކުރާ ކަމަށާއި އޭގެ ރީތި ނަމޫނާ މިހާރު ކުރިއަށްދާ ސިލްސިލާ އެއްވުންތަކާ އިޙްތިޖާޖްތަކުގެ ތެރެއިން ފެނިގެންދާ ކަމަށެވެ. އަދި ވިދާޅުވީ ފުލުހުން އަބަދުވެސް މަސައްކަތް ކުރާނީ އަމާންކަން ޤާއިމްކޮށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކަމަށެވެ.
ފުލުހުންގެ ފަރާތުން ފެނިގެންދާ އެފަދަ ހަރުދަނާ ސިފަތަކުގެ ސަބަބުން ރައްޔިތުން ފުލުހުންނަށް ކުރާ އިޙްތިރާމާއި ޤަދަރު މުޖުތަމަޢުގައި އުފުލިގެންދާ ކަމަށް ސީޕީ ވިދާޅުވި އެވެ. އެހެންކަމުން މިއަދު ރައްޔިތުންގެ ތެރެއިން މަދު ބަޔަކު މަސައްކަތް ކުރަމުންދަނީ ދިވެހި ފުލުހުންގެ މަސައްކަތާ ދޭތެރޭގައި ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފައްދައި ރައްޔިތުން ފުލުހުންނަށް ކުރާ އިތުބާރު ގެއްލުވާލުމަށް ކަމަށް ވެސް ސީޕީ ވިދާޅުވި އެވެ.
ހުސަން ވަހީދު ވިދާޅުވީ ކޮންމެ ފުލުހަކީ ވެސް އިންސާނީ ޙައްޤުތަކަށް އިޙްތިރާމް ކުރާ ބައެއްގެ ގޮތުގައި ތިބުމަށް އިލްތިމާސް ކުރައްވަމުންނެވެ. މުޒާހިރާތަކާ އެއްވުންތަކުގައި ބައިވެރިވާ ފަރާތުން ފުލުހުންނަށް ޕްރެޝަރު ބޮޑުކުރިޔަސް ލިބިފައިވާ ތަމްރީނުގެ ބޭނުން ހިފައި ޕްރޮފެޝަނަލްކަމާ ކެތްތެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތް ދިނުންމަތީ ދެމިތިބުމަށް ވެސް ސީޕީ އެދިވަޑައިގަތެވެ.